ބޮޑު ކަންނެލީގެ ލޭނު މަސްވެރިކަމުގައި މަރުވާ މިޔަރުތައް ޕްރޮސެސްކޮށް ރާއްޖެއިން ބޭރުކުރުމުގެ ހުއްދަ ލިބޭ ލައިސެންސެއް ދޫކުރުމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
މިކަމާ ގުޅިގެން އެ ވުޒާރާއިން ނެރެފައިވާ ނޫސްބަޔާނެއްގައި ވަނީ މިޔަރަށް އަމާޒުކޮށްގެން ލޭނު މަސްވެރިކަން ކުރުމަކީ މަނާ ކަމެއް ކަމަށެވެ.
ލޭނު މަސްވެރިކަން ކުރެވޭނީ ލޯބޮޑު ކަންނެއްޔާއި ހިބަރާ، ރީނދޫ އުރަހަ ކަންނެއްޔަށް އަމާޒުކޮށްގެން ކަމަށް އެ ނޫސް ބަޔާނުގައި ވަނީ ބުނެފައެވެ.
އަދި އެގޮތައް އަމަލުކުރާއިރު ލޭނުގައި ޖެހޭ މިޔަރު ވީހާ ވެސް އަވަހަށް ދޫކޮށްލަންވާނެ ކަމަށް އެ ވުޒާރާއިން ނެރެފައިވާ ނޫސް ބަޔާނުގައި ވެއެވެ.
"ލޭނުކޮޅުގައި ޖެހޭ މިޔަރުގެ ތެރެއިން ލޭނު ނަގާއިރު މަރުނުވެ އޮންނަ މިޔަރު ވީހާ ވެސް އަވަހަށް ދޫކޮށްލަންވާނެ ކަމަށާއި، މިގޮތަށް މިޔަރު ދޫކޮށްލާއިރު މިޔަރަށް ލިބޭ އަނިޔާ ކުޑަކުރުމަށް ޓަކައި ބުޅި ނައްޓާ އާލާތް (ޑީ-ހުކާ) އަދި ލޭނުކޮޅު ބުރި ކުރާ އާލާތް (ލައިންކަޓަރު) ބޭނުންކޮށްގެން މިޔަރުގެ އަނގައާ ނުވަތަ ބުޅިއާ ވީހާ ވެސް ކައިރިން ނަނު ބުރިކޮށްލަން އިރުޝާދު ދީފައިވާނެއެވެ," އެ ވުޒާރާޢިން ނެރެފައިވާ ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި ވަނީ ބުޅި ނައްޓާ އާލާތްތައް ހުރިހާ ވަގުތެއްގައި ވެސް އުޅަނދުގައި ހުންނަންޖެހޭނެ ކަމަށް ބުނެފައެވެ.
އޭގެ އިތުރުން، ލޭނުކޮޅުގައި ޖެހޭ މިޔަރުގެ ތެރެއިން ލޭނު ނަގާއިރު މަރުވެފައިވާ މިޔަރު ބަނދަރަށް ގެންނައިރު ހުންނަންވާނީ މިޔަރުގެ އެއްވެސް އުރަހައެއް އޭގެ ހަށިގަނޑުން ވަކިނުކޮށް ކަމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
އަދި މިއީ ދުނިޔޭގެ ފެންވަރުގައި ބަލައިގަނެފައިވާ ލޭނު މަސްވެރިކަމުގެ ބެސްޓް ޕްރެކްޓިސް ކަމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
މަސްވެރިކަން ކުރުމުގެ ތެރޭގައި ވެސް މިޔަރުގެ އުނދަގޫޖެހުމަކީ އާންމު ކަމެކެވެ. އެއާއެކު މި ދޭތެރެއިން މިޔަރު ހިފުން ހުއްދަކުރުމަށް ގޮވައިލައި ވެސް އަޑުއުފުލަމުން އައިއިރު އެއީ ކުރަން ވިސްނައިފައިވާ ކަމެއް ނޫންކަމަށް ފިޝަރީޒް މިނިސްޓްރީންވަނީ ބުނެފައެވެ.