މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޗައިނާއާއި ރަޝިއާގެ ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިނިސްޓްރީން ޝާއިއުކޮށްފައިވާ "މޯލްޑިވްސް ޓޫރިޒަމް އަޕްޑޭޓްސް" ރިޕޯޓުގައިވާ ގޮތުން، މި މަހުގެ 18 ގެ ނިޔަލަށް ރާއްޖެއަށް އެތެރެވި ފަތުރުވެރިންގެ ތެރެއިން އެންމެ ބޮޑު ހިއްސާއެއް އޮތީ ޗައިނާ އަދި ރަޝިއާ މާކެޓަށެވެ.
ޗައިނާއިން 343،071 ފަތުރުވެރިން އައިސްފައިވާއިރު އެއީ ޖުމްލަ ފަތުރުވެރިންގެ 18.3 އިންސައްތައެވެ. އަދި ލިސްޓުގެ ދެވަނައިގައި އޮތް ރަޝިއާއިން 272،756 ފަތުރުވެރިން އައިސްފައިވާއިރު އެއީ ޖުމުލަ އަދަދުގެ 14.6 އިންސައްތައެވެ.
މިދިޔަ އަހަރުގެ ނޮވެންބަރު 18ގެ ނިޔަލަށް ޗައިނާއިން ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 304,920 ފަތުރުވެރިންނެވެ. އެއީ 15.7 އިންސައްތައެވެ. އަދި ރަޝިއާއިން އައި ފަތުރުވެރިންގެ އަދަދަކީ 245,222 އެވެ. އެއީ 12.6 އިންސައްތައެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ ތިންވަނައިގައި ޔުނައިޓެޑް ކިންގްޑަމް (ޔޫކޭ) 7.8 އިންސައްތައިގައި އޮތްއިރު، ހަތަރުވަނައިގައި 7.0 އިންސައްތައާއި އެކު އޮތީ ޖަރުމަނުވިލާތެވެ.
މީގެ އިތުރުން އިޓަލީވިލާތުން 6.0 އިންސައްތަ އަދި އިންޑިއާއިން 5.9 އިންސައްތަ ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.
މި މަހުގެ 18 ގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި މީހުންގެ އަދަދު ވަނީ 1,906,152 އަށް އަރާފައެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 3.1 އިންސައްތައިގެ ދަށްވުމެކެވެ. މީގެ ތެރޭގައި ހިމެނެނީ 1,871,843 ފަތުރުވެރިންނާއި، 17,248 ވިޔަފާރި ދަތުރުވެރިންނާއި ކަނޑުމަގުން އެތެރެވި 17,061 ކްރޫޒް ފަސިންޖަރުންނެވެ.
މި އަހަރުގެ މިހާތަނަށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 5,813 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށްވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރި ތަންތަނަށް ބަލާއިރު، 1,382,574 ފަތުރުވެރިން (73.9 އިންސައްތަ) ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އަދި 407,935 ފަތުރުވެރިން ގެސްޓްހައުސްތަކުގައި، 41,682 ފަތުރުވެރިން ހޮޓާތަކުގައި އަދި 36,566 ފަތުރުވެރިން ވަނީ ސަފާރީތަކުގައި ޗުއްޓީ ހޭދަކޮށްފައެވެ. ރާއްޖެ އެތެރެވި ފަތުރުވެރިންގެ 98.0 އިންސައްތަ މީހުން ދަތުރުކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށެވެ.
ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް 1,296 ތަނެއްގައި 69,026 އެނދު ރަޖިސްޓްރީކޮށްފައިވާއިރު، އޭގެ ތެރެއިން 68,276 އެނދު މިހާރު ދަނީ އޮޕަރޭޓްކުރަމުންނެވެ. އެއީ 98.9 އިންސައްތަ އެނދެވެ.
އަތޮޅުތަކުގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ކާފު އަތޮޅަށެވެ. އެއީ 844,682 ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ދިޔައީ އދ. އަތޮޅަށެވެ. އެއީ 152,158 ފަތުރުވެރިންނެވެ.
ރާއްޖެއަށް މި އަހަރު އައި ފަތުރުވެރިންގެ އަދަދު މަދުވި މައިގަނޑު އެއް ސަބަބަކީ، މެދުއިރުމަތީގައި ހަނގުރާމަ ފެށި ދުވަސްވަރު ގިނަ އަަދަދެއްގެ ދަތުރުތައް ކެންސަލްވުމެވެ. ހަނގުރާމަ އަދިވެސް ކުރިއަށްދާއިރު، ދަތުރުތަކުގެ އަގުތައް އުފުލުމަކީ ވެސް ފަތުރުވެރިކަމަށް އަސަރުކުރާ ކަމެކެވެ.
އެ ގޮންޖެހުންތަކާއެކު ވެސް، މިދިޔަ އަަހަރަށްވުރެ މި އަހަރު ފަތުރުވެރިން މަދު ނުވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މިދިޔަ އަހަރު ރާއްޖެއަށް 2.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރިއެވެ.