ކޮލަމް: ޖުމްހޫރީ މޭވާ ފޮނިކުރާނެ ގޮތް

ދިވެހި ދިދަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދަކީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހެވެ. އަޅުގަނޑުމެން ކުޑައިރު ދިވެހިރާއްޖޭގައި ފާހަގަކުރާ ދުވަސްތަކުގެ ތެރެއިން މީލާދީ ކަލަންޑަރުން އެންމެ ބޮޑަށް ފާހަގަކުރެވޭ ދެދުވަހަކީ ޖުލައި 26ވަނަ ދުވަހާއި ނޮވެމްބަރު 11ވަނަ ދުވަހެވެ. އެހެންކަމުން ނޮވެމްބަރު 11ވަނަ ދުވަހާއި ޖުލައި 26ވަނަ ދުވަހުގެ ޚާއްޞަކަން އަޅުގަނޑުމެންގެ ހިތްތަކުގައި ވަރަށް ބޮޑަށް އޮވެއެވެ. ޖުލައި 26 ވަނަ ދުވަހަކީ ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނު ދުވަސް ކަމާއި ނޮވެމްބަރު 11ވަނަ ދުވަހަކީ ރާއްޖޭގައި ޒަމާނުއްސުރެ ކުރަމުން އައި ރަސްކަން ރައްޔިތުން ހޮވާ ވެރިޔަކު ވެރިކަން ކުރާ ނިޒާމަކަށް ބަދަލުވެގެން ދިޔަ ދުވަސްކަން އަޅުގަނޑުމެން އެންމެންނަށް ވެސް އެނގެއެވެ. މިއަދަކީ އޭގެ ތެރެއިން އެއްދުވަހެވެ. ރާއްޖޭގެ ޖުމްހޫރީ ދުވަހެވެ. ދިވެހިރާއްޖޭގައި ދެވަނަ ފަހަރަށް ޖުމްހޫރީ ވެރިކަމެއް ޤާއިމުވިތާ 56 އަހަރު ފުރުނު ތާރީޚީ ދުވަހެވެ.

މިއަދު ރާއްޖޭ ޖުމްހޫރީ ދުވަހުގެ ވާހަކަ ދައްކަމުންދާއިރު ޖުމްހޫރިއްޔަތެއް ރާއްޖޭގައި ގާއިމުވެގެންދިޔަ ގޮތާއި، ޖުމްހޫރީ ތާރީޚުން އިބްރަތްތަކެއް ލިބިގަތުމަކީ ދިވެހި ޖުމްހޫރިއްޔާގެ ކޮންމެ ފަރުދަކަށް ވެސް މުހިއްމު ކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ.

މީލާދީން އޮނަވިހި ސަތޭކަ ތިރީސްނުވަވަނަ އަހަރުން ފެށިގެން ހަ އަހަރު ވަންދެން ކުރެވުނު ދުނިޔޭގެ ދެވަނަ ބޮޑުހަނގުރާމަ ނިމުނުއިރު ދިވެހިރާއްޖެއަށްވެސް ވަނީ ގިނަ ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެހެންކަމުން ރާއްޖޭގައި ހިނގަމުންދިޔަ ވިރާސީ ރަސްކަން އޭގެ ވާރުތަވެރީންނަށް ކުރިއަށް ގެންދިއުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. ނަތީޖާއެއްގެ ގޮތުން ޤައުމު ހިންގެވުމަށް ރަސްކަލަކު އިންތިޚާބު ކުރިއެވެ. އެހެންނަމަވެސް އެދުވަސްވަރު ދިވެހިން އެންމެ ލޯބިވި، އަދި ރާއްޖޭގެ އެންމެ މަޤުބޫލު ސިޔާސީ ލީޑަރު އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު ގައުމުގެ ރަސްކަމަށް އިންތިޚާބުކޮށް، މިސްރުގައި ދިރިއުޅުއްވަމުން ގެންދެވި އެކިލެގެފާނަށް އެރުވި ދަޢުވަތު ޤަބޫލުކުރައްވައި ރާއްޖެ ވަޑައިގެން ތަޚުތާއި ޙަވާލުވެވަޑައިނުގެންނެވިއެވެ. ނަތީޖާ އަކަށްވީ ވަލީކޮމިޓީގެ ނަމުގައި އުފެއްދެވި ކޮމިޓީއަކުން އަމީރު މުޙައްމަދު އަމީން އިސްވެ ހުންނަވައި ރާއްޖޭގެ ކަންކަން ބަލަހައްޓަވައި ދައުލަތް ހިންގެވުމެވެ.

