ފެންވަރު ރަނގަޅު ބޭސް ގެންނަން ހުރިހާ މަސައްކަތެއް ނިންމީ ކުރީ ސަރުކާރުން: އަމީރު

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު: ފެންވަރު ރަނގަޅު ބޭސް ގެނައުމުގެ ހުރިހާ މަސައްކަތެއް ކުރީ ސަރުކާރުން އޮތީ ނިންމާފައި ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޔޫރަޕުގެ ބޭސް ފުރަތަމަ ފަހަރަށް ރާއްޖެ ގެނެސް ދައުރުކުރަން މި ސަރުކާރުން ފަށައިފައިވާއިރު، އެކަމާ ގުޅުންހުރި ހުރިހާ މަސައްކަތެއް ނިންމައިފައިވަނީ ނިމިދިޔަ ސަރުކާރުގައި ކަމަށް އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

މި ސަރުކާރުގެ ހެލްތު އަދި ފިނޭންސް މިނިސްޓްރީ ހިމެނޭ ގޮތަށް، ސިއްހީ އިދާރާތަކުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން ރަނގަޅު ފެންވަރުގެ ބޭސް ގެންނަ ސިޔާސަތެއް ތަންފީޒު ކުރަން ފަށައިފައިވާ ކަމަށެވެ.

އެ ސިޔާސަތުގެ ތެރެއިން، ފެންވަރު ރަނގަޅު ބޭސް ބަލްކް ޕްރޮކިއުމެންޓްގެ ދަށުން ގެންނާނެ ކަމަށާއި އެ މަސައްކަތް ކުރަނީ ޔޫއެންޑީޕީއާ ގުޅިގެން ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުކަން ފާހަގަކުރައްވައި އަމީރު "ސަން"އަށް ވިދާޅުވީ، އެ ސިޔާސަތުގެ މަސައްކަތް ފެށީ ކުރީ ސަރުކާރުގައި ކަމަށެވެ. އެގޮތުން ބަލްކް ޕްރޮކިއުމެންޓްގެ ދަށުން ބޭސް ގެނައުމުން ޚަރަދު ކުޑަވެ، ކުރިއާ އަޅައިބަލާއިރު މާ ފެންވަރު ރަނގަޅު ބޭސް ގެނެވޭނެ ކަމަށް ބަލައި ގަނޑުކޮށް ބޭސް ގެނައުމުގެ މަސައްކަތް ނިމިދިޔަ ސަރުކާރުން ފެށި ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/178200

އެހެންވެ، މިދިޔަ ނޮވެމްބަރު މަހު މި ސަރުކާރު އައުމަށް ފަހު، ސިޔާސަތު ތަންފީޒު ކުރުމަށް ޓަކައި ގިނަ މަސައްކަތެއް ކޮށްފައި ވެސް ނުވާ ކަމަށް އަމީރު ވިދާޅުވިއެވެ.

"ހުރިހާ މަސައްކަތެއް އޭރު ޔޫއެންޑީޕީއާއި އެސްޓީއޯއާއި ހެލްތު މިނިސްޓްރީއާ އެއްކޮށް އަޅުގަނޑުމެން ކޮށްފައި އޮންނާނީ، ބޭސްތަކުގެ ލިސްޓާ އެއްޗެހި ވެސް ޝެއާ ކުރެވިފައި، އޯޑާ ޖެހުމުގެ މަސައްކަތް ވެސް ކުރެވިފައި،" އޭނާ ވިދާޅުވިއެވެ.

އޭރު ހެދި އެއްބަސްވުމުގެ ދަށުން، މި ސަރުކާރު ފެށުނު ފަހުން ވެސް ކަމާ ގުޅުން ހުރި ފަރާތްތަކުން މަސައްކަތްތައް ކުރިއަށްގެންދިޔުމުން މިހާރު ބޭސްތައް ލިބުނީ ކަމަށް އަމީރު ވިދާޅުވިއެވެ.

"މި ދަނޑިވަޅާ ދިމާވީ އެ ބޭސްތައް އައުމާ. އެހެންވީމަ މި ސަރުކާރުން ކުރި ކަމެކޭ ކިޔާފައި މި ބޭފުޅުންނަށް ކްރެޑިޓް ދޭން ޖޭހެ ސަބަބެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އޭނާ ވިދާޅުވިއެވެ.

https://sun.mv/194617

މި ސަރުކާރުން ބުނެފައިވާ ގޮތުގައި، ބަލްކް ޕްރޮކިއުމެންޓް މަސައްކަތުގެ މައިގަނޑު މަގުސަދަކީ އަސާސީ ހުރިހާ ބޭހެއް ރާއްޖޭން ލިބޭނެކަން ކަށަވަރުކުރުމެވެ. އެ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން، ޔޫރަޕުގައި ބޭނުން ކުރުމަށް ހުއްދަ ދީފައިވާ ހަތް ބޭހެއް އެސްޓީއޯގެ ފާމަސީތަކުން ވަނީ ދޫކުރަން ފަށައިފައެވެ.

ސަރުކާރުން ވަނީ މި ސިޔާސަތު ތަންފީޒު ކުރަން ފެށުމުން ބޭހުގެ އަގު ކޮންޓްރޯލް ކުރެވި، އާސަންދައަށް ކުރާ ހޭދައާއެކު ބަޖެޓަށް ލުއި ލިބޭނެ ކަމަށް ބުނެފައެވެ.

comment ކޮމެންޓް