ފޭކު ވީޑިއޯއަކުން ޝަހީމްގެ އަގު ވައްޓާލަން އުޅުމުން ދިފާއުގައި އެތައް ބަޔަކު

މިނިސްޓަރު ޝަހީމް: ފޭކު ވީޑިއޯއަކުން ޝަހީމްގެ އަގު ވައްޓާލަން އުޅުމުން ދިފާއުގައި އެތައް ބަޔަކު ވަނީ ދިފާއުގައި ތެދުވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ފެންނަ ވީޑިއޯއެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފޭކު ވީޑިއޯއެއް ދައުރުކޮށް، އަގު ވައްޓާލަން އުޅުމުން ގިނަ ބަޔަކު މިނިސްޓަރުގެ ދިފާއުގައި ނުކުމެއްޖެއެވެ.

ރޭ 'އެކްސް'ގެ އެކައުންޓެއްގައި ބަދުއަޚުލާގީ މަންޒަރުތަކެއް ފެންނަ ވީޑިއޯއެއް ހިއްސާކޮށް، އެ ވީޑިއޯއިން ފެންނަ ފިރިހެން މީހާއަކީ ޝަހީމް ކަމަށް ތުހުމަތު ކޮށްފައިވެއެވެ. އެ ވީޑިއޯ ހޯދައިފައި ވަނީ އޭނާ މީގެ ކުރިން ގެންގުޅުއްވި ފޯނަކުން ކަމަށް ވެސް އެ ޕޯސްޓުގައި ތުހުމަތުކޮށްފައިވެއެވެ.

އެ ވީޑިއޯ ލުމާއެކު ގިނަ ބަޔަކު ވަނީ އެ ވީޑިއޯއިން ފެންނަނީ ޝަހީމް ނޫން ކަމާއި، ވީޑިއޯއިން ފެންނަ ފިރިހެން މީހާ ޝަހީމާ އެއްގޮތް ކުރަން އެޑިޓްކޮށްފައިވާކަން ފާހަގަކޮށްފައެވެ. އަދި އެފަދަ ދަށު ދަރަޖައިގެ އަމަލުތަކުން މީހެއްގެ އަގު ވައްޓައިލަން އުޅުމާ ދެކޮޅަށް ގިނަ ބަޔަކު ޝުއޫރު ފާޅުކުރިއެވެ.

ޝަހީމްގެ ދިފާއުގައި 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ޝަހީމަށް ފުރައްސާރަކޮށް، ހަގީގަތާ ޚިލާފު އިލްޒާމުތައް އަޅުވައިގެން އޭނާ ފަހަތަށް ނުޖެއްސޭނެ ކަމަށެވެ.

"އެއަށްވުރެ ޑރ. ޝަހީމުގެ ޢަޒުމު ވަރުގަދަވާނެ. އެއީ މިހާތަނަށް ދިވެހިރާއްޖެ ދުށް އެންމެ ގާބިލް އެންމެ ހިންގުންތެރި އިސްލާމިކް މިނިސްޓަރު،" އެ މަނިކުފާނު ވިދާޅުވިއެވެ.

އޭދަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ސަލީމް ވެސް އެ ވީޑިއޯގެ މައްސަލަ ކުށްވެރި ކުރައްވައި، އެފަދަ އަމަލުތަކަކީ 'ހައްދު ފަހަނައަޅައި ދިޔުމުގެ' ގޮތުގައި ސިފަކުރެއްވިއެވެ.

އެ ވާހަކައަށް ބާރު ދެއްވައި، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަލްޝާ ޝަރީފް ވިދާޅުވީ ފޭކު ވީޑިއޯތައް ހެދުމަކީ މީހުންގެ ދިރިއުޅުން ހަލާލުކޮށްލާ ކަމެއް ކަމަށާއި އަމިއްލަ ނަފުސުގެ ދިފާއު ކުރުމަކީ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"މިއީ ސައިބާ ކުށެއް، މި މައްސަލަ ވަރަށް ސީރިއަސްކޮށް ތަހުގީގު ކުރަން ޖެހޭ،" އޭނާ ވިދާޅުވިއެވެ.

އެމްއެންޔޫގެ ލެކްޗަރާ އަލީ ޒައިދު ވެސް ވަނީ އޭއައި ބޭނުން ކޮށްގެން ޑީޕް ފޭކް ވީޑިއޯ ހެދުމަކީ މި ޒަމާނުގައި ވަރަށް ފަސޭހަ ކަމެއް ކަމަށާއި، އެފަދަ ވީޑިއޯތަކާ މެދު ރައްޔިތުން ސަމާލުވާން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

"ސިޔާސީ ރުޅީގައި، އަނެކާއާ ޒާތީވެ، ހަސަދަވެރިވެ، ނުކުރާ ކަންކަން ބޮލުގައި އަޅުވައި އަބުރު ކަތިލަން ފޭކް ވީޑިއޯ އާއި ފޮޓޯ އުފައްދާނީ ވަރަށް ނުބައި ވީމަ،" އޭނާ ވިދާޅުވިއެވެ.

ސަރުކާރާއި ޕީއެންސީގެ ބޭފުޅުންގެ އިތުރުން އިދިކޮޅުން ވެސް ވަނީ އެ މައްސަލައިގައި ޝަހީމްގެ ދިފާއުގައި ވާހަކަދައްކައިފައެވެ.

އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝަހީމްގެ އަބުރު ކަތިލުމަށް އަސްލެއް ނެތް ވީޑިއޯ އުފެއްދުމަކީ ނާތަހުޒީބު އަމަލެއް ކަމަށެވެ. އަދި އެކި ފަރާތްތަކުގެ އަބުރުކަތިލުމަށް ހަގީގަތާ ޚިލާފު ދޮގު ވާހަކަ ފެތުރުމަކީ ވެސް ބަލައިގަނެވިގެންވާނެ ކަންތައްތައް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"މިފަދަ ޢަމަލުތައް ކުށްވެރިކުރުމުގެ ހިތްވަރު ކޮންމެ މީހެއްގެ ކިބައިގައިވެސް ހުންނަން އެބަޖެހޭ. އަމިއްލަ މަންފާއަށް ޓަކައި ވަކި ބަޔަކު މުޅި މުޖުތަމައުގެ ފޭރާން ވީދާ ޚަރާބު ކުރާއިރު އެކަމާ ދެކޮޅަށް ބަސްނުބުނެ ތިބެގެން ނުވާނެ،" ޝާހިދު ވިދާޅުވިއެވެ.

އެ ވީޑިއޯއާ ގުޅޭ ގޮތުން މިހާތަނަށް ޝަހީމް ވަކި އެއްޗެއް ވިދާޅުނުވި ނަމަވެސް، އަބްދުއްރަހީމް އޭނާގެ ދިފާއުގައި ދެއްކެވި ވާހަކަފުޅަށް ޝުކުރު އަދައިކުރައްވައިފައިވެއެވެ.

comment ކޮމެންޓް