ރާއްޖެ އެތެރެކުރަން އުޅުން ނުވަ ލައްކަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްއިން އަތުލައިގަތް 395 ކިލޯ ގުރާމުގެ މަސްތުވާތަކެތި --- ފޮޓޯ/ ކަސްޓަމްސް

ރާއްޖެ އެތެރެކުރަން އުޅުނުން ނުވަ ލައްކަ ރުފިޔާއަށްވުރެ ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އިއްޔެ އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ ކޫރިއާ މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު 395 ގުރާމުގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފައި ވާކަމަށެވެ.

މި ތަކެތި އަތުލައިގެންފައި ވަނީ ކޫރިއާ މެދުވެރިކޮށް ރާއްޖެއަށް ގެނެސްފައިވާ ޕެކޭޖެއް ބަލައި ފާސްކުރުމުގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

ކަސްޓަމްސްއިން އިތުރަށް ބުނެފައި ވަނީ އިއްޔެ ކޫރިޔާ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަަލައި ފާސްކުރިއިރު އެ ޕެކޭޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައި ވާއިރު ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން އެ ތަކެތި ތަހުލީލު ކުރިކަމަށެވެ. އަދި އެތަކެތި ތަހުލީލު ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން އަށް ޕޮޒިޓިވް ވެފައި ވާކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

ކަސްޓަމްސްއިން ވަނީ މި ތަކެތީގެ މަގުމަތީ އަގަކީ 987،500 ދިވެހި ރުފިޔާ ކަމަށް ލަފާކުރެވޭ ކަމަށް ބުނެފައެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގުކުރުމަށް މައްސަލައިގައި އަތުލެވުނު މަސްތުވާ ތަކެއްޗާއި މައްސަލައިގައި ޝާމިލްވާ ދިވެހި ފިރިހެނަކު މިހާރު ފުލުހުންނާއި ހަވާލުކޮށްފައި ވާކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުންވަނީ ނޮވެމްބަރު 24ވަނަ ދުވަހު ދަންވަރު 468.6 ކިލޯގްރާމުގެ މަސްތުވާތަކެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގެންފައެވެ. މިތަކެތީގެ މަގުމަތީ އަގަކީ ގާތްގަނޑަކަށް އެއް ބިލިއަން ދިވެހި ރުފިޔާއެވެ.

https://sun.mv/199447

ރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަކީ މި ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް