އެމްއެމްޕީއާރުސީން އޭޝިއަން ޓޫރިޒަމް ފެއާ ޕްރޮމޯޓްކުރަނީ މަޓާޓޯ އަދި އެންއެޗްޖީއޭއެމްއާ ގުޅިގެން

11ވަނަ އޭޝިއަން ޓޫރިޒަމް ފެއާގައި ރާއްޖެއިން ބައިވެރި ވެފައި -- ފޮޓޯ/ މޯލްޑިވްސް އިންވެސްޓްމަންޓް

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި މިއަހަރު ބާއްވަން ހަމަޖެހިފައިވާ އޭޝިއަން ޓޫރިޒަމް ފެއާގައި ބައިވެރިވެ ރާއްޖެ ޕްރޮމޯޓްކުރުމަށް، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން މަޓާޓޯ އަދި ގެސްޓްހައުސް އެސޯސިއޭޝަނާ ގުޅިއްޖެއެވެ.

މި ފެއާ ބާއްވަން ހަމަޖެހިފައި ވަނީ ޑާކާގައި ހުންނަ އިންޓަނޭޝަނަލް ކޮންވެންޝަން ސިޓީ ބަޝުންދުރާ (އައިސީސީބީ)ގައި ސެޕްޓެމްބަރު 19އިން 21ވަނަ ދުވަހުގެ ނިޔަލަށެވެ.

އެމްއެމްޕީއާރުސީން ބުނީ މިއަހަރުގެ އޭޓީއެފްގެ ޑްރައިވިން ޓީމާ މަޓާޓޯ ގުޅުނީ ފަތުރުވެރިކަން ކުރިއެރުވުމަށާއި، ކުރިއަރަމުން އަންނަ ބަންގްލަދޭޝް މާކެޓުގެ ފަތުރުވެރިން އިތުރުކުރުމަށް ކަމަށެވެ.

އެގޮތުން މި ފެއާގައި އެމްއެމްޕީއާރުސީ، މަޓާޓޯ އަދި ގެސްޓްހައުސް އެސޯސިއޭޝަން ގުޅިގެން ޑާކާގައި ސްޓޭންޑެއް ތައްޔާރު ކުރަން ވަނީ ހަމަޖެހިފައެވެ.

އެމްއެމްޕީއާރުސީން ބުނީ މި ސްޓޭންޑް ފަރުމާކުރުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ ފެންވަރުގެ ރިސޯޓުތަކާއި ހޮޓެލްތަކާއި ގެސްޓްހައުސްތަކާއި، ޓުއާ އޮޕަރޭޓަރުންގެ ތަފާތު އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލެވޭ ގޮތައް ކަމަށެވެ.

އެކުންފުނިން ބުނީ މި ސްޓޭންޑްގައި ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ކަނޑުގެ އުޖާލާ ދިރުންތަކާއި އާދަޔާ ޚިލާފު މެހެމާންދާރީ ދައްކުވައިދޭނެ ކަމަށެވެ.

މީގެއިތުރުން، ގެސްޓްހައުސްތަކުން ދޭ ޚިދުމަތްތައް އިޝްތިހާރު ކުރުމަށް ޕްލެޓްފޯމެއް ވެސް މި ފެއާގައި ތައްޔާރުކުރަން ވަނީ ހަމަޖެހިފައެވެ.

އެމްއެމްޕީއާރުސީގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވީ މި ފެއާގައި ބައިވެރިވުމަށް މަޓޯޓާ އާއި ގެސްޓްހައުސް އެސޯސިއޭޝަނުން ގުޅުމުގެ ސަބަބުން ބަންގްލަދޭޝް މާކެޓުގައި ރާއްޖެއަކީ ޗުއްޓީ ހޭދަކުރުމަށް މަގުބޫލު މަންޒިލެއްގެ ގޮތުގައި ދައްކާލެވޭނެ ކަމަށެވެ.

"މިއަހަރު އެމްއެމްޕީއާރުސީގެ އެންމެ ބޮޑު އެއް މަގްސަދަކީ އާ މާކެޓްތަކާއި ސެގްމެންޓްތައް ހޯދުން،" ޝިއުރީ ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީން ބުނީ ބަންގަލަދޭޝްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އައު މާކެޓަކަށް ވުމުން، މި ފެއާއަކީ ބަންގްލަދޭޝް އާއި ދެކުނު އޭޝިއާ ސަރަހައްދުން ފަތުރުވެރިންގެ ބޮޑު ހިއްސާއެއް ހޯދުމަށް ލިބޭ މުހިއްމު ފުރުސަތެއް ކަމަށެވެ.

މީގެ އިތުރުން މި ފެއާއަކީ، ޑެސްޓިނޭޝަން ހޭލުންތެރިކަން އިތުރުކުރުމާއި ބައިނަލްއަގްވާމީ ޓްރެވެލް ޓްރޭޑާއެކު ހަރުދަނާ ގުޅުންތައް ގާއިމްކުރުމުގެ ސްޓެރެޖިކް މަގްސަދުތަކާ ގުޅިފައިވާ ހަރަކާތެއް ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

އެމްއެމްޕީއާރުސީން ބުނީ އެކުންފުނިން މަސައްކަތްކުރަނީ ރާއްޖެއަކީ ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަންގެ ގޮތުގައި ހުރިހާ މާކެެޓެއްގައި ވެސް އިޝްތިހާރުކުރަން ކަމަށެވެ. މިގޮތުން މި ފެއާގައި ބައިވެރިވުމަކީ އުއްމީދީ އާ މާކެޓްތަކުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

comment ކޮމެންޓް