ދުނިޔޭގެ ގިނަ ޤައުމުތަކާ އަޅާބަލާއިރު ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތަށް ރައްޔިތުންގެ އަތުން ކުރާ ޚަރަދު މާބޮޑުތަންވެސް ކުޑައެވެ. އެހެނީ ރާއްޖޭގެ ސަރުކާރުން ހިންގާ ހޮސްޕިޓަލެއް ނުވަތަ ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒަކުން ޑޮކްޓަރަކަށް ދެއްކުމަށް ނުވަތަ ލެބޯޓްރީން ހައްދާ ޓެސްޓަކަށް ނޫނީ އެކްސްރޭއާއި އަލްޓްރާ ސައުންޑް ސްކޭން ހެއްދުންފަދަ އެއްވެސް ކަމަކަށް ދިވެހިރައްޔިތަކު އޭނާގެ އަމިއްލަ ޖީބުން ފައިސާ ދައްކާކަށް ނުޖެހެއެވެ. އަދި ޑޮކްޓަރ ލިޔެދެއްވާ ބޭހުގެ ތެރެއިން ވަރަށް މަދު ބޭހެއް ނޫނީ ގަންނާކަށް ނުޖެހެއެވެ. ގިނަބޭސް ތަކަކީ އާސަންދައިން ކަވަރުކުރާ ބޭސްތަކެވެ. އެހެންކަމުން ކޮންމެ ދިވެހިރައްޔިތަކުވެސް ރާއްޖޭގައި ބޭސްފަރުވާގެ ކަންކަން ކުރިއަށް ގެންދިއުމުގައި ޚަރަދުގެ މައްޗަށް މާބޮޑު ފިކުރެއް ކުރާކަށް ނުޖެހެއެވެ.
އާއްމުކޮށް ދިމާވާ ކަންކަމަށް ބޭސްކުރުމަށް ފައިސާ ޚަރަދުކުރަން ނުޖެހުމަކީ ވަރަށް އާދައިގެ ކަންކަމުގައިވެސް ޑޮކްޓަރަށް ދައްކައިގެން ބޭސްފަރުވާ ކުރަން ދިވެހިން ކުރިމަތިލާ މައިގަނޑު ސަބަބުކަމުގައި ވެދާނެއެވެ. ނުވަތަ އާދައިގެ ކަންކަމަށް ފަރުވާ ހޯދުމަށް ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ދިއުމުން އެތަންތަނުން ދެއްވާ ފަރުވާއާއިމެދު ހިތްހަމަޖެހޭ ޖެހުމަކީވެސް އާދައިގެ ކަންކަމަށް ފަރުވާހޯދުމަށް ހޮސްޕިޓަލްތަކާ ޞިއްޙީ މަރުކަޒުތަކަށް ދިއުން މުހިއްމުވާ އަނެއް ސަބަބު ކަމަށްވުންވެސް ގާތެވެ. ނިކަން ބައްލަވާށެވެ. އާދައިގެ ވަރަކަށް ބޮލުގައި ރިއްސާފައި ނޭފަތުން އަރިދަފުސް ފައިބާތީ ޑޮކްޓަރަށް ދެއްކިކަމުގައި ވިޔަސް އެމީހާގެ ކުޑަކަމުދާ ތަކެއްޗާއި ލޭގެ ގިނަ ޓެސްޓްތަކެއް ހައްދާނެއެވެ. އެމީހާއަކީ ކެއުމުގެ ތެރޭގައި ކޯސްޓް ކެލްސިއަމް ކިރާއި ކަދުރު ހިމަނައިގެން ކައިހަދާ، ދުވާލު ހަތަރުދަމު ދަނޑުގައި މަސައްކަތްކުރާ ދަނޑުވެރިޔަކަށްވިޔަސް އިތުރު ސުވާލު ކުރެއްވުމެއްނެތި ވިޓަމިންޑީ އާއި ކެލްސިއަމްގެ އިތުރަށް ގިނަބާވަތްތަކެއްގެ ޓެސްޓްތައް ޑޮކްޓަރ ލިޔެދެއްވައެވެ. ކުޑަކަމުދާއިރު ދިލަނެގުމެއް ނުވަތަ ބަނޑުގައި ރިހުމެއްނެތް ކަމުގައި ވިޔަސް އެމީހާގެ ކުޑަކަމުދާ ތަކެތި ތަހުލީލުކޮށް،އޭގައި ބެކްޓީރިއާ ހުރިތޯ ބަލަން ޔުރިންކަލްޗަރވެސް ލިޔެދެއްވަފާނެއެވެ. އަދި އަލްޓްރާ ސައުންޑް ސްކޭނެއްވެސް ހައްދަވާފާނެއެވެ. ގިނަފަހަރަށް މިޓެސްޓް ތަކުން ބަލިމީހާގެ ހަށިގަނޑުގައި އެއްވެސް ބައްޔެއް ހުރިކަމަށް ނުދައްކާނެކަން ބަލިމީހާއަށް ނޭނގުނު ކަމުގައި ވިޔަސް ޑޮކްޓަރަށް ރަނގަޅަށް އެނގި ވަޑައިގަންނަވާނެއެވެ.