އަމީން ދީދީ މިސްރުގެ އަހުރާމްތައް ކައިރީގައި.

އަލްއަމީރު މުޙައްމަދު އަމީންގެ ޒަޢާމަތުގައި އެދުވަސްވަރު ރާއްޖެއަށް ގިނަބަދަލުތަކެއް ގެންނަވަމުން ގެންދެވިއެވެ. އޭރު ދުނިޔެއަށް އަންނަމުންދިޔަ ބަދަލުތަކާ، ދިވެހިރާއްޖެއަށް ކޮންމެހެން ގެންނަން ޙާލަތު މަޖުބޫރުކުރި ބަދަލުތައް ގެންނެވުމަށް، މުޙައްމަދު އަމީން ކުރިއަށް ގެންދެވި އިސްލާހީ މަސައްކަތްޕުޅުގައި ހިމެނިގެން ރާއްޖެއަށް ގެނެވުނު އެންމެ ބޮޑު ބަދަލަކީ ދިވެރާއްޖޭގެ ވެރިކަމުގެ ނިޒާމު ޖުމްހޫރިއްޔަތަކަށް ބަދަލުކޮށް، މުޙައްމަދު އަމީން ރައީސްކަމުގެ ހުވާ ކުރެއްވުމެވެ. 1953 ވަނަ އަހަރު ފެށުނު ފުރަތަމަ ޖުމްހޫރިއްޔާ އިޢުލާނުކުރުމާއި އެޖުމްހޫރިއްޔަތުގެ ރައީސް ހުވާ ކުރެއްވުމުގެ ދަރުބާރާއި، އެކަމުގެ އުފަލުގައި ރާއްޖޭގައި އެތައް ދުވަހަކަށް ކުރިއަށް ގެންދިޔަ އުފާވެރިކަމުގެ ޙަރަކާތްތަކަކީ މިހާތަނަށް ރާއްޖޭގައި ބޭއްވުނު އެންމެ ކުލަގަދަ ޙަރަކާތްތަކެވެ. މިޙަރަކާތްތަކުން ރަމްޒުކޮށްދިނީ އެޖުމްހޫރިއްޔަތަށް ދިވެހިން އެދިއެދި ތިބި މިންވަރެވެ. އެހެންނަމަވެސް ޖުމްހޫރިއްޔަތަށް އަހަރު ދުވަސް ހަމަނުވަނީސް، ރައީސް ވެރިކަމުން ދުރުކޮށް، ވަރަށް އިހާނެތި ގޮތަކަށް އަނިޔާކޮށް އެމަނިކުފާނުގެ ނަންފުޅު ވެސް ”ޝަހީދުންގެ ލިސްޓަށް އަރައިގެންދިޔަ“އެވެ. މިކަމަކީ ވެރިކަމުގެ ދަހިވެތި ކަމުގައި، މުޙައްމަދު އަމީންގެ ”އިޞްލާޙީ ބަދަލުތަކަށް“ ނުރުހި ތިބި ބަޔަކު ހިންގި ލާއިންސާނީ އަދި ލާޤައުމީ އަދި ލާދީނީ ޢަމަލުތަކެއް ކަމުގައި ނޫނީ ތާރީޚު ނުލިޔާނެކަން ޔަގީނެވެ. ހިތިގޮތަކަށް ނިމުނު ”އުފާވެރި ބުލްބުލް ޖުމްހޫރީ“ އަށްފަހު ރާއްޖޭގައި އަލުން ރަސްކަމެއް ގާއިމުކޮށް ޖަލާލަތުލްމަލިކު މުޙައްމަދު ފަރީދު ތަޚުތުގައި ރެދަލި ކުރައްވަން ފެއްޓެވިއެވެ.

