ސިއްހަތަށް ގެއްލުންވާ ބާވަތްތައް އެއްވެސް ވަރަކަށް ރާއްޖެއަށް އެތެރެކުރަން މެޖޯރިޓީ މީހުން ބޭނުންނުވާ ކަމަށާއި އެހެންވެ ދުންފަތުގެ ޑިއުޓީ ބޮޑުކުރާނެ ކަމަށް މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީގު މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް މިހާރު ވެސް އަހަރެއްގެ މައްޗަށް 1.8 ބިލިއަން ރުފިޔާގެ ނުވަތަ 400 މިލިއަން ޑޮލަރުގެ ސިނގިރޭޓު އެތެރެކުރެއެވެ. އެހެންވެ، ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރަން އަދިވެސް އިތުރު ޓެކްސްތައް ނަގަންޖެހޭ ކަމަށް ހެލްތު މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަމުން މާލީ ވަޒީރު ވިދާޅުވީ، ރާއްޖެއަށް އެތެރެކުރާ ބައެއް ކަހަލަ އެއްޗެއްސަކީ ސިއްހަތަށް ގެއްލުންވާ ތަކެތި ކަމަށެވެ. އެ ފަދަ ތަކެތި އެތެރެކުރަން މެޖޯރިޓީ ރައްޔިތުން ބޭނުންނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންވެ، ސަރުކާރުގެ ސިޔާސަތަކީ އެ ތަކެތިން ނަގައި އިމްޕޯޓު ޑިއުޓީ އަދިވެސް ބޮޑުކުރުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"ރާއްޖެއަށް މި އެތެރެކުރެވޭ ބައެއް ކަހަލަ އައިޓަމްތައް. އެ އައިޓަމްތަކަކީ ސިއްހަތަށް ގެއްލުންވާ އައިޓަމްތައް. ހަގީގަތުގައި ބައެއް ބޭފުޅުން ބޭނުމެއްނުވޭ ރާއްޖެއަށް އެތެރެކުރާކަށް ވެސް، މެޖޯރިޓީއޭ ހަމަ އަޅުގަނޑު ދަންނަވާނީ،" އޭނާ ވިދާޅުވިއެވެ.
"މިސާލަކަށް ދުންފަތާ ގުޅިފައި ހުންނަ ބައެއް އައިޓަމްތައް، ނުވަތަ ވޭޕްކުރުމުގެ ބައެއް އައިޓަމްތައް. އެ އިމްޕޯޓުކުރުން އަޅުގަނޑުމެން ބަންދުނުކުރި ކަމުގައި ވިޔަސް އެ އިމްޕޯޓު ޑިއުޓީ މިހާރަށް ވުރެ ބޮޑުކުރަން. ބޭނުންވަނީ އެއީ މުޖުތަމައަށް، އާންމު ފަރުދުންނަށް، ސިއްހަތަށް ގެއްލުންވާ އެއްޗެހި ޑިސްކަރޭޖްކުރަން،"
ވަޒީރު ވިދާޅުވީ އިމްޕޯޓު ޑިއުޓީ ކަނޑައަޅާ އުސޫލު އޮންނަނީ އެ ފަދަ ކަންކަމަށް ރިއާޔަތްކޮށްފައި ކަމަށެވެ.
ރާއްޖޭގައި އެވްރެޖްކޮށް ކޮންމެ އަހަރަކު 150 މީހުން، ގާތްގަނޑަކަށް ކޮންމެ ދެ ދުވަހުން އެކަކު، ސީދާ ދުންފަތުގެ އިސްތިއުމާލުކުރުމުން ޖެހޭ ބަލިތަކުން މަރުވާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން މީގެ ކުރިން ވަނީ ބުނެފައެވެ.
އަދި، 2019ވަނަ އަހަރު ސްކޫލް ކުދިންގެ މެދުގައި ހެދި ގްލޯބަލް ޔޫތް ޓޮބޭކޯ ސާވޭ ދައްކާ ގޮތުން، ސިނގިރޭޓް ބޯ ކުދިންގެ އަދަދު 2011ވަނަ އަހަރާ އަޅާބަލާއިރު 2019ވަނަ އަހަރު 11.2 ޕަސަންޓުން 45.7 އިންސައްތައަށް އިތުރު ވެފައި ވާކަން ވެސް ވަނީ ދެނެގަނެވިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ދުންފަތް އެކުލެވޭ ބާވަތްތަކާއި އެ ތަކެތި ބުއިމަށް ބޭނުންކުރާ އާލާތްތަކުގެ އިތުރުން އީ ސިނގިރޭޓާއި ޝީޝާ އަދި ފްލޭވާޑް ސިނގިރޭޓު ނުވަތަ އީ-ލިކުއިޑް ފަދަ ތަކެއްޗަށް ކުރިން ދެމުން އައި ޑިއުޓީ އިނާޔަތް ވެސް އަންނަ ނޮވެމްބަރު މަހުން ފެށިގެން އެއްކޮށް ކަނޑާލަން ވަނީ ނިންމައިފައެވެ. އޭރުން އެންމެ ސިނގިރޭޓެއް ވެސް އެތެރެކުރަން ޖެހޭނީ ޑިއުޓީ ދައްކައިގެންނެވެ.