ޔޫއޭއީގެ ޗުއްޓީ ބުކިންތަކުގެ އެއްވަނައިގައި ރާއްޖެ

މުސްލިމް ދެ ފަތުރުވެރިން ރާއްޖޭގެ ރިސޯޓެއްގައި-- ފޮޓޯ: މާހިދު ފޮޓޯސް

ދިވެހިރާއްޖެ ދަނީ ޔޫއޭއީގެ އީދު އަލް އިއްތިހާދު ޗުއްޓީއަށް އެންމެ ގިނައިން ބުކިން ހަދާ މަންޒިލްގެ ގޮތުގައި އެންމެ ކުރީގައި ހިމެނެމުންނެވެ.

ޑީނާޓާ ޓްރެވަލްއިން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިހާތަނަށް ހަދާފައިވާ ޖުމުލަ ބުކިންތަކުގެ 85 އިންސައްތައަކީ ގައުމުން ބޭރުގެ ދަތުރުތަކެވެ. ހޫނު މޫސުމުގެ ގޮނޑުދޮށްތަކުގެ އިތުރުން ފިނި މޫސުމުގެ މަންޒިލްތަކަށް އޮތް ޝައުގުވެރިކަންވެސް އިތުރުވެ، އިނގިރޭސިވިލާތާއި ސްވިޒަލަންޑަށް ހަދާފައިވާ ބުކިންތައް މިދިޔަ އަހަރާ އަޅައިބަލާއިރު ވަނީ ދެގުނަވެފައެވެ. އަދި ފްރާންސަށް ކުރާ ދަތުރުތަކުގެ ބުކިން 50 އިންސައްތަ އިތުރުވެފައިވާއިރު، މި ޗުއްޓީގައި ގައުމުން ބޭރުން އެންމެ ގިނައިން ބުކިން ހަދާފައިވާ ދިހަ ގައުމަކީ ދިވެހިރާއްޖެ، އެމެރިކާ، ޔޫކޭ، ތައިލެންޑް، ޖަޕާން، ސްވިޒަލަންޑް، ވިއެޓްނާމް، ދެކުނު އެފްރިކާ، ކެނެޑާ އަދި ފްރާންސެވެ.

މީގެ އިތުރުން، އެމެރިކާގެ ހޮޓާތަކަށް ހަދާފައިވާ ބުކިންތައް 25 އިންސައްތަ އިތުރުވެފައިވާ ކަމަށާއި، އޭގެ ތެރެއިން ނިއުޔޯކް ސިޓީ ފާހަގަކޮށްލެވޭ ކަމަށް ޑީނާޓާ ޓްރެވަލްއިން ބުންޏެވެ. ޖަޕާނާއި ތައިލެންޑް އެންމެ ކުރީގެ ފަސް ގައުމުގެ ތެރޭގައި ހިމެނޭއިރު، ވިއެޓްނާމް ވަނީ ގަދަ ދިހައެއްގެ ތެރެއަށް ވަދެ، 2026 ވަނަ އަހަރު އެ ކުންފުނީގެ ނެޓްވޯކުގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އެއް މަންޒިލަށް ވެފައެވެ. އެތެރޭގެ ދަތުރުތައް ހިއްސާކުރަނީ ޖުމުލަ ބުކިންގެ ގާތްގަނޑަކަށް 15 އިންސައްތަ ކަމަށާއި، މުޅި ލިސްޓުގެ ތިންވަނައިގައި ޔޫއޭއީ އޮތްއިރު، ޗުއްޓީ ކައިރިވުމުން އެތެރޭގެ ހޮޓާތަކުގެ ބުކިން އިތުރުވާނެ ކަމަށް ލަފާކުރާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

އަރަބި ފަތުރުވެރިންތަކެއް ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަނީ-- ފޮޓޯ: ހޮޓެލިއާ މޯލްޑިވްސް

ޑީނާޓާ ޓްރެވަލްގެ ޔޫއޭއީގެ ހެޑް އޮފް ރީޓެއިލް އެންޑް ލެޝާ މީރާ ކެތައިތު ވިދާޅުވީ، އީދު އަލް އިއްތިހާދު ބަންދަކީ އަހަރުގެ އެންމެ ކާރޫބާރޫ ބޮޑު އެއް ދުވަސްވަރު ކަމަށާއި، މި އަހަރު ގައުމުން ބޭރަށް ދަތުރުކުރުމަށް ބޮޑު ޑިމާންޑެއް އެބައޮތް ކަމަށެވެ. ދިވެހިރާއްޖެ ފަދަ މަންޒިލްތަކުގެ މަގުބޫލުކަން ދެމިއޮތްއިރު، ފަރުބަދަމަތީ ސަރަހައްދުތަކާއި އޯލް-އިންކްލޫސިވް ސްކީ ޗުއްޓީތަކުގެ އިތުރުން، ލަގްޒަރީ ހޮޓާ ބްރޭންޑްތަކާއި އޯލް-އިންކްލޫސިވް ޕެކޭޖުތައް ހިޔާރުކުރާ މިންވަރު އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޓްރޭޑްއަރަބިއާ ނިއުސް ސާވިސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފަސް ތަރީގެ ހޮޓާތަކުގެ ބުކިން އިތުރުވެ، ހަތަރު ތަރީގެ ބުކިން ވަނީ ކުޑަކޮށް ދަށްވެފައެވެ. އަދި އޯލް-އިންކްލޫސިވް ޗުއްޓީތަކުގެ ޑިމާންޑް 30 އިންސައްތަ އަދި ބެޑް-އެންޑް-ބްރެކްފާސްޓް ބުކިންތައް 35 އިންސައްތަ އިތުރުވެފައިވާއިރު، ބުކިންތަކަށް ހޭދަކުރާ އެވްރެޖް މިންވަރުވެސް ވަނީ މަތިވެފައެވެ.

ޔޫއޭއީގެ 55 ވަނަ އީދު އަލް އިއްތިހާދު ނުވަތަ ގައުމީ ދުވަހުގެ ރަސްމީ ބަންދު ފެށެނީ ޑިސެންބަރު ދެ ވަނަ ދުވަހު ކަމަށާއި، ހަފުތާ ބަންދާއެކު ޑިސެންބަރު ހައެއްގެ ނިޔަލަށް ފަސް ދުވަހުގެ ޗުއްޓީއެއް ލިބޭނެ ކަމަށް އެ ގައުމުގެ ސަރުކާރުގެ މީޑިއާ އޮފީހާ ހަވާލާދީ ގަލްފް ނިއުސްއިން ރިޕޯޓުކޮށްފައިވެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ޔޫއޭއީން ރާއްޖެއަށް 7،880 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައި ބަލާއިރު 32.6 އިންސައްތައިގެ އިތުރުވުމެކެވެ. އަދި ދެ ގައުމުގެ ދެމެދުގައި ކުރާ ދަތުރުތައް އިތުރުކުރުމަށާއި ވައިގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ސަރަހައްދީ އެއާލައިންތަކާއެކު މަޝްވަރާކުރަމުން އަންނަ ކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އާ ހަވާލާދީ އެމިރޭޓްސް ނިއުސް އެޖެންސީ (ވާމް) އިން ރިޕޯޓުކޮށްފައިވެއެވެ.

comment ކޮމެންޓް