ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގު 18.30އަށް އަރައިފި

މީހަކު ޑޮލަރުތަކެއް ގުނަނީ: ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގު ވަނީ 18.30 ރުފިޔާއަށް އަރާފައި ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގު ދިވެހި ރުފިޔާއިން 18.30 އަށް އުފުލިއްޖެއެވެ.

ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގުތައް 18 ރުފިޔާއަށް ވުރެ މައްޗަށް އުފުލިފައިވާތާ އެތައް މަހެއް ވަނީވެފައެވެ. އެގޮތުން، ބާޒާރުގައި ޑޮލަރު ވިއްކަމުން އައީ 18.10 އާއި 18.15 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.

ނަމަވެސް މިހާރު އެ އަދަދު ވަނީ ރުފިޔާއިން 18.20 އާއި 18.30 އަށް އަރައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މި އަހަރު ފެށުނުއިރު ވެސް، ޑޮލަރުގެ އަގުތައް ކަޅު ބާޒާރުގައި ހުރީ 18 ރުފިޔާގައެވެ. ނަމަވެސް ފަހުން ދުވަސްކޮޅަކަށް އަގު ވަރަށް ދަށްވިއެވެ. އޭރު އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ހަތަރު މަހެއްހައި ދުވަހުގެ ތެރޭގައި ރާއްޖެއަށް ދިމާވެފައި އޮތް ޑޮލަރުގެ މައްސަލަ ހައްލުކުރުން ކަމަށެވެ.

ނަމަވެސް، ފަތުރުވެރިކަމުގެ ސީޒަން ނިމި ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު މަދުވެފައި ވަނިކޮށް އަނެއްކާ ވެސް ކަޅު ބާޒާރުގައި މި ވަނީ ޑޮލަރުގެ އަގުތައް އުފުލެން ފަށާފައެވެ.

ރަސްމީކޮށް ބޭންކުން ޑޮލަރު ވިއްކާ ރޭޓަކީ އަދިވެސް 15.42 ރުފިޔާއެވެ. ނަމަވެސް ބޭންކުން ޑޮލަރު ދޫކުރަނީ ވަކި މިންވަރަކަށެވެ.

https://sun.mv/188628

އިތުރަށް ޑޮލަރު ބޭނުންވާ ވިޔަފާރިވެރިން ނުވަތަ ދަތުރުވެރިން، ޑޮލަރު ހޯދުމުގައި އެހެން ބައެއް ގޮތްތައް ބޭނުން ކުރެއެވެ. އޭގެތެރެއިން, އެއް ގޮތަކީ ފައިސާ އެކްސްޗޭންޖް ވައިބާ ކޮމިއުނިޓީ ގްރޫޕުތަކުގައި ޑޮލަރުގެ މުއާމަލާތްތައް ހިންގުމެވެ.

ޑޮލަރު ގަންނަން ލިބޭ އަގު ބޮޑު ވުމަކީ ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަގު ބޮޑުވާ ސަބަބެކެވެ.

comment ކޮމެންޓް