ސުވާލަކީ ޑޮކްޓަރުން ގިނަޓެސްޓް ތަކެއް ހައްދައި ގިނަ ބޭސްތަކެއް ލިޔެދެއްވަންޖެހޭ ސަބަބަކީ ކޮބައިހެއްޔެވެ؟ އަޅުގަނޑަށް ވިސްނޭ ގޮތުގައި ގިނަމީހުން ޑޮކްޓަރަށް ދައްކަނީ އެމީހުންގެ ހިތަށް ހަމަޖެހުމެއް ލިބިގަތުމަށް ކަމަށް ވުމުން އެމީހުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދެއްވުމުގެ ބޭނުމުގައި ގިނަ ޓެސްޓްތަކެއް ހައްދަވަނީއެވެ. މިދެންނެވި ޓެސްޓްތައް ހެއްދެވުމަށްފަހު ބަލިމީހާގެ ކިބައިގައި ބައްޔެއް ނެތްކަން އެނގުމުން އެމީހުންނަށް އެލިބޭ ހިތްހަމަޖެހުމާއެކު ހޯދޭ ނަފްސަނީ ދުޅަހެޔޮކަމުގެ ނަތީޖާއަކީ ޑޮކްޓަރުން ގިނަ ޓެސްޓްތަކެއް ހައްދާ މައިގަނޑު ސަބަބު ކަމުގައި ވެދާނެއެވެ.
ބޭސްފަރުވާ ކޮށްދެއްވަން ތިއްބަވާ ޑޮކްޓަރުންނާ ބަލިވެގެން ޑޮކްޓަރަށް ދައްކަންދާ މީހުންނަށް އިހުސާސް ނުވިކަމުގައި ވިޔަސް ހޮސްޕިޓަލް ތަކުން ހައްދާ ޓެސްޓް ތަކަށާއި ބޭސްފިހާރަތަކުން ވިއްކާ ބޭހަށް ދިވެހިދައުލަތުގެ ބަޖެޓުން އެތައް މިލޔަން ރުފިޔާއެއް ހޭދަކުރައްވައެވެ. އެހެންކަމުން މިޚަރަދު ކުޑަކުރުމަށްޓަކައި ޓެސްޓްތައް ހެއްދުމުގެ ކުރިންވެސް ބަލިމިހާގެ ކިބައިން ފެންނަ އަލާމަތްތަކަށް ރިޢާޔަތްކޮށް އެމީހާގެ ބަލީގެ ޙާލަތު ދެނެގަނެވޭހާ ޢިލްމު ރާއްޖޭގައި މަސައްކަތް ކުރައްވާ ޑޮކްޓަރުންގެ ކިބައިގައި ހުންނަން އެބަޖެއެހެއެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އެބޭފުޅުންގެ ކިބައިގައި އެއިލްމުވެރިކަމާ ތަޖުރިބާ ހުންނާނެއެވެ. ބަލިމީހާއަކީ ޓެސްޓްތައް ހައްދައިގެން އިތުރަށް އޭނާގެ ބަލީގެ ހާލަތު ދެނެގަންނަން ޖެހޭވަރުގެ ބަލިމީހެއްކަން ބަލިމީހާގެ ކިބައިން ފެންނަ ބަލީގެ އަލާމާތްތަކާ އޭނާގެ ޝަކުވާތަކަށް ރިޢާޔަތްކޮށްގެން ޑޮކްޓަރުންނަށް ދެނެގަނެވޭނެއެވެ. ރާއްޖެގައި މަސައްކަތް ކުރައްވަނީ އެފެންވަރުގެ ޑޮކްޓަރުންނެވެ.
