ނުރައްކަލަކަށް ވެފައިވާ ވޭޕުން 200 ޕަސެންޓް، ސިނގިރޭޓަކުން 5ރ. ޑިއުޓީ ބޮޑުކުރަނީ

ދުންފަތުގެ އިސްތިއުމާލު ކުރުމާއި، ވޭޕު ކުރުމާއި އީ-ސިނގިރޭޓު ބުއިން މާނަކަން އަންގައިދޭން ހަރުކޮށްފައިވާ ނިޝާނެއް: ރާއްޖެއިން އެތަކެއްޗަށް ނަގާ ޑިއުޓީ ބޮޑު ކުރަނީ --- ފޮޓޯ/ގެޓީ އިމޭޖަސް

އާއްމުކޮށް ދިވެހީން މަރުވާ ބޮޑެތި ބަލިތަކަށް މަގުފަހިކުރުވާ ވޭޕުން ނަގާ ކަސްޓަމްސް ޑިއުޓީ 200 ޕަސެންޓަށް ބޮޑުކޮށް، ސިނގިރޭޓަކުން ފަސް ރުފިޔާގެ ޑިއުޓީއެއް ނެގުމަށް ފިނޭންސް މިނިސްޓްރީން ހުށަހަޅައިފިއެވެ.

މިހާރު ވޭޕްގެ ބާވަތްތަކުން 25 ޕަސެންޓްގެ ޑިއުޓީއެއް ނަގަމުން އަންނައިރު ސިނގިރޭޓަކުން ޑިއުޓީގެ ގޮތުގައި ނަގަމުން އަންނަނީ ތިން ރުފިޔާއެވެ.

https://www.sun.mv/194822

މާލިއްޔަތު ކޮމިޓީގެ މެންބަރަކު "ސަން"އަށް ވިދާޅުވިގޮތުގައި މިދިޔަ ބުދަ ދުވަހު ފިނޭންސް މިނިސްޓްރީން އެ ކޮމިޓީއަށް ހުށަހެޅި ކަރުދާހުގައި ބުނެފައިވަނީ މި އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ނުރައްކާތެރި އެ ދެ ބާވަތުން ޑިއުޓީ ބޮޑު ކުރުމަށެވެ.

މިހާރު ސިނގިރޭޓް ފޮއްޓެއް 105 ރުފިޔާއަށް ވިއްކަމުން އަންނައިރު މި ބަދަލާ އެކު އެ އަދަދު ބޮޑުވާނެއެވެ. އަދި، ރާއްޖެ އެތެރެކުރުން އިންތިހާއަށް އިތުރުވެފައިވާ ސިއްހަތަށް ނުރައްކާތެރި ބާވަތެއް ކަމަށްވާ ވޭޕްގެ އަގުތައް މިހާރަށް ވުރެ 175 ޕަސެންޓް އުފުލިގެން ދާނެއެވެ.

މިދިޔަ ބުދަ ދުވަހު މާލިއްޔަތު ކޮމެޓީގައި ވާހަކަދައްކަވަމުން މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވީ، ސިއްހަތަށް ގެއްލުންވާ ބާވަތްތައް އެއްވެސް ވަރަކަށް ރާއްޖެއަށް އެތެރެކުރަން މެޖޯރިޓީ މީހުން ބޭނުންނުވާ ކަމަށާއި އެހެންވެ ދުންފަތުގެ ޑިއުޓީ ބޮޑުކުރައްވާނެ ކަމަށެވެ.

"މިސާލަކަށް ދުންފަތާ ގުޅިފައި ހުންނަ ބައެއް އައިޓަމްތައް، ނުވަތަ ވޭޕްކުރުމުގެ ބައެއް އައިޓަމްތައް. އެ އިމްޕޯޓުކުރުން އަޅުގަނޑުމެން ބަންދުނުކުރި ކަމުގައި ވިޔަސް އެ އިމްޕޯޓު ޑިއުޓީ މިހާރަށް ވުރެ ބޮޑުކުރަން. ބޭނުންވަނީ އެއީ މުޖުތަމައަށް، އާންމު ފަރުދުންނަށް، ސިއްހަތަށް ގެއްލުންވާ އެއްޗެހި ޑިސްކަރޭޖްކުރަން،" މިނިސްްޓަރު ވިދާޅުވިއެވެ.

https://sun.mv/195497

ރާއްޖެއަށް މިހާރު ވެސް އަހަރެއްގެ މައްޗަށް 1.8 ބިލިއަން ރުފިޔާގެ ނުވަތަ 400 މިލިއަން ޑޮލަރުގެ ސިނގިރޭޓު އެތެރެކުރެއެވެ. އެހެންވެ، ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރަން އަދިވެސް އިތުރު ޓެކްސްތައް ނަގަންޖެހޭ ކަމަށް ހެލްތު މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.

