ޓީޗަރުންތަކެއް ކުޅިވަރު ކުޅުނީ މިހާރު ސެމިނާ ހޯލަކަށް ބޭނުންކުރާ ތަނެެއްގައި ކަމަށާއި އެތަނުގައި މިހާރު ނަމާދު ނުކުރާ ކަމަށް ތ. ވިލުފުށީ ކައުންސިލުން މިއަދު ބުނެފިއެވެ.
އެ ކައުންސިލުން އެހެން ބުނެފައި ވަނީ، މިސްކިތެއް ހެން ހުރި ތަނެއްގައި ބަޔަކު ކުޅިވަރު ކުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެ، އެ މައްސަލަ ބަލަން ފަށާފައިވާ ކަން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އިއުލާނު ކުރައްވާފައި ވަނިކޮށެވެ.
އެ ވީޑިއޯއިން ފެންނަނީ މިސްކިތެއްގައި ދެ ޖިންސުގެ މީހުންތަކެއް ގޭމު ކުޅެމުންދާ މަންޒަރެވެ.
ދެ ޓީމަކަށް ބަހައިގެން، ކަރުދާސް ފެން ބޯ ތަށި ބޮލަށް ލައިގެން ފޯރީގައި ގޭމް ކުޅޭ މަންޒަރު ދައްކުވައިދޭ އެ ވީޑިއޯގައި އެއީ ކޮން މިސްކިތެއް ކަމެއް ސާފެއް ނޫނެވެ.
އެ ކަމާ ގުޅުވައި ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުން އަންނަނިކޮށް، އެކަން ހިނގި ގޮތް ސާފުކޮށްދިނުމަށް ވިލުފުށީ ކައުންސިލުން މިއަދު ވަނީ ބަޔާނެއް ނެރެފައެވެ.
އެ ބަޔާނުގައި ވަނީ، އެ ވީޑިއޯއަކީ މިދިޔަ އޮކްޓޫބަރު ހައެއްގައި ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް ގެންދިޔަ ހަފުލާގެ ތެރެއިން ކުރިއަށް ގެންގޮސްފައިވާ ހަރަކާތެއް ކަމަށް ބުނެފައެވެ.
އެ ކައުންސިލުން ބުނި ގޮތުގައި، އެރަށު ނަލަހިޔާ އިސްލާމީ މަރުކަޒުގައި ހުންނަ 'ނަލަ މާލަމަކީ' ދީނީ އަދި އިޖްތިމާއީ އެކި ބޭނުންތަކަށް މިހާރު ބޭނުންކުރާ ތަނެއް ކަމަށާއި ރަށު ފެންވަރާއި އަތޮޅު ފެންވަރުގައި ބާއްވާ އެކި މުބާރާތްތަކާއި ހަރަކާތްތަކަށް ކުރިން ވެސް އެ ތަން ބޭނުންކޮށްފައިވާ ކަމަށެވެ.
އެތަން ސެމިނާ ހޯލަކަށް ބަދަލު ކުރުމުގެ ކުރިން ބޭނުންކުރަމުން ގޮސްފައި ވަނީ، އަންހެނުން ނަމާދު ކުރާ ބައިގެ ގޮތުގައެވެ. ނަމަވެސް، މިހާރު އަންހެނުން ނަމާދު ކުރަނީ މިސްކިތުގެ މަތީ ބައިގަ އަންހެނުންނަށް ޚާއްސަކޮށް، ޕާޓިޝަން ޖަހައިގެން ހާދަފައިވާ ބައެއްގައެވެ.ވިލުފުށީ ކައުންސިލްގެ ބަޔާން
އެ ކައުންސިލުން ވަނީ އެ ހޯލުގައި މި ވަގުތު އަޅާފައިވާ ކާޕެޓަކީ މިސްކިތުގެ ނަމާދުކުރާ ބައިގަ އަޅާފައި ކުރިން އަޅާފައި އޮތް ކާޕެޓެއް ކަން ފާހަގަކޮށްފައެވެ.
މީގެއިތުރުން، އެ ކައުންސިލަކީ ދީނީ ކަންކަމަށް ޚާއްސަ އިސްކަމެއް ދީގެން ކަންކަން ކުރަން އަބަދު ވެސް މަސައްކަތް ކުރާ ކައުންސިލެއް ކަން ފާހަގަކޮށް ބުނީ، ޓީޗަރުން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރަން ބޭއްވި ހަފުލާއެއްގެ ތަންކޮޅެއް ބޭނުންކޮށްގެން ހަގީގަތް އޮޅޭ ގޮތަށް ފަތުރާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
އެފަދަ ކަމެއް ކުރާތީ ހިތާމަފާޅުކޮށް ވިލުފުށީ ކައުންސިލުން ވަނީ މުސްތަގުބަލުގައި ވެސް މިސްކިތުގެ ހުރުމަތް ކެނޑޭނެ ފަދަ އަމަލެއް ނުރާނެ ކަމަށާއި އެފަދަ ކަމަކަށް ތަރުހީބު ނުދޭނެކަމުގެ ޔަގީންކަން އަރުވާފައެވެ.