ކެނަބިސް ހުރިކަމަށް ތުހުމަތުކޮށް ހިފެހެއްޓި ވޭޕް އޮއިލް ޝިޕްމެންޓްގައި މަސްތުވާއެއްޗެއް ނެތް

މަސްތުވާތަކެތި ހުރި ކަމަށް ޝައްކުކުރެވިގެން ހިފެހެއްޓި ވޭޕް އޮއިލް ޝިޕްމެންޓް: އެ ޝިޕްމެންޓުގައި މަސްތުވާއެއްޗެއް ނެތް ކަމަށް ފުލުހުން ވަނީ ބުނެފައި -- ފޮޓޯ/ ހޯމް މިނިސްޓަރު އަލީ އިހުސާން

މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނަބިސް އަޅާފައިވާ ޝިޕްމަންޓެއް ކަމަށް ތުހުމަތު ކުރެވިގެން ހިފެހެއްޓި ވޭޕް އޮއިލް ޝިޕްމެންޓުގައި މަސްތުވާއެއްޗެއް ނެތް ކަމަށް ޓެސްޓުތަކުން ދައްކައިފިއެވެ.

ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކުރާނެކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިދިޔަ މަހުގެ 14ގައި އިއުލާންކުރެއްވިއެވެ. ހަމަ އެ ދުވަހު، ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނަބިސް އަޅާފައިވާ ޝިޕްމަންޓެއް "ވޭޕް އޮއިލް"ގެ ނަމުގައި ރާއްޖެ އެތެރެކުރަނިކޮށް ކަސްޓަމްސްއިން ހިފަހައްޓައިފައިވާ ކަމަށް ވިދާޅުވެފައެވެ.

https://sun.mv/197907

އޭނާ ވިދާޅުވީ ވޭޕް މަނާކުރަން ޖެހުނު އެންމެ ބޮޑު އެއް ސަބަބަކީ ވޭޕްގެ ނަމުގައި މަސްތުވާތަކެތި އެތެރެކުރާތީ ކަމަށެވެ.

އިހުސާން ވަނީ އެ ޝިޕްމަންޓުގެ ފޮޓޯއެއް ވެސް އެކްސްގައި ހިއްސާކުރައްވައިފައެވެ. އެ ފޮޓޯއިން ފެންނަނީ ފޮށިގަނޑުތަކެއްގައި ހުރި ފެހި އަދި ފިޔާތޮށި ކުލައިގެ ފުޅިތަކެކެވެ.

އެ މައްސަލައާ ގުޅޭ ގޮތުން މިއަދު ފުލުހުން ބުނީ އެ ޝިޕްމެންޓުގައި ހުރި ތަކެތީގެ ފޮރެންސިކް ޓެސްޓުތައް ހެދިއިރު، މަސްތުވާތަކެއްޗަށް ނެގެޓިވްވެފައިވާ ކަމަށެވެ.

ވޭޕް މަނާކުރާނެކަން ރައީސް އިއުލާންކުރެއްވި ފަހުން، އެކަމާ ގުޅޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މިމަހުގެ 12ގައި ވަނީ ފާސްކޮށްފައެވެ. އަދި ޖެހިގެން އައި ދުވަހު ރައީސް އެ ބިލް ތަސްދީގު ކުރެއްވުމުން، ރާއްޖެއަށް ވޭޕް އެތެރެކުރުން މިމަހުގެ 15އިން ފެށިގެން ވަނީ މަނާކޮށްފައެވެ.

އަންނަ ޑިސެމްބަރު މަހު 15އިން ފެށިގެން ރާއްޖޭގައި ވޭޕް ވިއްކުމާއި ބޭނުންކުރުން ވެސް މަނާވާނެއެވެ.

comment ކޮމެންޓް