ފާއިތުވި ތިން އަހަރު ރާއްޖެއަށް ވޭޕް އެތެރެކޮށްފައިވާގޮތުގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު، 2021 ވަނަ އަހަރު 239،006 ވޭޕް ޔުނިޓް އެތެރެ ކޮށްފައިވެއެވެ. އެއީ، 28 މިލިއަން ރުފިޔާގެ ތަކެއްޗެވެ. އަދި، 2022 ވަނަ އަހަރު 283،709 ވޭޕް ޔުނިޓް އެތެރެ ކޮށްފައިވާއިރު އެއީ 30 މިލިއަން ރުފިޔާގެ ތަކެއްޗެވެ. މިދިޔަ އަހަރު 134076 ވޭޕް ޔުނިޓް އެތެރެ ކޮށްފައިވެއެވެ. އެއީ 22 މިލިއަން ރުފިޔާގެ ތަކެއްޗެވެ.

ފާއިތުވި ތިން އަހަރު ރާއްޖެއަށް ވޭޕް އެތެރެ ކޮށްފައިވަނީ އަމިއްލަ މީހުންނާއި ކުންފުނިތައް ހިމެނޭގޮތަށް 74 ފަރާތެއް މެދުވެރިކޮށެވެ. އޭގެ ތެރެއިން ވޭޕްގެ ވިޔަފާރި ބޮޑަށް ޑޮމިނޭޓް ކުރަނީ ފަސް ކުންފުންޏަކުންނެވެ.

ވޭޕް ބޭނުންކުރުން ކުޑަކުދިންނާއި ޒުވާނުންގެ އިތުރުން އުމުރުން ދުވަސްވީ މީހުންގެ މެދުގައި ވެސް އާއްމެވެ. އޭގެ ސަބަބުން އެތައް ބަޔަކަށް ސިއްހީ ގޮތުން ވަނީ ނުރައްކާވެފައެވެ.

ރާއްޖޭގައި އެވްރެޖްކޮށް ކޮންމެ އަހަރަކު 150 މީހުން، ގާތްގަނޑަކަށް ކޮންމެ ދެ ދުވަހުން އެކަކު، ސީދާ ދުންފަތުގެ އިސްތިއުމާލުކުރުމުން ޖެހޭ ބަލިތަކުން މަރުވާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން މީގެ ކުރިން ވަނީ ބުނެފައެވެ.

އަދި، 2019ވަނަ އަހަރު ސްކޫލް ކުދިންގެ މެދުގައި ހެދި ގްލޯބަލް ޔޫތް ޓޮބޭކޯ ސާވޭ ދައްކާ ގޮތުން، ސިނގިރޭޓް ބޯ ކުދިންގެ އަދަދު 2011ވަނަ އަހަރާ އަޅާބަލާއިރު 2019ވަނަ އަހަރު 11.2 ޕަސަންޓުން 45.7 އިންސައްތައަށް އިތުރު ވެފައިވާކަން ވެސް ވަނީ ދެނެގަނެވިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ދުންފަތް އެކުލެވޭ ބާވަތްތަކާއި އެ ތަކެތި ބުއިމަށް ބޭނުންކުރާ އާލާތްތަކުގެ އިތުރުން އީ ސިނގިރޭޓާއި ޝީޝާ އަދި ފްލޭވާޑް ސިނގިރޭޓު ނުވަތަ އީ-ލިކުއިޑް ފަދަ ތަކެއްޗަށް ކުރިން ދެމުން އައި ޑިއުޓީ އިނާޔަތް ވެސް އަންނަ ނޮވެމްބަރު މަހުން ފެށިގެން އެއްކޮށް ކަނޑާލަން ވަނީ ނިންމައިފައެވެ. އޭރުން އެންމެ ސިނގިރޭޓެއް ވެސް އެތެރެކުރަން ޖެހޭނީ ޑިއުޓީ ދައްކައިގެންނެވެ.

comment ކޮމެންޓް