ކައުންސިލްތަކާ ކުޅޭއިރު، ސިޔާސީ މަގާމުތައް މަދުކުރާ ތަނެއް ނުފެނޭ: ނާޒިލް

އިދިކޮޅު އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް: ވިދާޅުވީ ކައުންސިލްތަކުގެ އަދަދުތަކާ ކުޅޭއިރު، ސިޔާސީ މަގާމުތައް މަދުކުރެވޭ ތަނެއް ނުފެންނަ ކަމަށް --- ފޮޓޯ/ މަޖިލިސް

ދައުލަތުން ކުރާ ޚަރަދުތައް ކުޑަކުރުމަށް ކައުންސިލްތަކުގެ އަދަދުތަކާ ކުޅޭއިރު، ސިޔާސީ މަގާމުތައް މަދުކުރާ ތަން ނުފެންނަ ކަމަށް އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް މިއަދު ވިދާޅުވެއްޖެއެވެ.

ބައި އިލެކްޝަންތައް އަހަރަކު ދެ ފަަހަރު ބާއްވާ ގޮތަށް ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން ނާޒިލް ވިދާޅުވީ، ކައުންސިލްތަކުގެ އަދަދު ކުޑަކުރުމަކީ އެންމެ ޒިންމާދާރު ގޮތް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

ކޮންމެ ފަހަރަކު ވެސް އެމްޑީޕީ ނޫން ވެރިކަމެއް އަންނައިރަށް ކައުންސިލްތަކާ ކުޅޭވޭ ކަމަށާއި ރައްޔިތުންނަށް ޚިދުމަތް ކުރުމަށް އިންތިޚާބުކޮށްފައި ތިބޭ ކައުންސިލަރުންގެ ޒިންމާތަކުން އެކަހެރިކުރުމަށް މަސައްކަތްތަކެއް ކުރެވޭ ކަމަށް ނާޒިލް ވަނީ ތުހުމަތު ކުރައްވާފައެވެ.

މިހާރު މި އަންނަނީ އިގްތިޞާދީ ހާލަތު ތަންނުދޭތީ އަންނަ ބަދަލުތަކެއް. އެކަމެއް ނޭނގޭ. [ކައުންސިލަރުންގެ] އެ އަދަދުތަކާ ކުޅޭއިރު އަޅުގަނޑުމެންނަށް އެބަ ފާހަގަކުރެވޭ ސިޔާސީ މަގާމުތައް ވަކި މިންގަނޑެއްގެ ތެރޭގައި ހިފެހެއްޓޭނެ ގޮތަކަށް އެކަން ކުރެވޭނެ އެއްވެސް ވާހަކައެއް މިތަނުގައި ނުދެކެވޭ

އެހެންނަމަވެސް، ރައްޔިތުންނަށް ޚިދުމަތްކޮށް، އެމީހުންގެ ކަންތައް ކޮށްދިނުމަށް ތިބޭ ކައުންސިލަރުން 'ސައިޒު ކޮށްލާ' ވާހަކަ އަބަދުވެސް ދެކެވޭ ކަމަށާއި ސިޔާސީ މަގާމާގުތައް 700 އިން 2700އަށް ބޮޑުވެގެން ދާއިރު، އެ މަގާމުތަކުގެ ވާހަކަ ނުދެކެވޭ ކަމަށް ނާޒިލް ވިދާޅުވިއެވެ.

ކައުންސިލްތަކުގެ އަދަދުތަކާ ކުޅޭ ކަމަށް ނާޒިލް ވިދާޅުވި ނަމަވެސް އެފަދަ އިސްލާހެއް އަދި މަޖިލީހަށް ހުށަހަޅާފައެއް ނުވެއެވެ. ނަމަވެސް އާބާދީ މަދު ރަށްތަކުގެ ކައުންސިލްތަކުގެ މެންބަރުންގެ އަދަދު މަދުކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އިތުރަށް ބަހުސް ކުރައްވަމުން، ނާޒިލް ވިދާޅުވީ، އެމްޑީޕީ ނޫން ވެރިކަމެއް އޮންނައިރު ފެންނީ ރަށްރަށުގެ ކައުންސިލަރުންގެ އަދަދު މަދު ކުރުމުގެ ސިޔާސަތެއް ގެންގުޅޭ ތަން ކަމަށެވެ. އެކަމަކު، އެމްޑީޕީގެ ވެރިކަމެއް އަންނައިރަށް ރައްޔިތުންނަށް ޚިދުމަތް ކޮށްދޭނެ ބަޔަކު ހޯދުމަށް މަސައްކަތް ކުރާ ކަމަށް ނާޒިލް ވިދާޅުވިއެވެ.

ދިވެހި ދައުލަތް ލާމަރުކަޒީ ނިޒާމުން ހިންގުމުގައި އެމްޑީޕީއަށް ވުރެ ދޮށީ ވާހަކަ އެހެން ޕާޓީތަކުން ދައްކާއިރު، ހަގީގަތަކީ ބޮޑު އޮޅުވާލުމެއް ކަމަށާއި މިއަދު ކުރައްވަން އުޅޭ ކަމަކީ ރައްޔިތުންނަށް ޚިދުމަތް ކުރަން ތިބި ބަޔަކު 'ސައިޒު'ކޮށްލުން ކަމަށް ނާޒިލް ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް