ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ފުލެޓު ކައިރީގައި މިއަދު ކާރެއް ކޮންޓްރޯލް ނުވެ ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާގެ މޫނުގެ ކަށިތައް ބިނދިފައިވާ ކަމަށާއި ނަމަވެސް އޭނާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް އާއިލާއިން ބުނެފިއެވެ.
އެ އެކްސިޑެންޓްގައި އަނިޔާވެފައިވަނީ މާލެއަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާއަށް މިހާރު ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗުގައެވެ.
އޭނާގެ އާއިލާގެ މީހަކު "ސަން" އަށް ބުނި ގޮތުގައި އެކްސިޑެންޓްގައި އަނިޔާވި ޒުވާނާއަށް އައިޖީއެމްއެޗްގެ އެމާޖެންސީގައި ފަރުވާ ދިނުމަށް ފަހު މިހާރު ވޯޑަށް ބަދަލުކޮށްފައިވާ ކަމަށެވެ. މިހާތަނަށް ބެލިބެލުމުން އޭނާގެ ގައިގެ ތަންތަން މަށައިގެން ގޮސް މޫނުމަތީގެ ކަށިތައް ބިނދިފައިވާކަން އެނގިފައިވާ ކަމަށް އާއިލާއިން ބުންޏެވެ.
"ޑޮކްޓަރު ވިދާޅުވީ ސީޓީ ސްކޭންއެއް ހެދުމަށް ފަހު ވަކި އެއްޗެއް ބުނަން އެނގޭނެ ކަމަށް،" އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އެ އެކްސިޑެންޓުގެ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު، ވީޑިއޯއިން ފެންނަނީ ޒުވާނާ ސައިކަލު މަތީގައި އިންދާ އެހެން މަގަކުން ނުކުމެގެން އަންނަ ކާރެއް ކޮންޓްރޯލުން ނެއްޓިގެން އަންނަ މަންޒަރެވެ.
އެ ކާރު ގޮސް ސައިކަލުގައި ޖެހުމުން ސައިކަލުގައި އިން މީހާ ދިޔައީ ވިއްސައިގެންނެވެ. ކާރުގެ ސްޕީޑުގެ ބާރުކަން އެނގެނީ ގަހުގައި ޖެހި ގަސް ވެސް ބިންދައިގެން ދިއުމުންނެވެ.
މި ހާދިސާގައި ކާރުގެ ފަހަތާއި ކުރިމައްޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބި، ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.
ފުލުހުން އެ މައްސަލަ ބަލަމުން އަންނައިރު، ކާރު ދުއްވަން އިން މީހާ އެކްސިޑެންޓުވުމުން ފިލައިފައިވާ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވަނީ ބުނެފައެވެ.
ރާއްޖޭގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުން އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ. މި ފަދަ ބައެއް އެކްސިޑެންޓުތަކުގައި މީހުންގެ ފުރާނައަށް ނުރައްކާވާއިރު، ބައެއް މީހުންގެ ފުރާނަ ގެއްލިފައި ވެސް އެބަހުއްޓެވެ.