އަމާޒަކީ ކުރިއަށް އޮތް ދެތިންމަހުން ޑޮލަރު މައްސަލަ ހައްލުކުރުން: ސައީދު

ދުބާއީގައި ހުންނަވައި މިނިސްޓަރު މުޙައްމަދު ސައީދު، ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ-- ސަން ފޮޓޯ: މުޙައްމަދު ނާއިލް

ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ހަތަރު މަހެއްހައި ދުވަހުން ރާއްޖެއަށް ދިމާވެފައި އޮތް ޑޮލަރުގެ މައްސަލަ ހައްލުކުރުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ދުބާއީގައި ތިބި ދިވެހި ނޫސްވެރިންނާ ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ޑޮލަރުގެ މައްސަލަ ދިމާވީ ސޮވަރިޖް ޑިވެލޮޕްމަންޓް ފަންޑަށް ކުރިން ޖަމާކުރަން ޖެހޭ ފައިސާތަކެއް ކުރީ ސަރުކާރުން ބޭނުންކޮށްފައި ހުރުމުން ކަމަށެވެ.

އެއީ ދައްކަންޖެހޭ ދަރަނިތައް ދައްކަން އެއްކުރަމުން އައި ފައިސާކަމަށް ސައީދު ވިދާޅުވިއެވެ.

އެއާއެކު ކުއްލިއަކަށް ޑޮލަރުގެ އަގު މަތިވީ ދުނިޔޭގެ މަސްރަހުގައި ހިނގަމުން އަންނަ ކަންކަމާއެކު ބައިނަލްއަގްވާމީ ގޮތުން އިގްތިޞާދަށް އައި ހީނަރުކަމުގެ ސަބަބުންކަމަށް ސައީދު ވިދާޅުވިއެވެ.

"ޚާއްސަކޮށް މިޑަލްއީސްޓުގައި މި އުޅޭ މައްސަލައާއި އޮއިލް ޕްރައިސާއި މިހެން ގޮސް ގްލޯބަލް ޓާބިއުލަންސްއެއްގެ ތެރޭ އޮންނަ އިރު ޑޮލަރު ޕްރައިސާ އެ ނީޑް އިތުރުވުމާއި އޭގެ ސެކިއުރިޓީ މުހިންމުވަނީ،"

އޭނާ ވިދާޅުވީ ޑޮލަރުގެ ކަޅު ބާޒާރަކީ ވެސް މައްސަލައެއް ކަމަށެވެ.

އެހެންނަމަވެސް ކުރއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭ ޑޮލަރުގެ މައްސަލަ ހައްލުކުރައްވާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

"އެހެންވީމާ އެ ކަން އޯވާކަމްކޮށްފައި އަޅުގަނޑުމެންނަށް ކުރިއަށް އޮތް ދެތިން ހަތަރު މަހެއްގެ ތެރޭގައި ޑޮލަރު ސިޓިއުޝަން ހަމައަކަށް އެޅިގެންދާނެ،" ސައީދު ވިދާޅުވިއެވެ.

ސައީދު މިހެން ވިދާޅުވީއިރު ގައުމީ ބޭންކް، ބީއެމްއެލްގެ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ކުރެވޭ އަދަދު ކުޑަ ކުރަން މިހާތަނަށް އެ ބޭންކުން ނިންމާފައިނުވާ ކަމުގެ ޔަގީންކަން، އެ ބޭންކުން ފިނޭންސް މިނިސްޓްރީއަށް ވަނީ ދީފައެވެ.

އެ ޔަގީންކަން ދިނީ ލިމިޓުކުޑަކުރަން އުޅޭކަމަށް ބުނެ އާންމުވަމުން އައި ޚަބަރުތަކާ ގުޅިގެންނެވެ.

comment ކޮމެންޓް