ޓޮޕް އެޗީވާސް އެވޯޑަށް ޚާއްސަ އިސްކަމެއްދީ، މިފަހަރު އިންތިޒާމުތަކުގައި ސަރުކާރު އިސްކޮށް

މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާގައި ރައީސް: މިފަހަރު ރަސްމިއްޔާތު ކުރިއަށްގެންދިޔައީ ދައުލަތުގެ ބަޖެޓުން ހޭދަކޮށް، ރަނގަޅު ފެންވަރުގެ އިނާމުތައް ދޭ ގޮތަށް -- ފޮޓޯ/ ރައީސް އޮފީސް

މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާއަށް މިފަހަރު ސަރުކާރުން ޚާއްސަ އިސްކަމެއްދީ، އިންތިޒާމުތައް ހަމަޖައްސައިފިއެވެ.

އާންމު ގޮތެއްގައި ޓޮޕް އެޗީވާސް އެވޯޑަކީ ސަރުކާރުގެ ނުވަތަ އަމިއްލަ ކުންފުނިތަކުން ސްޕޮންސާ ކޮށްގެން، ކުންފުނިތަކުގެ ވެރިން އިސް ސަފުގައި ތިއްބަވައިގެން ކުރިއަށްގެންދާ ޖަލްސާއެކެވެ.

މިއަދު ޓޮޕް އެޗީވާސް އެވޯޑް ހެނދުނާއި މެންދުރާއި ރޭގަނޑުގެ ދަންފަޅިތަކަށް ބަހައިލައިގެން ކުރިއަށްގެންދާއިރު، ތިން ދަންފަޅި ވެސް ޝަރަފުވެރިކޮށްދެއްވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ. މިއީ މި ހަފުލާގެ ހުރިހާ ދަންފަޅިއެއް ރައީސް ޝަރަފުވެރިކޮށްދެއްވާ ފުރަތަމަ ފަހަރެވެ. އަދި މިފަހަރު ދަރިވަރުންނަށް ޓްރޮފީއާއި ހަނދާނީ ލިޔުމާއި އިނާމުތައް ހަވާލުކޮށްދެއްވަނީ ރައީސާއި މިނިސްޓަރުންނެވެ.

މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާގައި ރައީސް: މިފަހަރު ރަސްމިއްޔާތު ކުރިއަށްގެންދިޔައީ ދައުލަތުގެ ބަޖެޓުން ހޭދަކޮށް، ރަނގަޅު ފެންވަރުގެ އިނާމުތައް ދޭ ގޮތަށް -- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވި ގޮތުގައި އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންގެ ކާމިޔާބީ ފާހަގަކުރަން ބާއްވާ ރަސްމިއްޔާތުގެ ހުރިހާ ދަންފަޅިއެއްގައި ވެސް ރައީސް ބައިވެރިވެވަޑައިގަންނަވަނީ ތައުލީމަށާއި ޒުވާން ދަރިވަރުންގެ ކުރިއެރުމަށާއި ފާގަތިކަމަށް އެމަނިކުފާނު ދެއްވާ އަހަންމިއްޔަތުގެ ބޮޑުކަމުންނެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި ރައީސް ވަނީ، މި ރަސްމިއްޔާތަކީ ސީދާ ދައުލަތުގެ ބަޖެޓުން ހޭދަކޮށްގެން ވަރަށް ރަނގަޅު ފެންވަރުގައި ކުރިއަށްދާ ރަސްމިއްޔާތެއްގެ ގޮތުގައި ހަމަޖައްސަވައިފައެވެ. އަދި ވަނަތަކަށް ހޮވި އިނާމު ލިބޭ ދަރިވަރުންނަށް ވެސް، ސީދާ ސަރުކާރުގެ ފަރާތުން ރަނގަޅު ފެންވަރުގެ އަދި ދަރިވަރުންނަށް ބޭނުންވާނެ އިނާމު ދެއްވުމަށް އެ މަނިކުފާނު ހަމަޖައްސަވައިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މަތީ ސާނަވީ ތައުލީމު ނިންމައި އިމްތިޙާނުތަކުން މިދިޔަ އަހަރުގެ އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން ގައުމީ ގަދަ 10ގައި 376 ދަރިވަރުން ހިމެނިފައިވެއެވެ. އަދި ސާނަވީ އިމްތިހާނުތަކުން ދުނިޔޭގެ ފެންވަރުގައި މަތީ ވަނަ ހޯދި ދަރިވަރުންނާއެކު ޖުމްލަ 441 ދަރިވަރުންނަށް މިއަދުގެ ހަފުލާތަކުގައި އިނާމު ދޭނެއެވެ.

comment ކޮމެންޓް