ރާއްޖެއިން ޔޫރަޕް ކޮލިޓީގެ ބޭސް ދެން ލިބޭނެ

އެސްޓީއޯ ފާމަސީއެއް: ރާއްޖެއިން ޔޫރަޕް ކޮލިޓީ ބޭސް ދެން ލިބޭނެ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖެއިން ފެންވަރު ރަނގަޅު ބޭސް ލިބޭނެ ގޮތް ކަށަވަރު ކުރުމަށް ޓަކައި، ޔޫރަޕްގެ ގައުމުތަކުގައި ބޭނުންކުރުމަށް އެގައުމުތަކުގެ ސިއްހީ އިދާރާތަކުން ހުއްދަދީފައިވާ ބޭސް ފުރަތަމަ ފަހަރަށް ވިއްކަން ފަށައިފިއެވެ.

ހެލްތު އަދި ފިނޭންސް މިނިސްޓްރީއާއި އެންސްޕާއާއި އާސަންދައިގެ އިތުރުން ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި އެސްޓީއޯއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ، ފެންވަރު ރަނގަޅު ބޭސް ގެނައުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން، ސަރުކާރުން ޔޫއެންޑީޕީއާ ގުޅިގެން ފެންވަރު ރަނގަޅު ބޭސް ޕޫލް ޕްރޮކިއުމެންޓެއްގެ ތެރެއިން، ބަލްކް ޕްރޮކިޔޮކޮށް ގެންނަން ފަށައިފައިވާ ކަމަށެވެ.

އެ ފިޔަވަޅުގެ ދަށުން އަސާސީ ހުރިހާ ބޭހެއް ރާއްޖެއިން ލިބެން ހުންނާނެ ކަމާއި، ގެނެވޭ ބޭސްތަކަކީ ސީދާ ބޭސް އުފައްދާ ކުންފުނިން ގަނެ، ބޭސް އުފެއްދުމާ ހަމައިން ފެށިގެން ބަލި މީހާއާ ހަމައަށް ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ ބޭސްކަން ކަށަވަރު ކުރެވޭނެ ކަމަށް ބަޔާނުގައިވެއެވެ.

"މި ސިޔާސަތުގެ ދަށުން ރާއްޖެ އެތެރެކުރުމަށް ހުއްދަ ދީފައިވަނީ އަދި ކުރިއަށް އޮތް ތަނުގައި ހުއްދަ ދޭނީ ވެސް ޑަބްލިޔުއެޗްއޯ ލިސްޓެޑް ނުވަތަ ސްޓްރިންޖެންޓް ރެގިއުލޭޓްރީ އޮތޯރިޓީއެއްގައި ރަޖިސްޓްރީ ކޮށްފައިވުމާއެކު، ޔޫއެންޑީޕީއާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ކޮލިޓީ މިންގަނޑުތަކުން ފާސްވެފައިވާ ޕްރޮޑަކްޓްތަކަށެވެ،" ބަޔާނުގައިވެއެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް ގެނެސް، ބޭނުންކުރެވޭނީ ޔޫރަޕްގެ ގައުމުތަކުގައި ބޭނުންކުރުމަށް އެގައުމުތަކުގެ ސިއްހީ އިދާރާތަކުން ހުއްދަދީފައިވާ ބޭސް އެކަނިކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެ ސިޔާސަތު ދެ މަރުހަލާއަކަށް ބަހައިލައިގެން ތަންފީޒުކުރާއިރު މިއަދުން ފެށިގެން އެސްޓީއޯ މެދުވެރިކޮށް ހޯލްސޭލް އަދި ރީޓެއިލްކޮށް ފުރަތަމަ ތައާރަފު ކުރާ ހަތް ބޭސް ލިބެން ހުންނާނެ ކަމަށް އިދާރާތަކުން ބުންޏެވެ. އަދި އާސަންދަ ހިމެނޭހެން، ގުޅުންހުރި ހުރިހާ ނިޒާމުތަކުން ގެންނަން ޖެހޭ ބަދަލުތައް ގެންނަން ފަށާނެ ކަމަށާއި އެ ބަދަލުތަކާ ގުޅޭ މައުލޫމާތު އާންމު ސިއްހީ ނިޒާމުގައި މަސައްކަތް ކުރާ ހުރިހާ ޑޮކްޓަރުންނަށް ފޯރުކޮށްދީފައި ވާނެ ކަމަށް ވެސް ބަޔާނުގައިވެއެވެ.

