ކޮފީއަކީ އެއާ ނުލައި ގިނަ ބަޔަކަށް މިހާރު ނޫޅެވޭ އެއްޗެކެވެ. ކޮފީ ބޯލައިގެން ނޫނީ ދުވަހުގެ އެއްވެސް ކަމެއް ނުކުރެވޭ މީހުން މަދެއް ނޫނެވެ. މިއީ މީހާގެ ސިއްހަތަށް ވެސް ފައިދާ ހުރި އެއްޗެކެވެ. ނަމަވެސް، އެއީ ވަކި ވަގުތުތަކެއްގައި ބޯ ނަމައެވެ. އެހެން ނޫނީ މިއީ ބޯން އެންމެ ރަނގަޅު ނޫން އެއްޗެއް ކަމުގައި ދިރާސާއިން ދައްކައިފިއެވެ.
ގިނަ ބައެއްގެ ދުވަހުގެ ފެށުމަކީ ކޮފީއެވެ. އެންމެ ގިނަ ބަޔަކު ކޮފީ ބޯން ގަޔާވާ އެއް ވަގުތަކީ ވެސް ހެނދުނެވެ. އެއީ، ހެނދުނުގެ ކޮފީ އާއެކު ދުވަސް ފެށުމަށް މީހާ ހޭލައްވާލައި ހަކަތަ ދޭތީއެވެ. ދިރާސާއިން މި ލިބުނީ މި ކޮފީ ބޯ މީހުންނަށް ބޮޑު އުފާވެރި ޚަބަރެކެވެ. އެއީ، ހެނދުނު ކޮފީ ބުއިމުން އޭގެ ފައިދާ ކުރާ ކަމެވެ.
ޔޫރަޕިއަން ހާޓް ޖާނަލްއިން އާންމުކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ ކޮފީ ބޯ މިންވަރު އެހާ ބޮޑަށް މުހިއްމު ނޫން ކަމަށެވެ. ނަމަވެސް، ކޮފީއިން ލިބޭ ފައިދާތަކާ އެ ބޯ ވަގުތާ ގުޅުން ހުރި ކަމަށް ދިރާސާއިން ބުނެފައިވެއެވެ.
"މިއީ ފުރަތަމަ ފަހަރު ކޮފީ ބޯ ވަގުތުތަކާއި އެއާ ގުޅުންހުރި ފައިދާތަކާ ގުޅުވައި ދިރާސާއެއް ހެދި. އާންމުކޮށް ޑައިޓަރީ ލަފާ ދޭއިރު ގަޑިތަކާއި ފައިދާއަށް ވަރަށް އިސްކަން ނުދޭ. އެހެންވީމާ މިއީ އެކަމަށް އިސްކަން ދޭން ފަށަންވީ ވަގުތު ހެން ހީވަނީ،" ދިރާސާ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި އެޗްސީއޭ ހެލްތުކެއާގެ ރީޖެންޓްގެ ޗެއާ ކުރާ ޑރ. ލޫ ޗީ ފާހަގަކުރިއެވެ.
ފާއިތުވި ދިރާސާތަކުން ހާމަވެފައިވާ ގޮތުގައި މެދު މިންވަރެއްގައި ކޮފީ ބޯ ނަމަ ޓައިޕް ޓޫ ޑައިބިޓީޒް ޖެހުމުގެ ފުރުސަތު ކުޑަވެއެވެ. އަދި، ކާޑިއޯވަސްކިއުލާ ބަލިތަކުން ދުރުކޮށްދިނުމާ ކޮފީ އާ ވެސް ގުޅުން އެބަހުރި ކަމަށް ދިރާސާއިން ވަނީ މީގެ ކުރީން ހާމަވެފައެވެ.
އާ ދިރާސާއިން އެނގިގެން ދިޔައީ މި ފައިދާތައް އެންމެ އެކަށީގެންވާ ގޮތުގައި ލިބެނީ ކޮފީ ބޯ ވަގުތުތަކާ ގުޅިގެންނެވެ. އެގޮތުން, މި ދިރާސާ ކުރުމަށްޓަކައި ވަނީ ހެނދުނު ކޮފީ ބޯ މީހުންނާއި މުޅި ދުވަހު ކޮފީ ބޯ މީހުންގެ މައުލޫމާތު އެއްކޮށްފައެވެ.
މި މައުލޫމާތުން އެނގިގެން ދިޔަ ގޮތުގައި ހެނދުނު ކޮފީ ބޯ މީހުންނަކީ ކޮފީ ނުބޯ މީހުންނާ އަޅާ ބަލާއިރު ކާޑިއޯ ވަސްކިއުލާ ބައްޔެއްގައި މަރުވުމުގެ ފުރުސަތު 31 ޕަސެންޓު މަދު މީހުންނެވެ. އެހެން ގަޑި ތަކުގައި ކޮފީ ބޯ މީހުންނާއި ކޮފީ ނުބޯ މީހުންނާ މި އަދަދު އެއްގޮތަކަށް ފެންނަން ހުރި ކަމަށް ދިރާސާއިން ބުނެއެވެ.
އެހެންވީމާ ކޮފީ ބޯން ލޯބި ކުރާ ނަމަ އެކަމުގައި ފައިދާ ހޯދަން އެންމެ ރަނގަޅީ ހެނދުނު ކޮފީ ބޮއެގެންނެވެ. ހެނދުނު ކޮފީ ބޯއިރު ދެތިން ތަށި އެކީ ބުއި ނަމަވެސް އެއީ އެހާ މުހިއްމު ކަމެއް ނޫން ކަމުގައި ދިރާސާއިން ބުނެއެވެ. ހުރިހާ ވެސް ކަމަކީ ކޮފީ ބޯ ވަގުތެވެ.