ލޭނު މަސްވެރިކަން ހުއްދަކުރުމާ ދެކޮޅަށް އެމްޑީޕީ: އިގުތިސާދަށް އޮތް އިތުބާރު ގެއްލިދާނެ

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި ރައީސް އަބްދުﷲ ޝާހިދު: ލޭނު މަސްވެރިކަން ހުއްދަކުރުމުން ރާއްޖެއަށް އޮންނަ އިތުބާރު ގެއްލޭނެ ކަމަށް އެ ޕާޓީން ބުނޭ -- ފޮޓޯ/ އެމްޑީޕީ

ލޭނު މަސްވެރިކަންކުރުން ހުއްދަކޮށްފިނަމަ ރާއްޖެއަށް ބޭރުގެ ފަރާތްތަކުގެ އިތުބާރު ގެއްލުމުގެ ނުރައްކާ އޮތް ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީގެ ލީޑަރުން އެފަދައިން ވިދާޅުވީ، ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރަން ހުއްދަ ދިނުމާ ގުޅޭ ގަވައިދެއް ފިޝަރީސް މިނިސްޓްރީން ހަދައި، އެ ގަވައިދަށް ޚިޔާލު ހޯދަން ހުޅުވާލި ފަހުންނެވެ. އެ ގަވައިދުގައި ވަނީ ލޭނު މަސްވެރިކަމުގައި މަރުވާ މިޔަރުތައް ޕްރޮސެސްކޮށް ރާއްޖެއިން ބޭރުކުރުމުގެ ހުއްދަ ލިބޭ ލައިސެންސެއް ދޫކުރަން ނިންމައިފައެވެ.

ރާއްޖޭގައި ބޮޑުކަންނެލީގެ ލޭނު މަސްވެރިކަމަށް ފުރަތަމަ ހުއްދަ ދޭން ފެށީ 2012ގައިއެވެ. ނަމަވެސް މިދިޔަ އެމްޑީޕީގެ ސަރުކާރުން 2019ގައި ވަނީ ލޭނު މަސްވެރިކަމަށް ލައިސެންސް ދޫކުރުން ހުއްޓާލައިފައެވެ.

މިދިޔަ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރައްވާފައިވާ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް 'އެކްސް'ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ލޭނު މަސްވެރިކަން ކުރުން މިދިޔަ ސަރުކާރުން މަނާކުރީ، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ދެމެހެއްޓެނިވި ގޮތެއްގައި ލިބޭ ފައިދާއަށް ހުރަސްތަކެއް ކުރިމަތިވާތީ އެކަން އެގޮތަށް ވިޔަނުދިނުމަށްޓަކައި ކަމަށެވެ.

އެހެންނަމަވެސް މި ސަރުކާރަށް އެ މައްސަލަތައް ދެނެގަނެވިފައި ނެތްކަން ފައްޔާޒު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން މަދު ބަޔެއްގެ ފައިދާއަށްޓަކައި ވޭތުވެދިޔަ ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އިގްތިސާދީ ގޮތުން ލިބުނު ފައިދާތައް މުޅިން ގެއްލިގެންދާނެ ފަދަ ގޮތަކަށް މި ސަރުކާރުން ސިޔާސަތުތައް ބައްޓަންކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ރާއްޖޭގެ މިހާރުގެ މާލީ ހާލަތާ މެދު ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ބަދަލުނުކޮށްފިނަމަ، އިންވެސްޓަރުންނާއި، ވިޔަފާރިތަކާއި، އާންމުންގެ މެދުގައި ރާއްޖޭގެ އިގްތިސާދާ މެދު އޮތް އިތުބާރު ގެއްލުމުގެ ބިރު އެބައޮތް ކަމަށެވެ.

އެކަން ބަދަލުކޮށް، އިތުބާރު އަލުން ހޯދުމުގެ ފުރުސަތު އަދިވެސް އެބައޮތް. ލޭނު މަސްވެރިކަމާއި މިޔަރުގެ މަސްވެރިކަން ކުރުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތު ވަގުތުން ބަދަލުކުރުމަށް އިލްތިމާސް ކުރަން، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު --

ހަމައެއާއެކު އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ވަނީ ލޭނު މަސްވެރިކަން ހުއްދަ ކުރުމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި މިހާރުގެ ސަރުކާރުން ލޭނު މަސްވެރިކަމަށް ހުއްދަ ދޭން އުޅޭތީ ހައިރާންވާ ކަމަށާއި އެއީ ދިވެހި މަސްވެރިކަމުގެ ދާއިރާގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށްވާ، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދިޔުން ދޫކޮށްލުން ކަމަށް އޭނާ ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވި ގޮތުގައި އެ ނިންމުމަކީ ގެއްލުން ބޮޑު، އަދި މިދިޔަ އެމްޑީޕީ ސަރުކާރުގައި ލިބުނު ފައިދާތައް ބަދަލުކޮށްލާނެ ނިންމުމެކެވެ. އެކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށާއި، ބައިނަލްއަގްވާމީ ގޮތުން ރާއްޖެއަށް ލިބިފައިވާ ޝަރަފާއި ލީޑާޝިޕަށް ނުރައްކާވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވެ ޝާހިދު ވަނީ އެ ނިންމުން މިހާރުން މިހާރަށް ބަދަލުކޮށް، ރައްޔިތުންގެ މަސްލަހަތަށް ޓަކައި މަސައްކަތް ކޮށްދިނުމަށް ދިވެހި ސަރުކާރަށް ގޮވާލައިފައެވެ.

ބޮޑު ކަންނެލީގެ ލޭނު މަސްވެރިކަމުގައި މަރުވާ މިޔަރުތައް ޕްރޮސެސްކޮށް ރާއްޖެއިން ބޭރުކުރުމުގެ ހުއްދަ ލިބޭ ލައިސެންސެއް ދޫކުރުމާ ގުޅޭގޮތުން މަސްވެރިކަމާ ބެހޭ ވުޒާރާއިން ނެރެފައިވާ ނޫސްބަޔާނެއްގައި ވަނީ މިޔަރަށް އަމާޒުކޮށްގެން ލޭނު މަސްވެރިކަން ކުރުމަކީ މަނާ ކަމެއް ކަމަށެވެ.

ލޭނު މަސްވެރިކަން ކުރެވޭނީ ލޯބޮޑު ކަންނެއްޔާއި ހިބަރާއި ރީނދޫ އުރަހަ ކަންނެއްޔަށް އަމާޒުކޮށްގެން ކަމަށް އެ ނޫސް ބަޔާނުގައި ވަނީ ބުނެފައެވެ. އަދި އެގޮތަށް އަމަލުކުރާއިރު ލޭނުގައި ޖެހޭ މިޔަރު ވީހާ ވެސް އަވަހަށް ދޫކޮށްލަންވާނެ ކަމަށް އެ ވުޒާރާއިން ނެރެފައިވާ ނޫސް ބަޔާނުގައި ވެއެވެ.

މަސްވެރިކަން ކުރުމުގެ ތެރޭގައި ވެސް މިޔަރުގެ އުނދަގޫޖެހުމަކީ އާންމު ކަމެކެވެ. އެއާއެކު މި ދޭތެރެއިން މިޔަރު ހިފުން ހުއްދަކުރުމަށް ގޮވައިލައި ވެސް އަޑުއުފުލަމުން އައިއިރު އެއީ ކުރަން ވިސްނައިފައިވާ ކަމެއް ނޫންކަމަށް ފިޝަރީޒް މިނިސްޓްރީންވަނީ ބުނެފައެވެ.

ލޭނު މަސްވެރިކަމާ ދެކޮޅަށް މަސްވެރިކަމާ ގުޅުންހުރި ބައެއް ޖަމިއްޔާތަކުން ވެސް އަޑުއުފުލައިފައިވެއެވެ. އެގޮތުން ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެފައިވަނީ އެ ހުއްދަ ދިނުމުން، މަދު ކުންފުނިތަކަކުން ބޭރުގެ ބޯޓުތަކާއި އެ ކުންފުނިތަކުގެ ލޭނު ބޯޓުތައް މެދުވެރިކޮށް ބޭރުކަނޑުން ގިނަ އަދަދެއްގެ ކަންނެލި ހޯދައި، ކަނޑުމަތިން އެއްބޯޓުން އަނެއްބޯޓަށް މަސްގަނެ ވިއްކުން އިތުރުވާނެ ކަމަށެވެ.

އެއާއެކު ކަންނެލި ލިބޭ މިންވަރު އިންތިހާއަށް އިތުރުވެ، ދިވެހިންގެ ކަންނެލި އޮޑިތަކުން ބާނާ ކަންނެލީގެ ޑިމާންޑް ދަށްވެ، އޭގެ އަގު އިންތިހާއަށް ދަށްވާނެ ކަމަށް ވެސް ކަންނެލި މަސްވެރީންގެ ފަރާތުންވަނީ ބުނެފައެވެ.

comment ކޮމެންޓް