2026ގެ ނިޔަލަށް، ލިބޭ ކޮންމެ 100 އަކުން 38 ރުފިޔާ ދަރަންޏަށް ދައްކަން ޖެހޭ

މާލޭގެ ފިހާރައެއްގައި މީހަކު: 2026ގެ ނިޔަލަށް، ލިބޭ ކޮންމެ 100 އަކުން 38 ރުފިޔާ ދަރަންޏަށް ދައްކަން ޖެހޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުނޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރުން 2026ގެ ނިޔަލަށް ކޮންމެ 100 ރުފިޔާއަކުން 38.50 ދަރަންޏަށް ދައްކަންޖެހޭ ކަމަށް ފިނޭންސް މިނިސްޓްރީގެ އިންޓާނަލް ހިސާބުތަކުން ދައްކާފައިވާ ކަމަށް ފިނޭންސް މިނިސްޓަރުގެ ނައިބު އަޙުމަދު ސާއިދު މުސްޠަފާ މިރޭ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގައި ވާހަކަދައްކަވަމުން ސާއިދު ވިދާޅުވީ ދަރަނީގެ ހާލަތަށް ބަދަލު ގެނެވޭނީ އާމްދަނީ ވަރަށް ބޮޑަށް އިތުރުވެގެން ކަމަށެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ ވިސްނުން މިހާރު ހުރި ގޮތުން އާމްދަނީއަށް ވެސް މެދު ރާސްތާގެ ސިޔާސަތެއް އޮންނަންވާނެ ކަމަށެވެ.

އެ ގޮތުން ޓެކްސްގެ ނިޒާމުގައި ރައްޔިތުންނަށް ބުރަބޮޑުވާ ގޮތަށް ކަންކަން ހުރިކަން ފާހަގަ ކުރައްވައި ސާއިދު ވިދާޅުވީ އިންސާފުވެރިކަން ނުގެއްލޭހެން ޓެކްސްގެ ނިޒާމު ރިވިއު ކުރަންޖެހޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މި ކަމުގައި ސަރުކާރުގެ ސިޔާސަތަކީ ޓެކްސް ބޭސް ފުޅާކޮށްގެން އާމްދަނީ އިތުރުކުރުމެވެ. އެހެން ނަމަވެސް އެއީ މިހާރުން މިހާރަށް ބޮޑު ބަދަލުތަކެއް ގެނައުމެއް ނޫން ކަމަށް އޭނާ ވިދާާޅުވިއެވެ.

ސަރުކާރުގެ މާލީ އިސްލާހީ އެޖެންޑާގެ ތެރެއިން އެންމެ އިސްކަމެއްދެނީ އެންމެ ބޭނުންޖެހިފައިވާ މީހުން އިސްކޮށް، އެ ފަރާތްތަކަށް ޚިދުމަތްދިނުމަށް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ. ސާއިދު ވިދާޅުވި ގޮތުގައި މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު، މި ބަދަލުތަކުގެ ޓެކްނިކަލް މަސައްކަތްތަކާއި އެކްޝަން ޕްލޭންގެ ބައެއް ކަންކަން ހުރީ އެއްކޮށް ފުރިހަމަ ނުކުރެވިއެވެ. އަދި މި ސަރުކާރުގެ ސިޔާސަތުގެ ދަށުން އެ ބަދަލުތައް ގެނައުމަށް ތައްޔާރުކުރެވި، ރައްޔިތުންނާ ހަމަޔަށް ވަރަށް އަވަހަށް ތިލަވާނެ ކަމަށް ވިދާޅުވިއެވެ.

"ރައްޔިތުންނަށް މި ބަދަލު ގެނައުމުގައި ސަރުކާރަށް ވެސް ޒިންމާއެއް އެބަ އޮތް. ނިކަމެތި، ސަރުކާރުގެ އެހީތެރިކަމަށް އެދިފައިވާ ފަރާތްތައް އެކަހެރި ނުކޮށް، ކޮންމެ ފަރާތަކަށް ވެސް ޔަގީންކަން އޮންނަ ގޮތަށް މި ބަދަލުތައް އަންނަންވާނީ. އާސަންދަ ވިޔަސް އެންސްޕާ ވިޔަސް އަދި ސަބްސިޑީ ނިޒާމު ވިޔަސް،" ސާއިދު ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ގޯސްވެގެން ދިޔަ ސަބަބުތަކަށް އަލިއަޅުވާލައި ސާއިދު ވިދާޅުވީ ފާއިތުވި އަހަރުތަކުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނަގާފައިވާ ދަރަންޏާއި، އެ ކުންފުނިތަކުގެ މުވައްޒަފުންގެ ގޮތުގައި ނަގާފައިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އޭގެ ސަބަބުން ކުންފުނިތަކުގެ އާމްދަނީއަށް ނުކަތާ މިންވަރަށް ޚަރަދުތައް ބޮޑުވެގެންދިޔަކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އެ ކުންފުނިތަކަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކެއް ކަމުން، އެ ކުންފުނިތައް ހިންގުމަށްޓަކައި މަހުން މަހަށް ކެޕިޓަލް ޚަރަދު ސަރުކާރުން ހަމަޖައްސައިދޭންޖެހެއެވެ. އެ ގޮތުން 2019އިން 2023ގެ ނިޔަލަށް ކެޕިޓަލްގެ ގޮތުގައި ކުންފުނިތަކަށް ގާތްނގަނޑަކަށް 9.3 ބިލިއަން ރުފިޔާ ދީފައިހުރި ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އިގްތިސާދީ ނަތީޖާއެއް ނުނެރެވޭ ކުންފުނިތަކަށް ރައްޔިތުންގެ ފައިސާއިން ބޮޑު ޚަރަދު ކޮށްފައި ހުރި ކަމަށެވެ.

މިދިޔަ ސަރުކާރުން ޕީއެސްއައިޕީއަށް ނުވަތަ ކެޕިޓަލަށް ގާތްގަނޑަކަށް 8.6 ބިލިއަން ރުފިޔާ ކަނޑައަޅާފައި އޮތް ނަމަވެސް، އަހަރު ނިމުނުއިރު، 12 ބިލިއަނަށްވުރެ ގިނަ ރުފިޔާ މަޝްރޫއުތަކަށް ޚަރަދުކޮށްފައިވާ ކަމަށް ސާއިދު ވިދާޅުވިއެވެ. އަދި ދެ ބިލިއަން ރުފިޔާ ޕެންޑިން ބިލުތައް ވެސް ފިނޭންސް މިނިސްޓްރީގައި ހުރި ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ދަރަނި ބޮޑުވެ، ދަރަނި އަދާނުކުރެވިދާނެ ކަމުގެ ހިރާސް އޮތް ކަމަށް ބޭރުގެ މާލީ އިދާރާތަކުން ވަނީ ބުނެފައެވެ. ނަމަވެސް މި ސަރުކާރުން ވަނީ ދަރަނި އަދާކުރެވޭނެ ކަމުގެ ޔަގީންކަން ދީ، އިގުތިސާދު ހަމަޔަކަށް އެޅުވުމަށް ޓަކައި ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަން ފަށައިފައެވެ.

comment ކޮމެންޓް