ގަވަރުނަރު ހާޝިމް ވަކިކުރަން މަޖިލީހުން ރައީސަށް ލަފާދީފި

ގަވަރުނަރު އަލީ ހާޝިމް: އޭނާ މަގާމުން ވަކިކުރަން މަޖިލީހުން ވަނީ ރައީސަށް ލަފާދީފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން، ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ލަފާ ދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މި މައްސަލައިގައި ރައީސަށް ލަފާ އެރުވުމަށް މަޖިލިސް ތަޅުމުން ފާސްކުރީ 63 މެންބަރުންގެ ވޯޓާ އެކުއެވެ. އެ ވޯޓުގައި ގަވަރުނަރު ވަކިކުރުމާ ދެކޮޅަށް ވޯޓު ދީފައިވަނީ އެންމެ ނުވަ މެންބަރުންނެވެ.

މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ވިދާޅުވެ، ހާޝިމް މަގާމުން ވަކިކުރައްވަން މި މަހުގެ އެއްވަނަ ދުވަހު މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ ޖަވާބުދާރީވާން ގަވަރުނަރަށް ތިން ފުރުސަތު ދީފައެވެ. އެކަމަކު، ގަވަރުނަރު ވަނީ ކޮމިޓީއަށް ހާޒިރުވާން އުޒުރުވެރިވެވަޑައިގެންފައެވެ.

ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު މިއަދު ހުށަހަޅައިދެއްވާ މާލިއްޔަތު ކޮމިޓީގެ މުގައްރިރު، މާމިނގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވީ، ބައްދަވުމަށް ހާޒިރުވުމުގެ ބަދަލުގައި، އިތުރު މައުލޫމާތެއް ކޮމިޓީން އެދިލައްވާނަމަ ލިޔުމުން ޖަވާބު ފޮނުއްވާނެކަމަށް ވިދާޅުވެ، ގަވަރުނަރު ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ.

https://sun.mv/194428

ނަމަވެސް، ކޮމިޓީގެ މެންބަރުންގެ އަޣުލަބިއްޔަތުން ނިންމާފައި ވަނީ އިތުރު ފުރުސަތެއް ނުދޭން ކަމަށް ގާސިމް ވިދާޅުވިއެވެ.

ރައީސް އެއްވެސް އެއްޗެއް އަންގަވާފައެއް ނެތް އަޅުގަނޑަކަށް. އަދި، ކޮމިޓީގެ އެއްވެސް މެންބަރަކަށް އެއްޗެއް އެންގި ކަމެއް ވެސް އަޅުގަނޑަކަށް އެނގިފައެއް ނެތް. ގަވަރުނަރު އާލާސްކަންފުޅާ އުޅުއްވާތީ ތިން ދުވަހަށް ފުރުސަތު ދިނިން. އެއަށް ފަހު ދެން އެނގުނު ވަޑައިގަންނަވަން ބޭނުންފުޅު ނުވާކަން. އެ ހިސާބުން މަޖުބޫރުވީ އެ ވޯޓަށް އަހަން، މާލިއްޔަތު ކޮމިޓީގެ މުގައްރިރު ގާސިމް އިބްރާހީމް

މާލީ ހާލަތާ ގުޅޭ ގޮތުން ލަފާދެއްވައި ކަމަށާއި މި ހާލަތަށް ކަންކަން ވެއްޓުނީ ދެއްވި ލަފައާ އެއްގޮތަށް ސަރުކާރުން އަމަލުނުކުރުމުން ކަމަށް ވިދާޅުވެ، ހާޝިމް ވަނީ ކޮމިޓީއަށް މީގެ ކުރިން ސިޓީއެއް ފޮނުއްވައިފައެވެ.

ނަމަވެސް، މާލީ ހާލަތު ރަނގަޅުކުރަން އެމްއެމްއޭއިން އިސް ނަގައިގެން ލަފައެއް ދީފައިނުވާ ކަމަށް މާލީ ވުޒާރާއިން ވެސް ވަނީ ބުނެފައެވެ.

އެކަން ފާހަގަކުރައްވާ ގާސިމް ވިދާޅުވީ، 2021، 2022 އަދި 2023 ގައި ވެސް ޚަރަދުތައް ކުޑަކުރަން ކަމަށް ބުނެ ގަވަރުނަރު ލަފާދިން ކަމަށް އެ ސިޓީގައި ބުނެފައިވާ ކަމަށެވެ. ނަމަވެސް، ކޮމިޓީއަށް ހުށަހަޅާފައިވާ ރިޕޯޓުތަކުން ވެސް އެފަދަ ލަފައެއް އަރުވާފަައިވާކަން ފާހަގަވެފައިނުވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

އެހެންކަމުން އެ މަނިކުފާނު މަގާމުގެ ޒިންމާ އަދާކުރުމުގެ ތަސައްރަފެއް ނެތް ކަމަށް ކޮމިޓީން ނިންމީ، މަޖިލީހުގެ ގަވާއިދުގައި މާލިއްޔަތު ކޮމިޓީއަށް މަތިކުރައްވާފައިވާ ޒިންމާގެ މަތިން ނިންމީ ރައީސަށް ލަފާއެރުއްވުމަށް، މާލިއްޔަތު ކޮމިޓީގެ މުގައްރިރު ގާސިމް އިބްރާހީމް

ފާހަގަކޮށްލެވޭ ގޮތުގައި ހާޝިމް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2008 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރުގެ ނިޔަލަށް މާލީ ވަޒީރުކަން ވެސް ކުރައްވައިފައެވެ. އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އަލީ ހާޝިމް އައްޔަނުކުރީ މިދިޔަ އެމްޑީޕީގެ ވެރިކަމުގައި ސެޕްޓެމްބަރު 8, 2019 ގައެވެ.

https://sun.mv/194376

ރާއްޖޭގެ ދަރަނި ބޮޑުވެ، ދަރަނި އަދާނުކުރެވޭ ހިސާބަށް ގޮސްދާނެ ކަމުގެ އިންޒާރު މާލީ އިދާރާތަކުން އަންނަނީ ދެމުންނެވެ.

ރާއްޖޭގެ ދަރަނި އަދާކުރުމަށް އޮތް ހުރަސްތައް ފާހަގަކޮށް، ފިޗުން ވަނީ ކްރެޑިޓް ރޭޓިން ދަށްކޮށްފައެވެ. ނަމަވެސް، މި ސަރުކާރުން ވަނީ ދަރަނި އަދާކުރެވޭނެކަމުގެ ޔަގީންކަން އޮތް ކަމަށް ތަކުރާރުކޮށް ބުނެފައެވެ.

comment ކޮމެންޓް