ގޯތިތަކުގެ މައްސަލައިގައި އައްބާސް ގޮވާލެއްވީ އޭސީސީގެ ހުރިހާ މެންބަރުން ބޭރުކުރަން

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް: އޭނާ ގޮވާލެއްވީ އޭސީސީގެ ހުރިހާ މެންބަރުން ބޭރުކުރަން -- ފޮޓޯ/ މަޖިލިސް

މިދިޔަ އެމްޑީޕީގެ ސަރުކާރުން ދޫކުރި ގޯތިތަކުގެ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުން "ބޭރުކުރަން" ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް މިއަދު ސަރުކާރަށް ގޮވާލައްވައިފިއެވެ.

ގޯތިތަކުގެ މައުލޫމާތު ސާފުކުރުމަށް މިއަދުގެ މަޖިލީހަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ހާޒިރުކޮށް، އޭނާގެ ޖަވާބުތަކާ މެދު ހިތްހަމަނުޖެހި، އެމްޑީޕީގެ މެންބަރުން ވަނީ ޖަލްސާގެ ނިޒާމު ގެއްލުވާލައިފައެވެ.

ޖަލްސާ ހޫނުވެ، ހެނދުނުގެ ދަންފަޅި މެދުކަނޑާލުމަށް ފަހު އެނބުރި އައިސް ދެން ކުރިއަށް ދިޔައީ އިންޝުއަރެންސް ބިލުގެ ބަހުސެވެ.

އެ ބިލަށް ބަހުސްކުރައްވާ މެންބަރު އައްބާސް ވިދާޅުވީ، މިދިޔަ ސަރުކާރުން ކުރި ކަމަކީ އަތޮޅުތަކުގައި ހުރި ފަޅު ރަށްތައް ޓޫރިސްޓު ރިސޯޓުތަކަށް ހަދައި، އެ ރިސޯޓުތަކުން ދިވެހި ދައުލަތަށް ލިބޭ އާމްދަނީން ލިބޭ ޓެކުހުން ގްރޭޓާ މާލެ ސަރަހައްދު ހިއްކައިގެން ހިލޭ ގޯތި ދިނުން ކަމަށެވެ. އަދި، އެއީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އައްބާސް ވިދާޅުވިއެވެ.

އެ ކަމަކީ ސީދާ ރާއްޖެތެރޭގެ ރަށްތަކަށް ޣައްދާރުވުން އިއްޒަތްތެރި ރައީސް. އެ ނުކުރެވޭނެ ކަމެއް، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް

މިއަދުގެ ޖަލްސާގައި މިނިސްޓަރު ހައިދަރު ވަނީ "ކަނޑުންނާއި ފަޅުން ދީފައި ހުންނަ އެއްޗަކަށް ގޯއްޗެކޭ ނުކިޔޭނެ" ކަމަށް ވިދާޅުވެފައެވެ.

އެ ކަމަށް އިޝާރާތްކުރައްވާ އައްބާސް ވިދާޅުވީ، ފަޅުން ގޯތި ލިބޭނެ ކަމަށް ސިޓީއެއް ލިބިފައި އޮތްނަމަ އެ ސިޓީ އެއީ އެ ހިނދުން ހިނދަށް ވެސް ބާތިލު ސިޓީއެއް ކަމަށެވެ. އަދި، ފަޅުން ގޯތި ދިންއިރު އެ ކަމަށް މާކްސް ދިން ގޮތް ސައްހަވެފައި، 4،000 ފުލެޓު ލިބޭ މީހުންނަށް މާކްސް ދިން ގޮތް ސައްހަނުވެ، އެ ފުލެޓުތަކާ މެދު ކަންކުރަންވީ ގޮތް އޭސީސީން ބުނެދިނީ ކީއްވެތޯ އައްބާސް ސުވާލުކުރެއްވިއެވެ.

އައްބާސް ވިދާޅުވީ، އޭސީސީން މަސައްކަތްކުރަނީ މި ސަރުކާރާއި ރައްޔިތުންނާ ޖައްސަން ކަމަށެވެ. އެހެންވެ، އޭސީސީގެ މެންބަރުން ބޭރުކުރަން ވަނީ ގޮވާލައްވާފައެވެ.

މިދިޔަ ފަސް އަހަރެއްގެ ސަރުކާރެއްގައި ފުލެޓުގެ ވާހަކަ ހުއްޓާނުލާ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ވިދާޅުވަމުން އައިއިރު އޭސީސީ އޮތީ ނިދިކުރައްވާފަތޯ؟ މިއަދު މި ސަރުކާރު އައީމަ އޭސީސީން ނިދިން ހޭލީ ކީއްވެތޯ؟ މާގާމު ދިފާއުކުރަން. މިހާރުން މިހާރަށް އޭސީސީ އެންމެން ބޭރުކުރަންވީ އިއްޒަތްތެރި ރައީސް، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް

އައްބާސް ވަނީ މިދިޔަ ސަރުކާރުގެ 4،000 ފުލެޓުގެ ހުރަހަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިނުގަންނަވަން ވިދާޅުވެފައެވެ. އެގޮތުން، ކުރީ ސަރުކާރުން ޕޮއިންޓު ދީފައި އޮތް ގޮތަކަށް އެ 4،000 ފުލެޓު ދެެއްވުމަށް އައްބާސް ގޮވާލެއްވިއެވެ.

އެއަށް ފަހު ސަރުކާރުގެ މަގާމުތަކުގައި ތިބެގެން ގާނޫނާ ގަވައިދާ ޚިލާފަށް އަމަލުކުރި މީހުން ހިފާ ހައްޔަރުކޮށް އެ މީހުންނަށް އަދަބު ދޭންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފުލެޓުތައް ދޫކުރުމުގައި މައްސަލަ އުޅޭ ކަމަށް ބުނެ، އޭސީސީން ފެށި ޖިނާއީ ތަހުގީގާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ފުލެޓު ދޫކުރުން މަޑު ޖެހިފައި އޮތުމަށް ފަހު ފެބްރުއަރީ މަހު އޭސީސީން ވަނީ ބައެއް ކަންތައްތަކަށް ރިއާޔަތްކުރުމަށް ފަހު ފުލެޓު ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ހުއްދަ ދީފައެވެ.

މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅޭގޮތުން ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން، ހުޅުމާލޭގައި އަޅާ 4،000 ފުލެޓު ދިނުން ލަސްވާތީ މި ފަހުން ވެސް މާލޭގައި ރައްޔިތުން ވަނީ މުޒާހަރާ ކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން، ފުލެޓު ލިސްޓު ބާތިލުނުކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅައިފައިވެއެވެ. އެ މައްސަލަ އެ ކޮމިޓީން މިހާރު އަންނަނީ ދިރާސާކުރަމުންނެވެ.

އެކަމަކު، ސަރުކާރުން ވަނީ ފުލެޓާއި ގޯތިތައް އޭގެ ހައްގުވެރިންނަށް ރައްދުކޮށްދެއްވާނެ ކަމަށް ބުނެފައެވެ. މިނިސްޓަރު މިއަދު ވެސް ވަނީ އެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

comment ކޮމެންޓް