މޯލްޑިވްސް ކަސްޓަމްސް ސާވިސަސްގެ ސައުތު ރީޖަނަލް ހެޑް އޮފީސް އައްޑޫ ސިޓީ މަރަދޫގައި ހުޅުވައި، މިއަދު ޚިދުމަތް ދޭން ފަށައިފިއެވެ.
އެކަމަށް ޚާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައި ހެޑް އޮފީސް ހުޅުވައިދެއްވީ، ހޯމް މިނިސްޓަރު އަލީ އިހުސާނާއި ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް ފާތިމަތު ދިޔާނާއެވެ.

ކަސްޓަމްސްގެ ސައުތު ރީޖަނަލް ހެޑް އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން: އެ އޮފީސް އިމާރާތް ކޮށްފައި ވަނީ 22.3 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ---- ފޮޓޯ/ ކަސްޓަމްސް
ކަސްޓަމްސްއިން ނެރެފައިވާ ބަޔާނެއްގައިވާ ގޮތުން، އެސްޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްގެން ދެހާސް އެކާވީސް ވަނަ އަހަރު އިމާރާތް ކުރުމުގެ މަސައްކަތް ފަށައި، އެ އޮފީސް ގާއިމުކޮށްފައި ވަނީ 22.3 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެނެވެ. ތިން ފަންގިފިލާގެ މި އިމާރާތުގައި އިދާރީ އޮފީހަކާއި ސްޓާފް އެކޮމޮޑޭޝަން ބައެއްގެ އިތުރުން ރީޖަނަލް ޓްރެއިނިން ސެންޓަރެއް ވަނީ ގާއިމުކޮށްފައެވެ.
އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، މިނިސްޓަރު އިހުސާން ވިދާޅުވީ، އައްޑޫގެ ވިޔަފާރިތައް ފުޅާވެ، އެކްސްޕޯޓާއި އިމްޕޯޓު ކުރާ މިންވަރު އިތުރުވަމުން އަންނައިރު އެ ސިޓީގައި ހުޅުވި ހެޑް އޮފީހުގެ ސަބަބުން ކަސްޓަމްސްއިން ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް އިތުރަށް ތަރައްގީވާނެ ކަމަށެވެ. އަދި، އެ އޮފީހުގެ ސަބަބުން ވިޔަފާރި ބަނދަރު ބެލެހެއްޓުން އިތުރަށް ހަރުދަނާވާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ---- ފޮޓޯ/ ކަސްޓަމްސް
މީގެއިތުރުން، އެ ރަސްމިއްޔާތުގައި ކޮމިޝަނާ ދިޔާނާ ވިދާޅުވީ، އަލަށް ހުޅުވި އޮފީހުގެ ސަބަބުން އައްޑޫގައި ކަސްޓަމްސްގެ ޚިދުމަތް އިތުރަށް ހަރުދަނާ ވާނެ ކަމަށާއި ޚިދުމަތްތައް އަވަސްވާނެ ކަމަށެވެ. މިގޮތުން، އެ އޮފީހުގައި މައިގަނޑު ގޮތެއްގައި ކުރިއަށް ދާނީ އައްޑޫގެ އެކި ބަނދަރުތަކަށް ގެންނަ މުދަލުގެ ލިޔެކިޔުން ނިންމުމުގެ މަސައްކަތް ކަމަށް ކޮމިޝަނަރު ވަނީ ވިދާޅުވެފައެވެ.
މި ރަސްމިއްޔާތުގައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރާއި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއުއާއި ރައްޔިތުންގެ މަޖިލީހުގައި އައްޑޫ ސިޓީ ތަމްސީލު ކުރައްވާ މެންބަރުންގެ އިތުރުން ކަސްޓަމްސްގެ އިސްވެރިންނާއި އޮފިސަރުން ބައިވެރިވެވަޑައިގެންފައިވެއެވެ.