ޕީޕީއެމް މެންބަރުން ހިމެނޭހެން ގިނަ ބަޔަކު ޕީއެންސީއަށް ވައްދަނީ

ޕީއެންސީއަށް މެންބަރުން އިތުރުކުރަން ކުރިއަށް ގެންދާ ހަރަކާތުގެ ތެރެއިން: އެ ޕާޓީން ބުނީ ޕީޕީއެމްއިން ވެސް ގިނަ މެންބަރުން ޕީއެންސީއަށް ވަންނަމުންދާ ކަމަށް -- ފޮޓޯ/ ޕީއެންސީ

ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއަށް، އެ ޕާޓީ ކޯލިޝަންގައި ހިމެނޭ ޕީޕީއެމްގެ މެންބަރުން ހިމެނޭހެން ގިނަ ބަޔަކު ވެއްދުމަށްޓަކައި ހަރަކާތެއް ފައްޓައިފިއެވެ.

މި ހަރަކާތާ ގުޅިގެން "ސަން" އަށް މައުލޫމާތު ދެއްވަމުން ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލް ޒީނާޒް އަދުނާން ވިދާޅުވީ، މި ހަރަކާތް ފައްޓާފައި ވަނީ މިމަހު ކަމަށެވެ. އަދި މުޅި ރާއްޖޭގައި މި ހަރަކާތް ކުރިއަށް ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޒީނާޒް ވިދާޅުވީ މި ހަރަކާތަކީ ޕީއެންސީއަށް ވަންނަން ބޭނުންވެފަ ތިބެ، ނުވަދެވި ތިބި މީހުން ވެއްދުމަށާއި ޕާޓީއަށް މީހުން އިތުރުކުރުމަށް ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ. އެގޮތުން ޑޯޓުޑޯ ޖައްސައިގެން އެ ފަރާތްތަކަށް ފޯމުތައް ފުރައިދިނުމުގެ މަސައްކަތް ކުރާނެ ކަމަށް އޭނާ މައުލޫމާތުދިނެވެ.

ވަކި ޕާޓީއަކަށް ބެލުމެއް ނެތި މި ހަރަކާތް ކުރިއަށް ގެންދިޔަ ނަމަވެސް، ޕީއެންސީ ކޯލިޝަންގައި ހިމެނޭ ޕާޓީ، ޕީޕީއެމްއިން ގިނަ އަދަދެއްގެ މެންބަރުން ވަންނަ ކަމަށް ޒީނާޒް ވިދާޅުވިއެވެ.

މިވަގުތު 12 ދާއިރާއެއްގައި މި މަސައްކަތް ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި މާލެއާއި ވިލިނގިލީގައި އެ ހަރަކާތް ފައްޓާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެހެން ދާއިރާތަކަށް ވެސް ޓީމްތައް ގޮސް އެ މަސައްކަތް ކުރާނެ ކަމަށް ޒީނާޒް މައުލޫމާތުދެއްވިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ދަފްތަރުގައި މިވަގުތު ރެޖިސްޓާކޮށްފައި 11 ސިޔާސީ ޕާޓީއެއް އޮތްއިރު، އެންމެ ބޮޑު ޕާޓީއެއްގެ ގޮތުގައި އޮތީ އިދިކޮޅު އެމްޑީޕީއެވެ. އެ ޕާޓީގައި 50،980 މެންބަރުން އެބަތިއްބެވެ. ދެވަނައިގައި އޮތީ ޕީޕީއެމްއެވެ. އެ ޕާޓީގައި ރެޖިސްޓާވެ، 34،827 މެންބަރުން އެބަތިއްބެވެ. ތިންވަނައިގައި ޕީއެންސީ އޮތް އިރު، އެ ޕާޓީގައި ތިބީ 28،704 މެންބަރުން އެބަތިއްބެވެ.

މީގެ ކުރިން ޕީޕީއެމްގެ ކޯލިޝަން ޕާޓީއެއްގެ ގޮތުގައި ޕީއެންސީ އޮތުމަށްފަހު މިދިޔަ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ވާދަނުކުރެއްވޭތީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ކޯލިޝަނުން ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައި ރިޔާސީ ރޭހަށް ނުކުންނަވާފައެވެ.

އެމްޑީޕީއާ ވާދަކުރައްވާ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު ޕީއެންސީ އައީ އިތުރަށް ފުޅާވަމުންނެވެ. އެ ޕާޓީން މީގެ ކުރިން ވެސް ވަނީ ޕާޓީއަށް މެންބަރުން އިތުރުކުރުމަށް މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ޕީއެންސީގެ ރަސްމީ ޖަގަހައެއް ހުޅުވައި، އެތަނުގައި ޕާޓީގެ މަސައްކަތްތައް ފުޅާކުރުމުގެ މަސައްކަތް ފެށިއެވެ.

ރިޔާސީ އިންތިޚާބުން ޕީއެންސީއަށް ލިބުނު ކާމިޔާބީއަށް ފަހު، އެ ޕާޓީން ވަނީ ރައްޔިތުންގެ މަޖިލިސް އިންތިޚާބާއި މި ފަހުން ބޭއްވި މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަނުން ވެސް އެމްޑީޕީގެ މައްޗަށް ކުރި ހޯދާފައެވެ.

އެއާއެކު އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ރައްޔިތުންގެ މެދުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް އޮތް ތާއީދު ފަތުއަޑުކިޔާފައި އިތުރުވަމުންދާ ކަމުގެ ހެކި ރައްޔިތުން ދައްކައިދީފި ކަމަށް ވިދާޅުވެފައެވެ.

އަދި އެމަނިކުފާނު ވަނީ މިއަހަރު ނިމުމުގެ ކުރިން ޕީއެންސީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަކަށް ހައްދަވާނެ ކަމަށް ވެސް މީގެ ކުރިން ވިދާޅުވެފައެވެ.

comment ކޮމެންޓް