ފޭކު ވީޑިއޯއަކުން ޝަހީމްގެ އަގު ވައްޓާލަން އުޅުން، ޕީއެންސީން ކުށްވެރިކޮށްފި

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު: ފޭކު ވީޑިއޯއަކުން ޝަހީމްގެ އަގު ވައްޓާލަން އުޅުން، ޕީއެންސީން ވަނީ ކުށްވެރިކޮށްފައި -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ފެންނަ ވީޑިއޯއެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފޭކު ވީޑިއޯއެއް ދައުރުކޮށް، އަގު ވައްޓާލަން އުޅުމުން, ސަރުކާރު ހިންގާ ކޯލިޝަނުން އެކަން ކުށްވެރިކޮށްފިއެވެ.

އަންގާރަ ދުވަހުގެ ރޭ 'އެކްސް'ގެ އެކައުންޓެއްގައި ބަދުއަޚުލާގީ މަންޒަރުތަކެއް ފެންނަ ވީޑިއޯއެއް ހިއްސާކޮށް، އެ ވީޑިއޯއިން ފެންނަ ފިރިހެން މީހާއަކީ ޝަހީމް ކަމަށް ތުހުމަތު ކޮށްފައިވެއެވެ. އެ ވީޑިއޯ ހޯދައިފައި ވަނީ އޭނާ މީގެ ކުރިން ގެންގުޅުއްވި ފޯނަކުން ކަމަށް ވެސް އެ ޕޯސްޓުގައި ތުހުމަތުކޮށްފައިވެއެވެ.

އެކަމާ ގުޅިގެން ޕީއެންސީން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ވަނީ މިނިސްޓަރު ޝަހީމްގެ އަބުރު ނަގާލުމުގެ ބޭނުމުގައި ސޯޝަލް މީޑިއާގެ އިތުރުން ބައެއް މީޑިއާތަކުން ހަގީގަތާ ޚިލާފު ދޮގު ވާހަކަތައް ދައްކަމުން ގެންދާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އެ ކޯލިޝަނުން ބުނީ ޑރ. ޝަހީމަކީ މުޅި އިސްލާމީ ދުނިޔޭގައި ވެސް ނަން ހިނގާ މަޝްހޫރު އަދި އިސްލާމީ ދައުލަތްތަކުން އޭނާގެ ޚިދުމަތުގެ އަގު ވަޒަންކުރަމުން ގެންދާ ޚުލްގު ހެޔޮ ދީނީ ލީޑަރެއް ކަމަށެވެ. އަދި ޝަހީމު، އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދީނީ ސިޔާސަތުތައް ކުރިއެރުވުމުގައި ސާބިތުކަމާއެކު ކުރައްވަމުން ގެންދަވާ މަސައްކަތަށް އެ ކޯލިޝަނުން ފަޚުރުވެރިވާކަމަށް ވެސް ބުނެފައިވެއެވެ.

ރައީސް މުއިއްޒުގެ މެނިފެސްޓޯގައި އިސްލާމިކް މިނިސްޓްރީއާ ގުޅުންހުރި އެންމެހާ ކަންކަން ކުރެއްވުމުގައި ޝަހީމް އެގެންދަވަނީ ކާމިޔާބު ހޯއްދަވަމުންކަން ވެސް ފާހަގަކުރަން، އެއީ ދީނީ ޢިލްމު ދެނެވަޑަިއގެން ހުންނެވި އަޒުމް ވަރުގަދަ ސިޔާސީ ލީޑަރެއް. ޝަހީމްގެ އަބުރު ކަތިލުމުގެ ބޭނުމުގައި ބަޔަކު ކުރަމުން ގެންދާ ހަޑި މުޑުދާރު ނާތަހުޒީބު ކަންކަން މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލަން، ޕީއެންސީ/ ޕީޕީއެމްގެ ނޫސްބަޔާން

އެ ކޯލިޝަނުން ބުނީ ޝަހީމަކީ ފުރައްސާރަކޮށް ހަގީގަތާ ޚިލާފު ދޮގު އިލްޒާމުތަކަށް ފަސްޖެހޭނެ ބޭފުޅެއް ނޫންކަމަށެވެ. އެހެންކަމުން ޝަހީމްގެ އަބުރު ކަތިލުމުގެ ބޭނުމުގައި ބަޔަކު ކުރަމުން ގެންދާ 'ހަޑި މުޑުދާރު ނާތަހުޒީބު' ކަންކަން މިހާރުން މިހާރަށް ހުއްޓާލުމަށް އެ ކޯލިޝަނުން ވަނީ ގޮވާލާފައެވެ.

ސޯޝަލް މީޑިއާއަށް އެ ވީޑިއޯ ލުމާއެކު ގިނަ ބަޔަކު ވަނީ އެ ވީޑިއޯއިން ފެންނަނީ ޝަހީމް ނޫން ކަމަށާއި، ވީޑިއޯއިން ފެންނަ ފިރިހެން މީހާ ޝަހީމާ އެއްގޮތް ކުރަން އެޑިޓްކޮށްފައިވާކަން ފާހަގަކޮށްފައެވެ. އަދި އެފަދަ ދަށު ދަރަޖައިގެ އަމަލުތަކުން މީހެއްގެ އަގު ވައްޓައިލަން އުޅުމާ ދެކޮޅަށް ގިނަ ބަޔަކު ޝުއޫރު ފާޅުކުރިއެވެ.

https://sun.mv/195198

ޝަހީމްގެ ދިފާއުގައި 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މީގެ ކުރިން ވިދާޅުވީ، ޝަހީމަށް ފުރައްސާރަކޮށް، ހަގީގަތާ ޚިލާފު އިލްޒާމުތައް އަޅުވައިގެން އޭނާ ފަހަތަށް ނުޖެއްސޭނެ ކަމަށެވެ.

ހަމައެއާއެކު އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝަހީމްގެ އަބުރު ކަތިލުމަށް އަސްލެއް ނެތް ވީޑިއޯ އުފެއްދުމަކީ ނާތަހުޒީބު އަމަލެއް ކަމަށެވެ. އަދި އެކި ފަރާތްތަކުގެ އަބުރުކަތިލުމަށް ހަގީގަތާ ޚިލާފު ދޮގު ވާހަކަ ފެތުރުމަކީ ވެސް ބަލައިގަނެވިގެންވާނެ ކަންތައްތައް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ވީޑިއޯއާ ގުޅޭގޮތުން މިހާތަނަށް ޝަހީމް ވަކި އެއްޗެއް ވިދާޅުނުވި ނަމަވެސް، އަބްދުއްރަހީމް އޭނާގެ ދިފާއުގައި ދެއްކެވި ވާހަކަފުޅަށް ޝުކުރު އަދައިކުރައްވައިފައިވެއެވެ.

comment ކޮމެންޓް