ކައްޓަލައަކީ ޒަމާނުއްސުރެ ދިވެހީން ކެއުމުގައި ބޭނުންކުރަމުން އަންނަ މަގުބޫލު ފަލަމަޑީގެ ބާވަތެކެވެ. އަލުވީގެ އާއިލާއަށް ނިސްބަތްވާ މި ފަލަމަޑީގެ ބާވަތަކީ ބާޒާރުމަތީ ވަރަށް ތިޔާގި ބާވަތަކަށްވުމުގެ އިތުރުން ވަރަށް ގިނަ ދިވެހި ގޭގޭގައި މުޑުވައްކޮށް ހައްދާ ފަލަމަޑީގެ ބާވަތެކެވެ. އާއްމުކޮށް ކައްޓަލަ ހުންނަނީ ހުދު، އޮރެންޖު، ކްރީމް އަދި ދަނބުކުލައިގައެވެ. މިއިން ކޮންމެ ކުލައެއްގެ ކައްޓަލައަކީ ވެސް ސިއްހީ ގޮތުން ގިނަ ފައިދާތަކެއް އޭގައި އެކުލެވޭ ބާވަތެކެވެ.
ޖުމުލަ ގޮތެއްގައި ކައްޓަލައިން ހަށިގަނޑަށް ލިބޭ ސިއްހީ ފައިދާތަކަށް ބަލާއިރު މިއީ ވިޓަމިން އޭ އަދި ވިޓަމިން ސީގެ އިތުރުން ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަކޮށްދޭ ބާވަތެކެވެ.
ކައްޓަލައިން ހަށިގަނޑަށް ލިބޭ ސިއްހީ ފައިދާތައް ބަޔާންކޮށް ރެޖިސްޓަޑް ޑައިޓީޝަން ނިއުޓްރިޝަނިސްޓް އެރީކާ ޖަލްސަން ޝާއިއުކޮށްފައިވާ ލިޔުމެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ވިޓަމިންސްގެ މާއްދާތަކުން މުއްސަނދި ފަލަމަޑީގެ ބާވަތް ކަމަށްވާ ކައްޓަލައަކީ ގިނަ މިނަރަލްސް އަދި އެންޓިއޮކްސިޑެންޓްސްގެ އިތުރުން ފައިބާއިން މުއްސަނދި ބާވަތެކެވެ.
ނިއުޓްރިޝަން ކޮންސަލްޓަންޓް ޖެރެލީން ޖޯންސް މުތާލިއާކޮށްފައިވާ މި ލިޔުމުގައި ބުނެފައިވަނީ 200 ގްރާމްގެ ނުވަތަ އެއް ޖޯޑު ކައްޓަލައިގައި 180 ކެލޮރީސް ހުންނައިރު އޭގައި ފެޓު އެކުލެވިގެން ވަނީ 0.3 ގްރާމް ކަމަށެވެ.
ކައްޓަލައިގެ ތިން ކުލައެއް އާންމުކޮށް ބާޒާރުން ލިބެން ހުންނައިރު އޮރެންޖު އަދި ދަނބުކުލައިގެ ކައްޓަލަ ހަށިގަނޑަށް ރައްކާތެރިކަން ލިއްބައިދޭ އެންޓިއޮކްސިޑެންޓްސްއިން މާ ބޮޑަށް މުއްސަނދި ކަމަށް ނިއުޓްރިޝަނިސްޓް އެރީކާގެ ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.
ކައްޓަލައިން ހަށިގަނޑަށް ލިބޭ އިތުރު ސިއްހީ ފައިދާތަކުގެ ތެރޭ ކާނާ ހަޖަމު ކުރުމުގެ ނިޒާމަށް އެހީވެދިނުން، ހިތުގެ ދުޅަހެޔޮކަން ދަމަހައްޓަން އެހީތެރިވެދިނުން، އެކި ބާވަތުގެ ކެންސަރު ބަލިން ރައްކާތެރިކަން ހޯދުމަށް އެހީވުން، ލޮލުގެ ފެނުން ރަނގަޅުކޮށްދިނުމަށް އެހީތެރިވުން، ސިކުނޑީގެ ދުޅަހެޔޮކަން ދަމަހައްޓަން އެހީތެރިވުން ހިމެނެއެވެ.
ދިވެހީން އާންމުގޮތެއްގައި ކެއުމުގައި ކައްޓަލަ ބޭނުންކުރަނީ ފެނު ކައްކައިގެންނެވެ. ނަމަވެސް، ކައްޓަލައަކީ ފިހެގެން ވެސް އަދި ލުއި ކާނާއެއްގެ ގޮތުގައި ތެލުލައިގެން ވެސް މިހާރު ގިނަ ބަޔަކު ކާ ބާވަތެކެވެ.