ޖަލާލަތުލް މަލިކު މުޙައްމަދު ފަރީދުގެ ރަސްކަމަކީ ރާއްޖެއަށް ހެޔޮ ބަދަލުތަކެއް ގެނެވުނު ރަސްކަމެކެވެ. ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ، އެ މައްސަލަތައް ހައްލު ވެސް ކުރެވުނު ރަސްކަމެކެވެ. ކީރިތި މަހާރަދުން ތަޚުތުގައި އިންނެވިޔަސް ޤައުމުގެ ކަންކަން ހިންގަވައި ޢަމަލީ ގޮތުން ކަންކަން ކުރިއަށް ގެންދެވީ ރަސްކަމުގެ ފުރަތަމަ ބޮޑުވަޒީރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނާއި ދެވަނަ ބޮޑުވަޒީރު އިބްރާހިމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނެވެ. މީގެ ތެރެއިން އިބްރާހިމް ނާޞިރުގެ ބޮޑުވަޒީރު ކަމުގެ ތާރީޚަކީ ދިވެހިން ރަންއަކުރުން ލިޔާނެ ވާހަކަ ތަކެކެވެ. ޚާއްޞަކޮށް ރާއްޖެ އިނގިރޭސިންގެ އަތްދަށުން މިނިވަން ކުރެއްވުމާއި، ދެވަނަ ފަހަރަށް ރާއްޖޭގައި ޖުމްހޫރިއްޔަތެއް ޤާއިމުކޮށް ދެވަނަ ޖުމްހޫރިއްޔާގެ ރައީސް ކަމުގެ މަޤާމާ އެމަނިކުފާނު ހަވާލުވެ ވަޑައިގަތުމެވެ. 1968 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވިލޭރޭ ރައީސް ކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު، ރާއްޖޭގައި ކުރިން ހުންނެވި ރަސްގެފާނަށް އެރުވުނު ޢިއްޒަތާ ކުރެވެމުންދިޔަ އިޙުތިރާމަކީ ޖުމްހޫރިއްޔާ ދިވެހިންނަށް ދަސްކޮށްދިން ޢިބުރަތްތެރި ފިލާވަޅުތަކެކެވެ. ވެރިކަމުގެ ދެދައުރު ނިންމަވާލެއްވުމަށްފަހު ތިންވަނަ ދައުރަކަށް ފުރުޞަތު އެރުވުމުން ވެސް ޒުވާން ރައީސުލްޖުމްހޫރިއްޔާއަކަށް ފުރުޞަތު ދެއްވުމަށް ސިޔާސީ ޙަޔާތްޕުޅު ނިންމަވާލެއްވި ރީތި ގޮތަކީ މިއަދު ”ދިރިތިބީންނަށް“ ދެއްކެވި ރިވެތި ނަމޫނާއެކެވެ.

ސަޢީދުގެ ފުރަތަމަ ކާފަަދަރިފުޅު އަދި އަނބިކަނބަލުން ހައްވާމަނިކެއާ އެކު ރައީސް ނާސިރު ސިންގަޕޫރުގައި ނާސިރު ދިރިއުޅުއްވާ އެޕާޓްމެންޓުގައި ---

