އައްޑޫ ރައްޔިތުން މިއަދު ތިބީ ފަލަސްތީނު ރައްޔިތުން ތިބި ހާލަތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް މިއަދު ވިދާޅުވެއްޖެއެވެ.
މެންބަރު ނާޒިލް މިފަދައިން ވިދާޅުވީ، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންގެ އަސާސީ ދިރިއުޅުމަށް ދަތިވާ ވަރަށް ކަރަންޓު ކެނޑެމުންދާތީ އޭނާ ހުށަހެޅި ކުއްލި މައްސަލައަށް ބަހުސްކުރައްވަމުންނެވެ.
އައްޑޫ ސިޓީގައި "ނިވިދިއްލޭ ބޮތްކެއް" ފަދައިން ކަރަންޓު ކެނޑެމުންދާތީ އެކަމުގެ އުނދަގޫތައް ރައްޔިތުންނަށް ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ކަމަށް އެ ކުއްލި މައްސަލައިގައި ނާޒިލް ފާހަގަކުރައްވާފައިވެއެވެ. އަދި، މި ސަރުކާރަށް ހަ މަސްވީއިރު ވެސް އެކަން ހައްލުކުރުމަށް މާ ބޮޑު މަސައްކަތެއް ކޮށްފައިނުވާ ކަމަށާއި އެ ކަމުގައި ސަރުކާރުގެ އިހުމާލު އެބައޮތް ކަމަށް ނާޒިލް ވިދާޅުވެފައިވެއެވެ.
އެ ގޮތުން، މިހާރު "އައްޑޫ ރައްޔިތުން ތިބީ ފަލަސްތީނު ރައްޔިތުން ތިބި ހާލަތުގައި" ކަމަށް ނާޒިލް ވަނީ ވިދާޅުވެފައެވެ.
އެ ކަމާ ކަންބޮޑުވުން ފާޅުކުރައްވާ ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު ވަނީ ފަލަސްތީނުގެ ރައްޔިތުން ތިބި ހާލަތުގައި މިއަދު ދުނިޔޭގެ އެއްވެސް ހިސާބެއްގައި ބަޔަކު ނެތް ކަމަށް ވިދާޅުވެފައެވެ.
ދަރަޖައިގެ ގޮތުން ފަލަސްތީނުގެ ރައްޔިތުން ތިބި ހާލަތުގައި އޮތް އެހެން ބަޔަކު މި ދުނިޔެއަކު ނެތް. މިސާލެއްގެ ގޮތުން ވެސް އައްޑޫ ރައްޔިތުންނާއި ފަލަސްތީނަކާ އަޅުވައެއް ނުކިޔޭނެ. ފަލަސްތީނުގެ ނަން ބޭނުންކޮށްގެން ފަލަސްތީނަށް މިސާލު ޖަހާއިރުގައި ފަލަސްތީނު ފުނޑާލީ ކޮން ބައެއްތޯ އިއްޒަތްތެރި ރައީސް؟ ފަަލަސްތީނު ފުނޑާލީ އިޒްރޭލުން، ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު
އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްތީނުގެ ގާތްގަނޑަކަށް 39،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. ހަމަލާތަކުގައި ޒަޚަމުވި މީހުންގެ އަދަދު 89،700 އަށް ވުރެ ގިނައެވެ.
އިސްރާއީލުގެ އެ ހަމަލާތަކަށް ނުވަ މަސް ދުވަސް ވެފައިވާއިރު، ޣައްޒާގެ އާންމުންނަށް ބޭނުންވާނެ ކާބޯތަކެއްޗާއި ސާފު ފެނާއި ބޭސް ވެސް ލިބުން ވަނީ ދަތިވެފައެވެ.
ނަސްލު ނައްތާލުމުގެ ތުހުމަތު އިސްރާއީލަށް އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ)އިން ކޮށްފައިވާއިރު، އެ ކޯޓުން އެންމެ ފަހުން މެއި މަހުގެ ހަވަނަ ދުވަހު އަމުރުކޮށްފައިވަނީ ޣައްޒާގެ ރަފަހަށް އެ މީހުން ދޭ ހަމަލާތައް މިހާރުން މިހާރަށް ހުއްޓައިލުމަށެވެ. ރަފަހަކީ ވެސް ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ އެތައް ބަޔަކު ދިރިއުޅެމުން އަންނަ ސަރަހައްދެކެވެ.