މި އަހަރު ރޯދަ މަހަށް ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސައުދީ އަރަބިއްޔާއިން ހަދިޔާކުރި ކަދުރު މިއަދު ބަހަން ފަށައިފިއެވެ.
ކަދުރު ބަހާނީ މިއަދުން ފެށިގެން އަންނަ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް, ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:30އިން 13:00 އަށެވެ.

ކަދުރު ބަހަން ފެށުން -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒު މެދުވެރިކޮށް އިސްލާމީ މަރުކަޒުގައެވެ. އަދި ރަށްރަަށަށް ނުވަތަ އަތޮޅުތެރެއަށް ކަދުރު ބަހަނީ، ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލްތައް މެދުވެރިކޮށެވެ.
ކަދުރު ބަހަން ހަމަޖައްސާފައި ވަނީ މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރުބަލައި ހާޒިރުވާ ތަރުތީބުން، ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓް ކަދުރެވެ.

ކަދުރު ބަހަން ފެށުން -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
މިނިސްޓްރީން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ގިނަ އަދަދެއްގެ މީހުން ވަނީ ކަދުރު ބަލައި އިސްލާމީ މަރުކަޒަށް ގޮސްފައެވެ.
ގޭބިިސީއަށް ކަދުރު ބަހަނީ، އެ ގޭބިސީއެއްގެ ކަރަންޓް މީޓަރުގެ ނަންބަރަށް ބަލައި އަދި ކަދުރާ ހަވާލުވާ މީހެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަށް ބެލުމަށްފަހުއެވެ.
މި އަހަރު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސައުދީ އަރަބިއްޔާއިން ހަދިޔާކުރި ކަދުރާ ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެލެއްވީ އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްއެވެ.

ކަދުރު ބަހަން ފެށުން -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
މި އަހަރު ސައުދީ އަރަބިއްޔާގެ ސަރުކާރުން 50 ޓަނުގެ ކަދުރު ވަނީ ރާއްޖެއަށް ހަދިޔާކޮށްފައެވެ.
އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ބުނީ މި އަހަރު ކަދުރު ދޭ ޖަމިއްޔާތަކުގެ ތެރޭގައި ރޯދަވިއްލުންތައް އިންތިޒާމު ކުރާ ޖަމިއްޔާތައް ހިމެނޭ ކަމަށެވެ. އެހެެންވެ، އެކަމަށް ޝައުގުވެރިވާ ޖަމިއްޔާތަކުން އެ މިނިސްޓްރީގައި ނަން ނޯޓު ކުރުމަށް ވަނީ ހުޅުވާލާފައެވެ.