ދިވެހިންގެ ތެރެއިން އަވައްޓެރި ގައުމުތަކުގެ ހޮސްޕިޓަލުތަކުން ފަރުވާ ހޯދާ ފަރާތްތަކަށް ކުރެވޭނެ އެއްތަޖުރިބާއަކީ އެގައުމުތަކުގެ ހޮސްޕިޓަލްތަކުން ދިވެހިން ބޭސްފަރުވާ ހޯދުމަށްޓަކައި ޑޮކްޓަރަށް ދެއްކުމުން ނަންހުސްކޮށް ޓެސްޓްތައް ހައްދައި ގިނަ ޢަދަދެއްގެ ފައިސާ ހޮސްޕިޓަލަށް ހޯދާކަމެވެ. އެމީހުން އެކަންކުރަނީ ވިޔަފާރިއަށް ކަމުގެ ވާހަކައަކީ ދިވެހިންގެ ތެރޭގައި ދެކެވޭ އާއްމު ވާހަކައެކެވެ. ބޭރުގެ މިފަދަ ވިޔާފާރި ހޮސްޕިޓަލްތަކުން ހޮސްޕިޓަލްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދަނީ ބަލިމީހުންގެ އަތުންނެވެ. ހޮސްޕިޓަލްތައް ހިންގަނީ ވިޔަފާރި ފައިދާއަށެވެ. އެހެންނަމަވެސް ރާއްޖޭގެ ސަރުކާރުން ހިންގަވާ ޞިއްހީ ފަރުވާ ދޭތަންތަނަކީ ވިޔަފާރި އުޞޫލުން ހިންގާ ތަންތަނެއްނޫނެވެ. ރާއްޖޭގައި ސަރުކާރުން ދެއްވަނީ އަސާސީ ޚިދުމަތެކެވެ. އެކަމަކު މިއަސާސީ ޚިދުމަތް ދެއްވުމުގެ ނިޒާމު މިހާރު ހަމަޖެހިފައި އޮތްގޮތުން ހޮސްޕިޓަލްތަކުން އާސަންދައަށް ބިލްކޮށްގެން ޞިއްޙީ ފަރުވާދޭ މަރުކަޒުތަކަށް ފައިސާ ހޯދައެވެ. ރާއްޖެއިން ބޭރުގެ ހޮސްޕިޓަލް ތަކުންވެސް މިކަން ކުރާގޮތާ މާބޮޑު ތަފާތުކަމެއް ނެތިއެވެ. އެހެންކަމުން އާސަންދައަށް ކަނޑައެޅިފައިވާ ބަޖެޓްގެ ބޮޑު އިންސައްތައެއް ހުސްވަމުންދަނީ ހޮސްޕިޓަލްތަކުގެ ބިލްތައް ދެއްކުމަށެވެ.
އާސަންދަ ފެށުމުގެ ކުރީން، އަދި މަދަނައިގެ ޚިދުމަތް ފެށުމުގެ ކުރިން ރާއްޖޭގައި ސަރުކާރުން ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދެއްވަމުން ގެންދެވި ގޮތަކީ ޚިދުމަތެއްގެ ގޮތުގައި މާބޮޑަށް ފެނިގެންދިޔަ ގޮތެކެވެ. ޑޮކްޓަރަށް ދެއްކުމާ ޓެސްޓްތައް ހެއްދުމަށް އަދި ހޮސްޕިޓަލުންދޭ އާދައިގެ ޚިދުމަތްތަކަކަށް ބަލިމީހާގެ އަތުން އެއްވެސް ފީއެއް ނުނަގައެވެ. ބޭސްސިޓީގައިވާ ބޭސް ގަންނަން ޖެހެނީ ބަލިމީހާ އަމިއްލައަށެވެ. ނަތީޖާއަކަށް ވަނީ ކޮންމެހެން ޑޮކްޓަރަށް ދައްކަން ޖެހޭފަދަ ހާލަތެއްގައި މެނުވީ ޑޮކްޓަރަށް ނުދެއްކުމެވެ. ކޮންމެހެން ގަންނަން ޖެހޭ ބޭހެއް ފިޔަވައި އިތުރު ބޭހެއް ނުގަތުމެވެ. އެހެންކަމުން ޞިއްޙީ ނިޒާމުން ކުރެވެމުންދިޔަ ޚަރަދު މިހާރާ އަޅާބަލާއިރު ނިސްބަތުން ވަރަށްބޮޑުތަން ކުޑައެވެ. މިއަދު ފެންނަހެން ޑޮކްޓަރ ލިޔެދެއްވާ ބޭސްސިޓީގައިވާ ބޭސް ގަނެގެން ގެއަށް ގެންގޮސް ބޭސް ނުކައި އުކާލާ ތަނެއް ނުފެނެއެވެ.
