ޔޫއެންޑީޕީގެ ގްލޯބަލް ހެލްތު ޕްރޮކިއުމަންޓް ޚިދުމަތް މެދުވެރިކޮށް، ރާއްޖެއަށް ގަނޑުކޮށް ހެޔޮ އަގުގައި ކޮލިޓީ ބޭސް ހޯދުމުގެ އެއްބަސް ވުމެއްގައި ފިނޭންސް މިނިސްޓްރީން މިއަދު ޔޫއެންޑީޕީ މޯލްޑިވްސްއާ އެކު އެއްބަސް ވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އާއި ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް އަދި އެސްޓީއޯގެ އެމްޑީ އަބްދުﷲ ސައީދު އެވެ. ޔޫއެންޑީޕީ މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ ޔޫއެންޑީޕީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑަންޓް ރިޕްރެޒެންޓޭޓިވް އެންރިކޯ ގަވޭލިއާއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން ޔޫއެންޑީޕީގެ ކޯޕެންހޭގަންގައި ހުންނަ ގްލޯބަލް ހެލްތު ޕްރޮކިއުމަންޓް ސެންޓަރުގެ ކޮލިޓީ އެޝުއަރެންސް ޓީމުން ބޭހުގެ ކޮލިޓީ ކޮންޓްރޯލް ކުރުމަށް އެހީތެރި ވެދޭނެ ކަމަށެވެ. މި ޓީމުގެ އިތުރުން ބޭހުގެ ކޮލިޓީ ކޮންޓްރޯލް ކުރުމަށްޓަކައި މި ޕްރޮޖެކްޓްގެ ސްޓިއަރިން ކޮމިޓީގައި ފުޑް އެންޑް ޑްރަގް އޮތޯރިޓީ ވެސް ހިމަނާފައިވެއެވެ.
އަދި މި އެއްބަސްވުމުގެ ދަށުން ބޭސް ވަގުތުންވަގުތަށް ގެނައުމަށް ފަސޭހަ ވުމާއި، ބޭސް ލިބުމަށް ހުންނަ ދަތިތައް ހައްލު ވެގެން ދިއުމުގެ އިތުރުން، ސިއްހީ ނިޒާމުގައި މިހަރު ހުރި ބައެއް މައްސަލަތައް ހައްލުވެ، ސިއްހީ ދާއިރާގެ ޕްރޮކިއުމެންޓް ނިޒާމު ވެސް އިތުރަށް ހަރުދަނާ ކުރުމަށް އެހީތެރި ވެގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މީގެއިތުރުން، ފިނޭންސް އިން ބުނީ މި މަޝްރޫޢުގެ އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި އެންމެންނަށް ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުން ކަމަށާއި ފެންވަރު ރަނގަޅު ބޭހާއި ފާމަސޫޓިކަލްސް ހޯދުމާއި ސަޕްލައިކޮށް، ޢާންމު ޞިއްޙީ ދާއިރާގެ ތެރޭގައި ޤާބިލުކަން އިތުރުކުރުން ކަމަށެވެ.