އަމާޒަކީ އެންމެ ގިނައިން ފަތުރުވެރިން އަންނަ ތިން ގައުމުގެ ތެރޭ އިންޑިއާ ހިމެނުން: ޝިއުރީ

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ: ވިދާޅުވީ އަމާޒަކީ ރާއްޖޭގެ މާކެޓުގެ ޓޮޕް ތިނެއްގައި އިންޑިއާ ހިމެނުން ކަމަށް ---- ފޮޓޯ/ ޓޫރިޒަމް މިނިސްޓްރީ

އަމާޒަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ތިން ގައުމުގެ ތެރޭގައި އިންޑިއާ މާކެޓު ހިމެނުން ކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ޝިއުރީ ވިދާޅުވީ، އިންޑިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގައި ވަރަށް ގިނަ އަހަރުތަކެއް ވަންދެން، ޚާއްސަކޮށް ކޮވިޑް 19ގެ ދުވަސްވަރު ބޮޑު ދައުރެއް އަދާކުރި ގައުމެއް ކަމަށެވެ.

އިންޑިއާއަކީ މި އަހަރު ފެށުނުއިރު ރާއްޖޭގެ އެއްވަނަ މާކެޓެވެ. ނަމަވެސް، މިހާރު ރާއްޖޭގެ މާކެޓުގައި އިންޑިއާ އޮތީ ހަވަނައިގައި ކަމަށްވާއިރު، އިއްޔެގެ ނިޔަލަށް އެ ގައުމުން 72,637 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

https://sun.mv/194997

ފަތުރުވެރިން ރާއްޖެއަށް އަންނަ މިންވަރު އިތުރު ކުރުމަށް މިދިޔަ ހަފުތާގައި އެ ގައުމުގައި ބޭއްވި ރޯޑްޝޯ ފަދަ ހަރަކާތްތަކުން އެ ގައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުވާނެ ކަމަށް ޝިއުރީ ވަނީ ލަފާކުރައްވާފައެވެ.

ފަތުރުވެރިންތަކެއް: ޝިއުރީ ވިދާޅުވީ އަމާޒަކީ ރާއްޖޭގެ މާކެޓުގެ ޓޮޕް ތިނެއްގައި އިންޑިއާ ހިމެނުން ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެގޮތުން، ރާއްޖޭގެ ޓޮފް ތިން މާކެޓުގެ ތެރޭގައި އަލުން އިންޑިއާ ހިމެނޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް ޝިއުރީ އެ ނޫހަށް ވިދާޅުވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ، ރާއްޖެއަކީ އިންޑިއާ ފަތުރުވެރިންނަށް ޝައުގުވެރި މަންޒިލަކަށް ވާނެ ކަމަށާއި އެމްއެމްޕީއާރުސީގެ އަމާޒަކީ އިންޑިއާ ފަތުރުވެރިންނަށް އެންމެ ކަމުދާ މަންޒިލަށް ރާއްޖެ ހެދުން ކަމަށެވެ.

މިހާރު ވެސް ރާއްޖެއާއި އިންޑިއާއާ ދެމެދު ފަސް އެއާލައިނަކުން ދަތުރުތައް ކުރާއިރު، ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް އިންޑިއާގެ އިތުރު ސަރަހައްދުތަކުން ދަތުރުތައް ފެށޭނެ ގޮތްތައް ބަލަމުން އަންނަކަން ޝިއުރީ ވަނީ ފާހަގަކުރައްވާފައެވެ.

އިންޑިއާ ފަތުރުވެރިން އައުން މިހާ ބޮޑަށް ދަށްވެފައިވަނީ މި ސަރުކާރު އުފެދުމާ އެކު އަވައްޓެރި ގައުމާ އެކު އުފެދުނު ނުތަނަސްވަމުގެ ތެރެއިންނެވެ.

ވީއައިއޭ، ފަތުރުވެރިން، ޓޫރިސްޓުން: ޝިއުރީ ވިދާޅުވީ ވިދާޅުވީ އަމާޒަކީ ރާއްޖޭގެ މާކެޓުގެ ޓޮޕް ތިނެއްގައި އިންޑިއާ ހިމެނުން ކަމަށް --- ސަން ފައިލް ފޮޓޯ

އިންޑިއާ ސިފައިން ފޮނުވާލަން އިދިކޮޅުގައި ޕީއެންސީ އޮތްއިރު ހިންގި 'އިންޑިއާ އައުޓް' ކެމްޕޭންގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް އަސަރުކޮށްފައި އޮއްވައި މި ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްކޮށް މީސްމީޑިއާގައި ޕޯސްޓްތަކެއް ކޮށްފައެވެ.

https://sun.mv/194846

އެއަށް ފަހު އިންޑިއާގެ ނުފޫޒުގަދަ ބައެއް ފިލްމީ ތަރިން ހިމެނޭހެން ވަނީ ރާއްޖެ ބޮއިކޮޓުކުރަން ވެސް ގޮވާލައިފައެވެ. އޭގެ ފަހުން، ރާއްޖެ ޒިޔާރަތްކުރާ އިންޑިއާ ފަތުރުވެރިންގެ އަދަދު ވަނީ މަދުވެފައެވެ.

މި ސަރުކާރުން ވަނީ މި އަހަރު ދެ މިލިއަން ފަތުރުވެރިން ގެންނަން އަމާޒު ހިފާފައެވެ.

comment ކޮމެންޓް