ސަރުކާރުގެ މާލީ ސިޔާސަތުގެ ސަބަބުން އެހީވާ ފަރާތްތަކުގެ އިތުބާރަށް އަސަރުކުރާނެ: ފައްޔާޒު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: އޭނާ ވިދާޅުވީ ކައުންސިލަރުންގެ ކުރިން މަދުކުރަންވީ ސިޔާސީ މަގާމުތައް ކަމަށް -- ފޮޓޯ/ އެމްޑީޕީ

މި ސަރުކާރުގެ މާލީ ސިޔާސަތުތައް މިހާރު ބައްޓަންކުރަމުން އަންނަ ގޮތުގެ ސަބަބުން ރާއްޖެއަށް ފައިސާގެ އެހީތެރިކަން ފޯރުކޮސްދޭ ފަރާތްތަކުން ކުރާ އިތުބާރަށް ނޭދެވޭ އަސަރުކުރާނެކަމަށް ކުރީގެ އިގްތިޞާދީ ވަޒީރު ފައްޔާޒު އިސްމާއީލް މިއަދު ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިފަދައިން ވިދާޅުވެ އެކްސްގައި ކަންބޮޑުވުން ފާޅުކުރެއްވީ ބޭންކްތަކާއި އިންޝުއަރެންސް ޚިދުމަތްދޭ ކުންފުނިތަކާއި މާލީ ކުންފުނިތަކުގެ ބޯޑަށް ސިޔާސީ މީހުން އައްޔަންކުރެވޭ ގޮތަށް ބޭންކްތަކާއި އިންޝުއަރެންސް ކުންފުނިތައް އަދި މާލީ ކުންފުނިތަކުގެ ކޯޕަރޭޓް ގަވަނެންސް ގަވާއިދަށް އިސްލާހު ގެނައުމާ ގުޅިގެންނެވެ.

ފައްޔާޒު ވިދާޅުވީ މިހާތަނަށް އެއްވެސް ސަރުކާރަކުން "މި ގޮތަށް މިކަން ނުކުރީ މާލީ ނިޒާމުގެ އިންޓެގްރިޓީ ހިފެހެއްޓުމަށް" ކަމަށެވެ.

ނަމަވެސް މި ސަރުކާރުގެ އަމަލުކުރަމުން އަންނަ ގޮތުގެ ސަބަބުން މާލީ ނިޒާމު އެތައް އަހަރުތަކެއް ފަހަތަށް ޖައްސާލާ މަންޒަރު ފެންނަކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތު ބައްޓަންވެފައި ވަނީ ދައުލަތުގެ ހިސާބުތަކާއި މާލީ ހާލަތުގެ ރިޕޯޓުތައް ހާމަކުރަން އިންކާރުކޮށް "ސިއްރުވެރި ދައުލަތެއް" ޤާއިމުކުރުމާ ދިމާއަށް ކަމަށެވެ.

"މިއީ އެތެރޭގެ އަދި ބޭރުގެ ލެންޑަރުން އަދި އިންވެސްޓަރުންގެ ކޮންފިޑެންސަށް އަނެއްކާވެސް ނޭދެވޭ އަސަރުކުރާނެ ސިޔާސަތުތަކެއް،" އޭނާ ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވި ގޮތުގައި ދުޅެހެޔޮ އިގުތިސާދެއް ބިނާކުރުމަށް ކަންކަން ހާމަކުރަން ކެރެން ޖެހޭނެކަމަށާއި އެ ހާމަކުރުމުން އަންނަ ފާޑުކިޔުންތައް އަޑު އެހުމުގެ ޤާބިލުކަން ސަރުކާރުގައި ހުރުން މުހިންމު ކަމަށް ވިދާޅުވިއެވެ.

ފައްޔާޒުގެ އިތުރުން ކުރީގެ މާލީ ވަޒީރު އިބްރާހިމް އަމީރު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

ގަވައިދަށް ގެނައި އިސްލާހާއެކު ކެބިނެޓު މިނިސްޓަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިން އަދި ސިޔާސީ ޕާޓީތަކުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ފިޔަވައި އެހެން ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތައް އަދި މާލީ ޚިދުމަތްދޭ ކުންފުނިތަކުގެ ބޯޑު މެންބަރުކަން ކުރެއްވޭނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެމްއެމްއޭގެ އޮނިގަނޑަށް ބަދަލު ގެނެސް ފަސް މެނޭޖިން ޑިރެކްޓަރުން އައްޔަންކުރާ ގޮތަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ.

އެހެންވެ، ބުރާސްފަތި ދުވަހު އެމްއެމްއޭއިން ވަނީ ފަސް މެނޭޖިން ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލާން ވެސް ހުޅުވާލައިފައެވެ. މިކަމާ ގުޅިގެން ވެސް ބައެއް ސިޔާސީ ބޭފުޅުންގެ ކަންބޮޑުުވުންތައް އަންނަނީ ފާޅުކުރައްވަމުންނެވެ

comment ކޮމެންޓް