"މި ބަދަލަށް އަހުލުވެރިވެ ތައްޔާރުވުމަށް ވަގުތު ބޭނުންވާ ފަރާތްތަކަށް އެކަށީގެންވާ ވަގުތުދީ، އަހުލުވެރިކުރުމުގެ އިތުރު ޕްރޮގްރާމްތައް ކަމާ ގުޅުންހުރި އިދާރާތަކުން ހިންގާ، 1 އޮކްޓޯބަރު 2024އިން ފެށިގެން ހުރިހާ ބަދަލުތަކަށް ފުރިހަމަ އަމަލީ ސިފަ ގެނެވޭނެއެވެ." ބަޔާނުގައިވެއެވެ.

އެ ސިޔާސަތު ތަންފީޒު ކުރުމުން، މިހާރެކޭ އެއްގޮތަށް ބޭސްތަކަށް އާސަންދައިން ފުލް ކަވަރޭޖް ލިބޭނެ ކަމަށާއި ނަމަވެސް އާސަންދަ ނިޒާމުގެ ތެރޭގައި ހުރި ބޮޑެތި ލީކުތައް ހުއްޓުވި، ބޭހުގެ އަގު ކޮންޓްރޯލް ކުރުމަށް މަގުފަހިވާނެ ކަމަށް އެ އިދާރާތަކުން ބުންޏެވެ.

ރާއްޖެއަށް ބަލްކް ޕްރޮކިއުމެންޓް ނިޒާމުގެ ތެރެއިން ފެންވަރު ރަނގަޅު ބޭސް ގެނައުމަށް ޔޫއެންޑީޕީއާއެކު އެއްބަސްވުން ހެދީ ނިމިދިޔަ ސަރުކާރުގައި، މިދިޔަ އަހަރުގެ ޖޫން މަހުގެ އެކެއްގައެވެ. އެ އެއްބަސްވުމުގައި ވަނީ ޔޫއެންޑީޕީން ރާއްޖެއަށް ބޭސް ސަޕްލައިކޮށްދިނުމުގެ އިތުރުން، ޔޫއެންޑީޕީގެ ކޯޕަންހޭގަންގައި ހުންނަ ގްލޯބަލް ހެލްތު ޕްރޮކިއުމަންޓް ސެންޓަރުގެ ކޮލިޓީ އެޝުއަރެންސް ޓީމުން ބޭހުގެ ކޮލިޓީ ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭނެ ކަމަށެވެ.

ރާއްޖެއިން ފެންވަރު ރަނގަޅު ބޭސް ނުލިބި، ނުރައްކާތެރި މާއްދާތައް އެކުލެވޭ ބޭސްތައް ބައެއް ފަހަރު އެތެރެ ކުރާ މައްސަލައަކީ އާންމު ޝަކުވާއެކެވެ. އެގޮތުން ދިވެހިން އާންމުކޮށް ބޭނުންކުރާ ބައެއް ބޭސްތައް ވެސް ބޭނުންނުކުރަން އެމްއެފްޑީއޭއިން މީގެ ކުރިން އަންގައިފައިވެއެވެ.

https://sun.mv/188294

އެ މައްސަލަ ހައްލު ކުރުމަށް މި ސަރުކާރުން މީގެ ކުރިން ނިންމައިފައިވާ ކަންތައްތަކުގެ ތެރޭގައި، ރާއްޖެއިން ލިބޭ ބޭހަކީ ފެންވަރު ރަނގަޅު ބޭސްކަން ކަށަވަރު ކުރުމަށް، ބޭހެއް އުފެއްދުމަށް ބޭނުންކޮށްފައިވާ އެކިއެކި މާއްދާތަކުގެ މިންވަރު ދެނެގަތުމަށް ކުރަންޖެހޭ ތަހުލީލުތައް ހަރުދަނާކުރުން ހިމެނެއެވެ.

comment ކޮމެންޓް