އަޅުގަނޑުމެން ދިވެހިންނަށްވީތީ ކުރަންޖެހޭ ހަމައެކަނި ކަމަކީ ދިވެއްސަކަށްވީތީ ފަޚުރުވެރިވުމެއް ނޫނެވެ. ދިވެހިރާއްޖޭގެ އިގުތިޞާދު ހަރުދަނާކޮށް، ގައުމުގައި ކުރެވޭ އިސްރާފު މަދުކުރުމުގައި އެންމެންވެސް ބައިވެރިވާން ޖެހެއެވެ. އެހެންކަމުން ރާއްޖޭގެ ޞިއްޙީ ދާއިރާގައި ކުރެވެމުންދާ ބޭކާރު ޚަރަދު މަދުކުރުމަށްޓަކައި ފިޔަވަޅުތަކެއް އަޅަން ވެއްޖެއެވެ. ފަރުދީ ފެންވަރުގަޔާއި މުއައްސަސާތަކުގެ ފެންވަރުގައި މަސައްކަތް ފަށަން ޖެހެއެވެ. ބޭކާރު ގޮތުގައި ބޭސްސިޓީގައި ބޭސް ލިޔެދެއްވުމާއި ކޮންމެހެން ކުރަންނުޖެހޭ ޓެސްޓްތައް ކުރުން ހުއްޓާލުމަށް ޑޮކްޓަރުންގެ ފެންވަރުގައި މަސައްކަތް ފަށައިފިނަމަ ހަމަޔަގީނުންވެސް ބަލިކަށިވެފައިވާ ދިވެހި އިގުތިޞާދަށް ޑޮކްޓަރުންނަށް ފަރުވާއެއް ހޯދައި ދެވުނީއެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ޑޮކްޓަރުންގެ ޒިންމާ އަކީ ހަމައެކަނި ބަލިމިހާ ހިތްރުއްސައިގެން އެމީހާއަށް ފަރުވާދިނުން އެކަންޏެއް ނޫނެވެ. ގައުމުގެ އިގުތިސާދަށް ފަރުވާކޮށްދެއްވުމަކީވެސް ޑޮކްޓަރުންގެ ޒިންމާއެކެވެ.
މިއަދު ރާއްޖޭގެ ޞިއްޙީ ފަރުވާދިނުމުގެ ނިޒާމުގައި ރަނގަޅު ކުރަންޖެހޭ ގިނަކަންކަން ހުރިކަމީ ގިނަބަޔަކު ގަބޫލުކުރާނެ ހަގީގަތެކެވެ. ޞިއްޙީ ޚިދުމަތުގެ ނިޒާމުން ގިނައަދަދެއްގެ ފައިސާ އިސްރާފު ކުރެވެއެވެ. ގިނަބައެއްގެ ވަގުތާއި މަސައްކަތް ބޭކާރުވެސް ކުރެވެއެވެ. އެހެންކަމުން މިކަމަށް ޙައްލު ހޯދުމަށްޓަކައި ސަރުކާރުން ފައްޓަވާފައިވާ މަސައްކަތަށް އެންމެންގެ އެއްބާރުލުން ބޭނުމެވެ. އާސަންދައިގެ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތުގައި ހުރިހާ އެންމެން ބައިވެރިވާން ޖެހެއެވެ. ޚާއްޞަކޮށް ޑޮކްޓަރުންގެ އެހީތެރިކަން މިކަމަށް ބެނުމެވެ.