ޤައުމީ ދުވަސް ފާހަގަކުރަން ޖެހޭ ގޮތް މިއޮތީ

މިއަދަކީ މިއަހަރުގެ ދިވެހިރާއްޖޭގެ ޤައުމީ ދުވަހެވެ. ވަށައިގެން ފެންނަނީ ޤައުމީ ރޫޙު ދިރުވައި އާލާ ކުރުމަށް ކުރެވޭ ކަންކަމެވެ. ޤައުމީ ދިދަތަކުން މުޅި ޤައުމު ޒީނަތްތެރިވެފައިވާ ތަނެވެ. އެކި ޢުމުރު ފުރާތަކުގެ ކުދީން ޤައުމީ ހެދުމުގައި ނަލަހެދިފައިވާ މަންޒަރެވެ. އެހެންނަމަވެސް އަޅުގަނޑު ދެކޭ ގޮތުގައި ޤައުމީ ދުވަސް ފާހަގަ ކުރުމަށް ކުރަންޖެހޭ ކަމަކީ އަދި މިއެއްނޫނެވެ. އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި ޤައުމީ ދުވަސް ފާހަގަ ކުރުމަށްޓަކައި، ރާއްޖޭގެ ކުދިބޮޑު އެންމެން ބޮޑުތަކުރުފާނު ޖިހާދު ކުރެއްވި ގޮތް ދަސްކުރުމާއެކު އެ ޖިހާދުން ޢިބުރަތްތަކެއް ލިބިގަންނަން ޖެހެއެވެ.

އެއާއެކު ދިވެހި މިނިވަންކަން ދެމެހެއްޓުމަށްޓަކައި ދިވެހި ތާރީޚުން ޢިބުރަތްތަކެއް ޙާޞިލު ކުރަން ޖެހެއެވެ. ޝައްކެއްނެތެވެ. ދިވެހިރާއްޖޭގެ ޤައުމީ ދުވަސް ފާހަގަކުރާ މިއަދު އަޅުގަނޑުމެން އެންމެ ގަދަޔަށް ދައްކަން ޖެހޭ ވާހަކައަކީ ބޮޑުތަކުރުފާނު ޖިހާދު ކުރެއްވި ގޮތުގެ ވާހަކައެވެ. އެ ތަކުރުފާނުގެ ޙިކުމަތްތެރިކަމުގެ ވާހަކައެވެ. މިދެންނެވި ޖިހާދުގެ ވާހަކަ ދެއްކުމާއެކު މިފަދަ ޤައުމީ ދުވަހެއްގައި އަޅުގަނޑުމެން ކުރަންޖެހޭ ކަމަކީ ތާރީޚުގައި ހިނގާފައިވާ ދިވެހި މިނިވަންކަމަށް ހިޔަނި އެޅުނު ޙާދިސާތަކުން ޢިބުރަތް ލިބިގަތުމެވެ.

އުތީމުގައި ހުންނަ އުތީީމު ގަނޑުވަރު: މިއީ ބޮޑުތަކުރުފާނު ދިރިއުޅުއްވި ގެ ---

މިއަދު އެ ބަޠަލެއްގެ ޒިކުރާ އާކުރަމުންދާ ދިވެހި މިނިވަންކަމުގެ އެއްވަނަ ބަޠަލު އުތީމު މުޙައްމަދު ތަކުރުފާނު އިސްވެ ހުންނަވައި އުތީމު ހުކުރުމިސްކިތުގައި ތިއްބަވައިގެން ހަގުރާމައިން ކާމިޔާބު ލިބުން އެދި ﷲގެ ހަޟުރަތުން ވާގި އެދި ވަޑައިގެން ކުރެއްވި ދުޢާފުޅާއެކު ފެއްޓެވި ޖިހާދުގައި ބައިވެރިވެވަޑައިގެންފައިވަނީ އުތީމު ކަޅު ޢަލީ ޚަޠީބު ތަކުރުފާނުގެ ޙުސައިން ޚަޠީބު ތަކުރުފާނުގެ ތިން ބޭފުޅުން ކަމުގައިވާ ޢަލިތަކުރުފާނާއި މުޙައްމަދު ތަކުރުފާނު އަދި ޙަސަންތަކުރުފާނުގެ އިތުރަށް ރ. ދުވާފަރު ދަންޑަހެލެވެ. މި ހަތަރު ފަހުލަވާނުން ފެއްޓެވި ޖިހާދުގައި ދުވަސްކޮޅެއް ފަހުން ތ. ތިމަރަފުށީ ދެ ޙާޖީން ކަމުގައިވާ ޢަލީ އާއި ޙަސަން ބައިވެރިވެވަޑައިގަތެވެ.

މި ފަހުލަވާނުން ދިވެހި މިނިވަންކަމަށްޓަކައި ޖިހާދު ކުރެއްވި އުޅަނދު ކަމުގައިވާ ކަޅުއޮށްފުންމި ބަންނަވާފައިވަނީ ތިލަދުންމަތީގައި ހުރި ޕޯޗްގީޒު ކޮމާންޑަރު ވިޔަޒޯރުގެ އެހީތެރިކަމާ މަދަދުވެރިކަމާ އެކުގައި ކަމުން އަޅުގަނޑުމެންނަށް ލިބިދޭ ފިލާވަޅަކީ މުޙައްމަދު ތަކުރުފާނުގެ ވިސްނުންތެރިކަމާއި ހަގުރާމައިގެ ހުނަރުވެރިކަމެވެ. ޕޯޗުގީޒުންނާ ހަގުރާމައަށް ތައްޔާރު ކުރެއްވި އުޅަނދު އެ މީހުންގެ ފެންވާރާ އެކަށީގެންވާ ގޮތަށް ފަރުމާ ކުރެއްވިކަމެވެ. އެ މީހުން ބަލިކުރެއްވުމުގެ އެންމެވަރުގަދަ ހަތިޔާރަކަށް ހެއްދެވިކަމެވެ.

ޝައްކެއްނެތެވެ. ޕޯޗުގީޒުންނަކީ އެ ދުވަސްވަރުގެ ސުޕަޕަވަރެވެ. އެ މީހުން އެ ދުވަސްވަރު ބޭނުންކުރަމުން ދިޔައީ އޭރުގެ އެންމެ ޒަމާނީ ހަތިޔާރެވެ. އެހެންކަމުން ބޮޑުތަކުރުފާނު ބޭދާޅީއަށް ވަޑައިގެން ބޭދާޅީ އެދުރުކަލޭގެފާނުގެ އަރިހުން ކަނޑިހެވިކަމާއި ބަޑި ހެވިކަން ދަސްކުރެއްވިއެވެ. އަދި ކަޅުއޮށްފުންމީގެ ފަހުލަވާނުން ތަމުރީނު ކުރެއްވިއެވެ. ނަތީޖާއަކީ ރާއްޖެ ދުށް އެންމެ އަރާތިބި ފަހުލަވާނުން ކަމުގައި އެބޭފުޅުން ވެގެންދިއުމެވެ.

ކަޅުއޮށްފުންމީގެ ފަހުލަވާނުން ބޮޑުތަކުރުފާނުގެ ކޮމާންޑަރު ކަމުގައި ރޭގަނޑު ރަށްރަށަށް އަރުއްވާ ދުޝްމަނުންނާ ހަގުރާމަ ކުރައްވަމުން، ދުވާލު އިރުއެރުމުގެ ކުރީން ރާއްޖެ ބޭރަށް ނުކުމެވަޑައިގަތުމަށް ކަޅުއޮށްފުންމީގައި ކުރެއްވި ދަތުރުތައް ކުރައްވަފައި ވަނީ "އެކޮމަންޑޫ ދެކޮމަންޑޫއަށް" ހައްދަވަމުން، އެހާ ވެސް އަވަސް ދަތުރުތަކެއްގެ ގޮތުގައެވެ.

ށ.މަރޮށީ ރައިވެރިބެގެ އެހީއާ އެކު ކަޅުއޮށްފުންމީގެ ރިޔާ ބަދަލު ކުރައްވަމުން ގެންދަވާފައިވަނީ މި ޒަމާނުގެ އެންމެ ކުޅަދާނަ ވިސްނުންތެރީން ޙައިރާންވާފަދަ ގޮތަކަށެވެ. މިއަދު ވެސް އެ ރަށުގައި ފެންނަން އެހެރި ކާނި ގަހުގައި ކަޅުއޮށްފުންމީގެ ބާރިޔާ ބޭއްވުމަށްފަހު ރައިވެރިބެ އާ ރިޔާ ނަންގަވައިގެން ވަޑައިގަތުމުގައި އެއްވެސް މީހަކަށް އެކަން ނޭނގި ކުރެވިފައިވާ މޮޅުގޮތް އެއީ މިއަދު އަޅުގަނޑުމެން ފިލާވަޅު ލިބިގަންނަންޖެހޭކަމެކެވެ.

މިވަރުގަދަ ޖިހާދު ފެށްޓެވުމަށްފަހު ހަގުރާމައިގެ ފޯރި އެންމެ ގަދަވެފައިވަނިކޮށް ބޮޑުތަކުރުފާނުގެ ލޯބިފުޅުވާ ބޭބެ ޢަލިތަކުރުފާނު ހއ. ތަކަންދޫގައި ޝަހީދުކޮށްލެވުމުން ހިތްޕުޅަށް ލިބިވަޑައިގަތް މޮޅިވެރިކަމަށްވުރެ ހަގުރާމައިގެ ޖޯޝު އިތުރުވެގެންދިޔަ ދިޔުމަކީ ބޮޑުތަކުރުފާނުގެ ޢީމާންތެރިކަމާއި ކެތްތެރިކަމުގެ ފުރިހަމަ ހެއްކެއްކަން ޔަޤީނެވެ. ޝައްކެއްނެތެވެ.

ބޮޑުތަކުރުފާނު ކުރެއްވި ޖިހާދު އެންމެ ގެއްލުންކުޑަގޮތަކަށް ނިމިގެން ދިޔުމުގެ ސިއްރަކީ ދުވަސްކޮޅަކަށް ފިއްލަވާ ވަޑައިގެން މަލިކުގައި މަޑުކުރެއްވި ކުރެއްވުމެވެ. ޚާލިދު ބުނި ވަލީދުގެ ހަގުރާމައިގެ އުކުޅުތަކުގެ ތެރެއިން އެއް އުކުޅު ބޭނުން ކުރެއްވުމަށްފަހު ބޮޑުތަކުރުފާނު މާލެ އަރާވަޑައިގެން މާލެ ފަތަޙަ ކުރެއްވި ރެއަކީ ހިޖުރައިން 981 ވަނަ އަހަރުގެ ރަބީޢުލް އައްވަލުމަހުގެ ފުރަތަމަ ރެއެވެ. އެ ރެއަކީ ދިވެހީންނަށް އައި ރަޙުމަތުގެ ރެއެކެވެ. ފަހު ދުވަހު ނަޞާރާ ދީނަށް ނުވަދެ ތިބި ބަޔަކު ޤަތުލު ކުރުމުގެ އިންޒާރާއި އަމުރު ނެރެވިފައިވަނިކޮށް، އެރޭ މާލޭ މެދުޒިޔާރަތް ދޮށުގައި ދިވެހީންގެ ސާޅީހަކަށް މީހުން ތިބެ ކުރި ދުޢާ އިޖާބަކުރައްވައި، ބޮޑުތަކުރުފާނަށް އެރޭ މާލެ ފަތަޙަވުމުގެ ސަބަބުތައް މިންވަރު ކުރެއްވި ކަމީ ދިވެހިންނަށް ލިބުނު މަތިވެރި އިލާހީ ރަޙުމަތެއްކަން ކަށަވަރެވެ. މިއަދު އަޅުގަނޑުމެން މި ފާހަގަކުރަނީ އެ ތާރީޚީ ހާދިސާއަށް 465 އަހަރު ފުރުމުގެ މުނާސަބަތެވެ.

ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަސް ފާހަގަ ކުރަމުންދާއިރު އަޅުގަނޑުމެން ކުރަންޖެހޭ އެންމެ މުހިއްމު އެއްކަމަކީ އަޅުގަނޑުމެންގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކާބަފައިން ހިފެހެއްޓެވީ ކޮން ކަމެއްގައި ކަމާ، މިނިވަންކަމަށް ހިޔަނި އެޅުނު ސަބަބުތައް ދެނެގަތުމަށް ޓަކައި ދިވެހި ތާރީޚު ދިރާސާކޮށް ފިލާވަޅު ލިބިގަތުމެވެ. ދިވެހި ތާރީޚުގެ ގަނޑުތަކަކީ ބައެއްފަހަރު ރަންއަކުރު ތަކަކުން އަނެއްބައިފަހަރު ދިވެހި ދަރީންގެ ރަތްލެއިން ލިޔެވިފައިވާ ގަނޑުތަކެކެވެ. އެއާއެކު ލަދުވެތިކަމާއެކު ދަންނަވަން ޖެހެނީ މިދެންނެވި ތާރީޚުގެ ބައެއް ގަނޑުތަކަކީ ދިވެހި ދަރިންތަކެއްގެ ޚިޔާނަތުގެ ސަބަބުން ކަޅުވެފައިވާ ގަނޑުތަކެކެވެ.

މީލާދީން 1153 ވަނަ އަހަރުން ފެށިގެން ލިޔެވެމުންދާ ދިވެހި ތާރީޚު ލިޔަން ފެށިފައިވަނީ އައްސުލްޠާނު މުޙައްމަދު އެއްވަނަ އިސްލާމްވެވަޑައިގަތް ޙާދިސާ އާ ހިސާބުންނެވެ. އެހެންކަމުން މި ތާރީޚު އަޅުގަނޑުމެންނަށް ލިއްބައިދޭ އެންމެ މުހިއްމު ފިލާވަޅަކީ ދިވެހިންގެ ޤައުމިއްޔަތުގެ އެންމެ މުހިއްމު ބަހާއަކީ މާތްވެގެންވާ އިސްލާމްދީން ކަމެވެ. ދަރުމަވަންތަ ރަސްގެފާނު އިސްލާމްވެ ވަޑައިގަތުމަށް ފަހު އެރަދުންގެ އަމުރުފުޅަށް ދިވެހިން އިސްލާމް ދީން އިޚުތިޔާރު ކުރި ކުރުމަކީ ދިވެހިންގެ އެއްބައިވަންތަކަން ދައްކުވައިދިން ނަމޫނާއެކެވެ. އެއާއެކު ވެރިންނަށް ކިޔަމަންވުމުގެ ރަނގަޅު މިސާލެކެވެ. ދަތުރުފަތުރު ކުރުމުގައި ނުހަނު ދަތިކަމެއް ތަޖުރިބާކުރި އެ ޒަމާނުގައި ކުދި ޖަޒީރާ ރަށްތަކަކަށް އިސްލާމްދީން ފެތުރުނު ފެތުރުމާމެދު ވިސްނާލުމުން އެ ޒަމާނުގެ ދިވެހިން ވެރީންނަށް ކިޔަމަން ވަމުންދިޔަ މިންވަރު ވަރަށް ރަނގަޅަށް ވަޒަން ކުރެވެއެވެ.

މި ދެންނެވި ދަރުމަވަންތަ ރަސްގެފާނަށް ނިސްބަތްވާ ތީމުގޭ ދަރިކޮޅުގެ އޮމާން ރަސްކަމަށް ފަހު ވީރު ޢުމަރު ދަރިކޮޅުގެ ރަސްކަމާ ރަނިކަން ފެށުނެވެ. އެހާ ހިސާބުން ދިވެހިން ތަޖުރިބާ ކޮށްފައިވަނީ ހިތާމައިގެ އަހަރުތަކެކެވެ. އަމިއްލަ ކޮއްކޯފުޅާއި ދެފިރިކަލުން ޤަތުލު ކުރެއްވުމަށްފަހު ރެހެންދި ޚަދީޖާ ތިން ފަހަރު ރާއްޖޭގެ ރަނިކަން ކުރެއްވި ވާހަކައަކީ ދިވެހި ތާރީޚު ލަދުވެތިކަމާ އެކު ލިޔެފައިވާ ވާހަކައެކެވެ. ޝައްކެއްނެތެވެ. ޤައުމީ މަސްލަޙަތަށްވުރެ އަމިއްލަ އެދުންފުޅާއި އަމިއްލަ މަސްލަޙަތު ކުރިއަށް ނެރުއްވުމުގެ ނަތީޖާއަކީ ޤައުމުގައި އޮންނަންޖެހޭ ހަމަޖެހުން ނެތި ޤައުމު ހަލާކުގެ ތެރެއަށް ގެބިގެންދިއުމެވެ.

ކުރުކޮށް ދަންނަވާނަމަ ހިލާލީ ދަރިކޮޅުގެ "ކެހިވެރި" ވެރިންގެ އަތްޕުޅުމައްޗަށް މިޤައުމު ދިއުމެވެ. ދިވެހި ތާރީޚު އެ ރަދުންނަށްޓަކައި ލަދުވެތިވާ ކަޅު މުޙައްމަދު ރަސްގެފާނު އޭނާގެ ވެރިކަން ތިން ފަހަރުމަތީން "ދަގަނޑުގެ އަތްޕުޅަކުން" ކުރެއްވުމެވެ. މި ތިން ފަހަރު ވެސް އެ ރަސްގެފާނު ދިވެހި ޤައުމުގެ ވެރިކަން ހޯއްދަވާފައި ވަނީ ބޭރު ފަރާތްތަކެއްގެ މަދަދުވެރިކަމާ އެކުގައެވެ. އޭގެ ފަހުން ކަޅު މުޙައްމަދުގެ ކާފަ ދަރިކަލުން ދިވެހި ތާރީޚުގައި މަޝްހޫރު ނުވަވަނަ ޙަސަން ރަސްގެފާނު އެ ރަދުންގެ ކާފަ ކަޅުމުޙައްމަދު ކުރެއްވި މަސައްކަތް ކަމުގައިވާ ބިދޭސީ ބާރެއްގެ އެހީތެރިކަމާ އެކު ޤައުމު އަޅުވެތިކުރުމުގެ މަސައްކަތުގެ ސިލްސިލާގެ އެންމެ ނުރައްކާތެރި ބޮޅު ގެއްތެވިއެވެ. އެ ރަދުން އަމިއްލަފުޅަށް ނަޞާރާ ދީނަށް ވަދެވަޑައިގަތުމަށް ފަހު ރާއްޖޭގެ ރައްޔިތުން އެ ދީނަށް ވެއްދުމަށްޓަކައި ޕޯޗްގީޒު ލަޝްކަރުތައް ފޮނުއްވައި ރާއްޖެ އަޅުވެތި ކުރުމުގެ މަސައްކަތް ފެއްޓެވިއެވެ. އެހެންނަމަވެސް ރާއްޖޭގައި ތިބީކީ ހަމައެކަނި އެފަދަ ޚާއިނުން އެކަންޏެއްނޫނެވެ.

ދެވަނަ އަބޫބަކުރު ރަސްގެފާނާއި ހަވަނަ ޢަލިރަސްގެފާނުފަދަ ތެދުވެރި ދިވެހި ދަރީން އެ ބޭފުޅުންގެ ފުރާނަފުޅު މި ޤައުމާއި އިސްލާމް ދީނަށްޓަކައި ޤުރުބާން ކުރެއްވިއެވެ. ނަތީޖާއަކީ ފުރަތަމަ ދެ ފަހަރު ޕޯޗުގީޒުންނަށް ނާކާމިޔާބުވުމެވެ. އެހެނަސް މި ދެންނެވި ޙަސަން ރަސްގެފާނުގެ މަސައްކަތް ހުއްޓާނުލެއްވުމުގެ ސަބަބަން ތިންވަނަ ފަހަރު އައި ލަޝްކަރު ރާއްޖޭގެ މާތް ރަދުން ޝަހީދުކޮށްލުމަށް ފަހު ދިވެހިރާއްޖެ އަޅުވެތިކުރިއެވެ. މި ފަހަރު އަޅުވެތިވުމުގެ ސަބަބަކަށް ތާރީޚު ހެކި ދެނީ ޢަލި ރަސްގެފާނުގެ އަރިހުގައި ހަނގުރާމަ ކުރަން ތިބި މީހުން "އައްޔެކޭ އަނދިރިއެކޭ ވާނީ އެއްވަރޭ' ކިޔާފައި ރަދުންގެ ބަސްފުޅަށް ފުރަގަސް ދިން ދިނުން ކަމީ ދިވެހި ތާރީޚު ލަދުވެތިކަމާ އެކު ލިޔެފައިވާ ޞަފުޙާއެކެވެ.

މިއީ ދިވެހި ތާރީޚު އަޅުގަނޑުމެންނަށް ލިބިދޭ ވަރަށް އަގުހުރި ޢިބުރަތެކެވެ. ވަރަށް އަގުހުރި ފިލާވަޅެކެވެ. ފަނަރަ އަހަރުގެ ދިގު މުއްދަތަކަށް ދިވެހި ޤައުމު އަޅުވެތިވުމުގެ ސަބަބު ގުޅިފައިވަނީ ދިވެހިންގެ ޚިޔާނާތްތެރިކަމާއި، ރަދުންނަށްވީ ބޭވަފާތެރިކަމާއެވެ.

މި ހިތްދަތި ވޭންދެނިވި އަޅުވެތި ކަމުގައި ދިވެހިން ހޭދަ ކުރަން ފެށުމާ އެކު، މިއަދު އެ ބަޠަލަކަށްޓަކައި އަޅުގަނޑުމެން ފަޚުރުވެރިވާ އުތީމު މުޙައްމަދު ތަކުރުފާނު މަދު ފަހުލަވާނުންތަކަކާ އެކު ޖިހާދު ކުރައްވައި މި ޤައުމު އެ އަޅުވެތިކަމުން ސަލާމަތް ކުރެއްވިއެވެ. މި ކަމުން ލިބިދޭ ޢިބުރަތަކީ ކޮބައިތޯއެވެ؟ އެ ޢިބުރަތަކީ އަބަދުވެސް ދިވެހިންގެ ތެރޭގައި ޤައުމީ ލޯބިން ފުރިފައިވާ ދަރީންތަކެއް ވާކަމެވެ. ދިވެހިންނަކީ ބޭރުބައެއްގެ އަޅުވެތި ކަމުގައި ތިބެން ރުހޭނެ ބައެއް ނޫންކަމެވެ.

ބޮޑުތަކުރުފާނު ކުރެއްވި ޤައުމީ ޖިހާދުން ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުމަށްފަހު ބައެއްފަހަރު ހިތްދަތި ކަންކަމާ ކުރިމަތި ވިޔަސް، ނުވަތަ މިނިވަންކަމަށް ހިޔަނި އެޅުނު ޙާދިސާތަކާ ކުރިމަތިލާން ޖެހުނަސް ގިނަ ޒަމާންތަކެއް ވަންދެން މިނިވަންކަންމަތީ ދިވެހި ޤައުމަށް އޮވެވުނެވެ. އެހެންނަމަވެސް އެއީ ގާތްގަނޑަކަށް ސަތޭކަ އަށްޑިހަފަސް އަހަރެއްހާ ދުވަހަށެވެ. ދިވެހި ތާރީޚަށް ޝައުޤުވެރިން ހުރި މީހަކަށްވެހުރެ، ލަދުވެތި ކަމާއެކު ފާހަގަކުރަންޖެހޭ ވާހަކައަކީ ދިވެހި ތާރީޚުގެ ބައްޕަ ކަމުގައިވި ޙަސަން ތާޖުއްދީނުގެ ދެބޭފުޅުން މަލާބާރީންނަށް ރާއްޖެ ވިއްކާލެއްވި ވާހަކައެވެ. ކޮރުބަންޑާރައިންގެ ވެރިކަން ވައްޓާލުމަށްފަހު އެދެބޭން ދިވެހި ތަޚުތުގައި ވެޑުވުމުގެ ބަދަލުގައި މަލާބާރީން އެދެބޭން ކަނޑުފައްތާ މަރާލިވާހަކައެވެ. އެހެންނަމަވެސް އުފަލާއެކު ފާހަގަ ކުރަން ޖެހެނީ މުލީގޭ ޙަސަން މަނިކުފާނު ނުވަތަ ދޮން ބަންޑާރައިން މަލާބާރީންނާ ހަނގުރާމަ ކުރައްވައި ދިވެހިރާއްޖޭގެ މިނިވަންކަން މަދު ދުވަސްކޮޅެއްގެ ތެރޭގައި އަނބުރާ ހޯއްދަވައިދެއްވިކަމެވެ. މިކަމުން އަޅުގަނޑުމެންނަށް ލިބިގެން ދިޔަ ފިލާވަޅާކީ ދިވެހިންނަކީ އަޅުވެތިކަމުގައި ތިބޭން ބެނުންވާނެ ބައެއްނޫންކަމެވެ.

ޝައްކެއްނެތެވެ. ފަހުގެ ތާރީޚަށް ބަލާއިރު އިނގިރޭސި ދައުލަތުގެ ޙިމާޔަތުގައި ހަތްދިހައަށް އަހަރުވަންދެން އުޅެންޖެހުމާއި އަށާރަ ގަޑި އިރުވަންދެން ތަމަޅަ ބައެއްގެ އަނިޔާވެރިކަން އިހުސާސް ކުރުމުގެ ސަބަބު ގުޅިފައިވަނީވެސް މަދު ދިވެހިން ތަކެއްގެ އަމިއްލަ އެދުމާއެވެ. ޤައުމީ މަޞްލަޙަތަށްވުރެ އަމިއްލަ ފައިދާ އާއި އަމިއްލަ މަޞްލަހަތަށް އިސްކަން ދެވުމާއެވެ.

މިހުރިހާ ކަމެއްގެ މައްޗަށް ވިސްނާލުމަށް ފަހު މިއަދު ރާއްޖެއިން ފެންނަމުން މިދާ މަންޒަރުތަކަށް އަޅުގަނޑުމެން ސަމާލުކަން ދޭންޖެހެއެވެ. ދިވެހިތާރީޚުން ރަނގަޅު ފިލާވަޅުތަކެއް ލިބިގަންނަން ޖެހެއެވެ. ތިމާ ނޫން މީހަކު ޤައުމުގެ ވެރިކަމުގައި ހުރުމަށް ނުރުހުމުގެ ވިސްނުން ދޫކޮށްލަން ޖެހެއެވެ. ދިވެހި ކާބަފައިން ދައްކުވައިދިން ވެރިންނަށް ކިޔަމަންވުމުގެ ރިވެތި މާދިރީ ބަލައިގަންނަން ޖެހެއެވެ. ޤައުމުގައި ފިތުނަ ފަސާދައަށް ހުރި ދޮރުތައް ބަންދު ކުރަން ޖެހެއެވެ. އެންމެން ގުޅިގެން މަސައްކަތްކޮށް މިނިވަން ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ ފަރުދީ ޒިންމާ އަދާކުރަން ޢަޒުމް ކަނޑައަޅަން ޖެހެއެވެ. މިކަންކަން ކުރުމަށް މިއަށްވުރެ ވަކި މުނާސަބު ދުވަހެއް އަޅުގަނޑަކަށް ނުފެނެއެވެ. މިކަންކަން ކުރެވިއްޖެނަމަ ހަގީގީ މާނައިގައި ގައުމީ ދުވަސް ފާހަގަ ކުރެވުނީއެވެ.

comment ކޮމެންޓް