ހަ ސިޔާސީ ޕާޓީއަކަށް ބަޖެޓުން 44 މިލިއަން ރުފިޔާ ދޫކޮށްފި

ރިޔާސީ އިންތިޚާބު 2023އަށް އެމްޑީޕީން ބޭއްވި ކެމްޕޭން ހަރަކާތެއްގެ ތެރެއިން -- ފޮޓޯ/ އެމްޑީޕީ

ހަ ސިޔާސީ ޕާޓީއަކަށް ދައުލަތުގެ ބެޖެޓުން 44 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

ސިޔާސީ ޕާޓީގެ ގާނޫނުގެ 35ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަނީ "ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ވާންވާނީ ކޮންމެ އަހަރެއްގައި ދައުލަތުގެ ބަޖެޓުގައި އެ ކަމަށް ކަނޑައެޅި ދޫކުރެވޭ ފައިސާއަކަށް" ކަމަށެވެ. އެ ގޮތުން ސިޔާސީ ޕާޓީތަކަށް ދޫކުރެވޭ ފައިސާ، ދައުލަތުގެ އަހަރީ ބަޖެޓުގެ 0.1 އިންސައްތަ އާއި 0.2 އިންސައްތައާ ދެމެދުގެ އަދަދަކަށް ވާންޖެހޭނެ ކަމަށް އެ ގާނޫނުގައި އޮންނަނީ ކަނޑައަޅާފައެވެ.

ސިޔާސީ ޕާޓީތަކުގެ މެދުގައި އެ ފައިސާ ބަހާނީ ސިޔާސީ ޕާޓީގެ ދަފުތަރުގައި އެ ޕާޓީއެއްގެ މެންބަރުންގެ ގޮތުގައި ރަޖިސްޓްރީ ކުރެވިފައިވާ މެންބަރުންގެ އަދަދުގެ ނިސްބަތުން ކަމަށް ވެސް އެ ގާނޫނުގައި ކަނޑައަޅާފައިވެއެވެ. އެހެން ނަމަވެސް އެ ފައިސާ ލިބޭނީ، އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީ ކުރެވިފައިވާ ޕާޓީތަކުގެ ތެރެއިން 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު "ސަން"އަށް ބުނީ ޝަރުތު ހަމަވާ ހަ ސިޔާސީ ޕާޓީއަކަށް މިއަހަރު ފައިސާ ދޫކޮށްފައިވާ ކަމަށެވެ. އެއީ:

1. އެމްޑީޕީ

ދޫކުރި ފައިސާގެ އަދަދު: 15،101،580.43

2. ޕީޕީއެމް

ދޫކުރި ފައިސާގެ އަދަދު: 10،491،054.20

3. ޕީއެންސީ

ދޫކުރި ފައިސާގެ އަދަދު: 8،167،689.58

4. ޖުމްހޫރީ ޕާޓީ

ދޫކުރި ފައިސާގެ އަދަދު: 5،314،312.83

5. އަދާލަތު ޕާޓީ

ދޫކުރި ފައިސާގެ އަދަދު: 2،547،533.69

6. އެމްޑީއޭ

ދޫކުރި ފައިސާގެ އަދަދު: 2،477،734.28

ދައުލަތުގެ ބަޖެޓުގެ ގޮތުގައި މި އަހަރު ފާސްކޮށްފައިވަނީ 49 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކަށް ފައިސާ ކަނޑައަޅާފައިވަނީ ބޮލަކަށް 289.62 ރުފިޔާގެ މަގުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައި އޮތީ 10 ޕާޓީއެވެ.

comment ކޮމެންޓް