ރައީސް ނާޞިރުގެ ވަރުގަދަ ޝަޚުސިއްޔަތުގެ ވެރިކަމުގެ ދިހަ އަހަރަށްފަހު އަލްއުސްތާޛު މައުމޫންޢަބްދުލްޤައްޔޫމު ކުރެއްވި ޙިކުމަތު ޢަމަލީން ފުރިގެންވާ ތިރީސް އަހަރުގެ ވެރިކަން ދެހާސްއަށްވަނަ އަހަރުނިމިގެން ދިޔައީ ޒަމާނީ ޑިމޮކްރަސީއެއް ތަޢާރަފްކޮށް މަލްޓިޕާޓީ ވެރިކަމުގެ ނިޒާމަކުން ސަރުކާރު ހިންގަން ފެށުމާއެކުގައެވެ. މަލްޓިޕާޓީ ސިސްޓަމުގައި ފެންނަ ހުރިހާ ކުލަތަކެއް ފެނި، ދެވަނަ ޖުމްހޫރިއްޔާގެ ތިންވަނަ ރައީސް މުޙައްމަދު ނަޝީދު އިސްތިޢުފާ ދެއްވައި، އެމަނިކުފާނުގެ ނާއިބު ރައީސް ޑޮކްޓަރ މުޙައްމަދު ވަހީދު ހަސަން މި ޖުމްހޫރިއްޔާގެ ހަތަރުވަނަ ރައީސްގެ ގޮތުގައި ހަމަޖެހިގެންދިޔައެވެ. އޭގެފަހުން ރައީސް ޢަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ ތަރައްޤީގެ ފަސްއަހަރުގެ ދައުރު ނިމި ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު "އާލަމީ ވަބާއެއް" ގައި ފަސް އަހަރުގެ ދައުރެއް ނިންމަވާލެއްވީ މީގެ އަހަރެއްހާ ދުވަސް ކުރީންނެވެ.

މިއަދު މިދަނީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ހަތްވަނަ ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ”ދިވެހިންގެ ރާއްޖޭގެ“ ވެރިކަމުގެ ފުރަތަމަ އަހަރު ނިމުމަކަށެވެ. ފެންނަނީ އުއްމީދީ މަންޒަރުތަކެކެވެ. ގައުމުގައި ގައުމީ ރޫހޫ އާލާވެ، ގައުމިއްޔަތާއެކު މަދަނިއްޔަތު ދިރެމުން ދަނީއެވެ. ގައުމުގައި ހުރި ގިނަ މައްސަލަތަކަށް ޙައްލު ހޯދި، ތަރައްޤީއަށް މަގުތައް ކޮށެމުންދަނީއެވެ. އެހެންކަމުން ފަސްމަގުން ފިލާވަޅު ލިބިގަނެ، މިޖުމްހޫރިއްޔާއަށް ފުރުޞަތު ދިނުމަކީ މުހިއްމު ކަމެކެވެ. މިއަދު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔަތަށް ފަންސާސް ހައަހަރު ފުރިހަމަ ވެގެން ދާއިރު ހިތްހަމަޖެހުމާއެކު ފާހަގަ ކުރަންޖެހޭ އެއްކަމަކީ ޖުމްހޫރީ ވެރިކަމެއް ދިވެހިރާއްޖޭގައި ޤާއިމު ކުރެވިގެންދިޔަ ދިއުމަކީ ރާއްޖެ އިސްލާމް ވުމަށްފަހު މިނިވަން ދިވެހިރާއްޖެއަށް ލިބުނު އެންމެ ބޮޑު ކުރިއެރުންކަމެވެ.

އަޅުގަނޑު މިހެން މިދެންނެވީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ޖުމްހޫރީ ވެރިކަމުގެ ނިޒާމު ރާއްޖޭގައި ޤާއިމު ކުރެވުމާއެކު އިސްލާމީ ރިވެތި އުޞޫލު ދައްކާ މަގުން މަޝްވަރާ ކޮށްގެން ކަންކަން ނިންމުމަށް ރާއްޖޭގައި ދޮރުހުޅުވިގެން ދިޔައެވެ. ރައްޔިތުންނަށް ޚިޔާލު ފާޅުކުރުމުގެ ޙައްޤު ލިބި ބަސްބުނުމުގެ ފުރުޞަތު ފަހިވެގެންދިޔައެވެ. ޤައުމުގައި ދެވޭ ޚިދުމަތާއި ހިންގުން މަރުކަޒީ ކަސްތޮޅުން ނެއްޓި ލާމަރުކަޒު ވެގެންދިޔައެވެ. ޒަމާނުއްސުރެ ރާއްޖޭގައި ވާރުތަ ކުރަމުންއައި މިންތީގެ ތަފާތުކުރުމާއި ގިންތީގެ ފަރަޤު އެއީ މާޒީކަމުގައި ވެގެންދިޔައެވެ. ތަރައްޤީއާއި ތަމަމައްދުނަކީ އެންމެންގެ އެއްޗަކަށް ވެގެންދިޔައެވެ.

އެހެންކަމުން ޖުމްހޫރީ ނިޒާމަކީ ޖުމްހޫރިއްޔަތާއި ގުޅިގެން ދިވެހިންނަށް ތަޢާރަފްވި ޖުމްހޫރީ މޭވާފަދަ ފޮނިމީރު އެއްޗެއްކަމުގައި ދަންނަވަންޖެހެއެވެ. ޒަމާނުއްސުރެ ކުރަމުންއައި ވިރާސީ އަދި އިންތިޚާބީ ރަސްކަން ނިމި ޖުމްހޫރިއްޔަތަކަށް ދިވެހި ވެރިކަމުގެ ނިޒާމު ބަދަލުވެގެންދިޔަ ދިޔުމަކީ މިއަދު ރާއްޖެ މިދެކޭ ތަރައްޤީ އާއި ކުރިއެރުމުގެ އަސްލު ކަމުގައި ވާހިނދު ރާއްޖޭގެ ޖުމްހޫރީ ނިޒާމާއިމެދު ވިސްނުމަކީ ދިވެއްސެއްގެ ހައިސައްޔަތުން ކޮންމެ މީހަކުވެސް މިއަދު ކުރަންޖެހޭ ކަމެކެވެ. އެހެނީ ޖުމްހޫރީ ވެރިކަން ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ.

އެހެންކަމުން ކޮންމެ ރައްޔިތަކުވެސް ފަރުދީ ގޮތުންނާއި މުޖުތަމައުގެ ބައިވެރިއެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު ތަކެއް އެބައޮވެއެވެ. އުފުލަންޖެހޭ ޒިންމާތަކެއް އެބައޮތެވެ. މީގެ ތެރެއިން އެންމެ މުހިއްމު ޒިންމާއަކީ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ޤާނޫނުތަކުން ރައްޔިތުންނާއި މަތިކޮށްފައިވާ ޒިންމާތައް ފުރިހަމައަށް އަދާކުރުމެވެ. ޤާނޫނާއި އެއްގޮތަށް ވެރިކަމުގެ ކަންކަން ކުރިއަށް ގެންދިއުމާއި ވެރިކަން ބަދަލުކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމެވެ. އަޅުގަނޑު މިދެންނެވި ވާހަކައިގެ ޚުލާޞާއަކީ ވެރިކަންކުރާ ފަރާތްތަކަށް އެމީހުންގެ ދައުރު އަދާކުރުމަށް ޤާނޫނާއި އެއްގޮތަށް ފުރުޞަތު ދެއްވުމަކީ ރައްޔިތުންގެ ޒިންމާއެކެވެ. ޖުމްހޫރީ ވެރިކަމެއް ޤާއިމު ކުރުމަށްޓަކައި ވެރިން އިޚުތިޔާރު ކުރުމަކީ ރައްޔިތުންގެ ޙައްޤެކެވެ. އަދި މަސްއޫލިއްޔަތެއްވެސްމެއެވެ. އެހެންކަމުން މިމަސްއޫލިއްޔަތު އަދާކުރެއްވުމުގައި ޒިންމާދާރުވެ ވަޑައިގަތުމަކީވެސް ރައްޔިތުން ފަރުދީ ގޮތުންނާއި މުޖުތަމަޢުގެ ހިއްސާދާރެއްގެ ހައިސިއްޔަތުން އަދާ ކުރައްވަންޖެހޭ ޒިންމާއެކެވެ. އަދި މަސްއޫލިއްޔަތެކެވެ. ޖުމްހޫރީ ވެރިކަމެއް ޤައުމުގައި ޤާއިމުކުރަނީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ލިބިގަތުމަށްޓަކައެވެ. މިދެންނެވި ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ވެރިކަމުގެ ފަރާތުން ޤާއިމުކުރާ މުއައްސަސާތަކަކީ ޖުމްހޫރީ ވެރިކަމެއް ދެމެހެއްޓުމަށްޓަކައި އެންމެ މުހިއްމު ދައުރެއް އަދާކުރަންޖެހޭ ފަރާތްތަކެވެ. އަދި ޖުމްހޫރީ ވެރިކަމުގައި އެންމެ މުހިއްމު ޒިންމާތަކެއް އުފުލަންޖެހޭ ފަރާތްތަކެވެ. ރައްޔިތުން ވެރިކަމުގެ ނިޒާމެއް ޤާއިމުކޮށް އެމީހުންގެ މައްޗަށް ވެރިން ޢައްޔަންކުރަނީ އެމީހުންގެ މުހުތާދުތައް އެންމެ ރަނގަޅު ގޮތުގައި ފުދިގަތުމުގެ ބޭނުމުގައެވެ.

އެ މީހުންގެ ދީނާއި ސަޤާފަތު އަދި ޤައުމިއްޔަތާއި އާދަކާދަ ދެމެހެއްޓުމަށް މަސައްކަތްކުރަން އިސްކޮށް ޙަރަކާތްތެރިވާނެ މުއައްސަސާތަކެއް ޤާއިމު ކުރުމަށްޓަކައެވެ. އެރައްޔިތުންނަށް ބޭނުންވާ ޟަރޫރީ އަދި އަސާސީ ކަންކަން ފުރިހަމަކޮށްދިނުމަށްޓަކައި މަސައްކަތް ކުރާނެ ރަނގަޅު ނިޒާމެއް ޤާއިމު ކުރުމަށްޓަކައެވެ. ދުނިޔެ ދެކެމުންދާ ތރައްޤީ އާއި ހަމަކޮށް ޤައުމު ތަރައްޤީކޮށް ރައްޔިތުންނަށް ލުއިފަސޭހަކަން ހޯދައިދޭނެ މަގުތަކެއް ކޮށުމަށްޓަކައެވެ. އަދި މުއްސަނދި ތަނަވަސް ހިތްފަސޭހަ އަމާން ދިރިއުޅުމެއް ޙާޞިލު ކުރުމުގެ ބޭނުމުގައެވެ. މިދެންނެވި މަސްއޫލިއްޔަތު ތަކާއި ޒިންމާތައް ޖުމްހޫރީ ވެރިކަމެއްގައި އުފުލަން ޖެހެނީ ދައުލަތާއި ސަރުކާރުގެ މުއައްސަސާތަކަށެވެ. އެހެންކަމުން މިދެންނެވި މަސްއޫލިއްޔަތުތައް އުފުލުމަކީ މުއްސަސާތަކުގެ ޒިންމާއެކެވެ.

މި ޒިންމާ އަދާނުކުރެވިއްޖެނަމަ ޖުމްހޫރީ ވެރިކަމުގެ ނިޒާމުގައި ދެންފެނިގެންދާނީ ވެރިކަމުގެ ބާރުވެރިން ކަމުގައިވާ ރައްޔިތުންގެ ނުރުހުމެވެ. އެއާއެކު އުފެދިގެންދާނީ ޖުމްހޫރީ ވެރިކަމުގެ ނިޒާމު ފާލުން ނެއްޓުމަށް ފުރުޞަތު ހުޅުވިގެން ހިނގައިދާނެ ރާޅުތަކެކެވެ. އެހެންކަމުން ޖުމްހޫރީ ވެރިކަން ދެމެހެއްޓުމަށްޓަކައި ދިވެހިން ކުރަންޖެހޭ މަސައްކަތަކީ މުއައްސަސާ ތަކުގެ ޒިންމާ އަދާކުރުމެވެ. އަދި ރައްޔިތުންގެ މަސްއޫލިއްޔަތު ރަނގަޅު ގޮތުގައި އަދާކުރުމެވެ.

ކުރުކޮށް ދަންނަވާނަމަ ދެފަރާތް ގުޅިގެން ޖުމްހޫރީ ވެރިކަމުގެ ފޮނިމޭވާ ލިބިގަތުމެވެ. މިހާތަނަށް ދިވެހިން ތަޖުރިބާ ކުރި ޖުމްހޫރީ މޭވާ ފޮންޏެވެ. މި ފޮނިކަން ދެމެހެއްޓޭނީ ނުވަތަ އިތުރު ކުރެވޭނީ އެންމެން ގުޅިގެން ކުރާ މަސައްކަތުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް