މަސްތުވާތަކެތި އަޅާފައި ހުރި ވޭޕް ކާޓްރިޖުތަކަކާއެކު ދެ މީހަކު ހައްޔަރުކޮށްފި

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި, މަސްތުވާތަކެތި އަޅާފައި ހުރި ވޭޕް ކާޓްރިޖްތަކެއް ހޯދައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

މާލޭގެ ގެއެއް ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 11 ވޭޕް ކާޓްރިޖް އަދި ގިނަ އަދަދެއްގެ ދިވެހި ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މި މައްސަލާގައި ތުހުމަތު ކުރެވޭ މީހާ ދުއްވާ ސައިކަލު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުރެވޭ އެއްޗެއް ހުރި 17 ވޭޕް ކާޓްރިޖް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ދިވެހި ފިރިހެނަކާއި 32 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.

އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 25 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް ވަނީ ޖަހައިދީފައެވެ. އަދި 32 އަހަރުގެ މީހާ ޝަރުތުކުރުމަށްފަހު ކޯޓުން ވަނީ ދޫކޮށްލައިފައެވެ.

comment ކޮމެންޓް