ބޭންކުތަކުން މައުލޫމާތު ހޯދަން ދަތި، އެމްއެމްއޭގެ ޒިންމާ އަދައެއް ނުކުރޭ: އޭސީސީ

އޭސީސީގެ ރައީސް އާދަމް ޝާމިލް: ބޭންކުތަކުން މައުލޫމާތު ހޯދަން ދަތި ކަމަށް އޭނާ ވިދާޅުވި -- ސަން ފޮޓޯ/ ނާއިޝް ނާހިދު

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ތަހުގީގުކުރާ މައްސަލަތަކުގައި ބޭންކުތަކުން މައުލޫމާތު ހޯދަން ދަތި ކަމަށާއި، މަރުކަޒީ ބޭންކުގެ ހައިސިއްޔަތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ހަދަން ޖެހޭ ގަވާއިދުތައް ހެދުން ފަދަ ކަންކަން ނުކުރާ ކަމަށް ކޮމިޝަންގެ ރައީސް އާދަމް ޝާމިލް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި، ސަރުކާރުގެ ކުންފުނި ފެނަކައިގެ ކޮރަޕްޝަނުގެ މައްސަލަތަކެއް ބަލަމުން އަންނަކަން ފާހަގަކުރައްވައި ޝާމިލް ވިދާޅުވީ އެ މައްސަލައިގައި އިތުރަށް ޝައްކު ކުރެވޭ މީހުންނާއި އެ މީހުން މާލީ މަންފާ ހޯދީ ކިހިނެއްކަން ބަލާނެ ކަމަށެވެ. އެ މައްސަލައިގައި ހިމެނޭ ބަޔަކު ނުހައްގުން މުއްސަނދިކަން ހޯދައިފައިވާކަން ދެނެގަނެވޭނީ އެއަށް ފަހު ކަމަށް އޭނާ ވިދާޅުވިއެވެ.

"ނުހައްގު މުއްސަނދިކަން ލިބިގަނެފައި އޮތް ގޮތް އަޅުގަނޑުމެންނަށް ދެނެގަނެވޭނީ އެ މައްސަލަތަކުގައި ހިމެނޭ ބޭފުޅުންގެ ނެޓްވޯތު އެނެލިސިސްތައް ހެދިގެން، އެ ބޭފުޅުންގެ ބޭންކް ޓްރާންސެކްޝަންތައް ހިންގާފައި ހުރި ގޮތުގެ ޓްރާންސެކްޝަން އެނެލިސިސް ހެދިގެން، އެ ބޭފުޅުން މާލީ މަންފާ ލިބިފައި ހުރި ގޮތުގެ އެނެލިސިސް ހެދިގެން،" ޝާމިލް ވިދާޅުވިއެވެ.

އެއީ ފޮރެންސިކް މާހިރުން ކުރާ މަސައްކަތްތައް ކަމަށާއި އެކަމަށް ދިގު މުއްދަތެއް ނަގާކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް އެފަދަ މައްސަލަތަކުގައި ބޭންކުތަކުން މައުލޫމާތު ލިބުން ދަތިވުމަކީ ގޮންޖެހުމެއް ކަމަށް ޝާމިލް ވިދާޅުވިއެވެ.

އެމްއެމްއޭ ގަވަރުނަރު އަލީ ހާޝިމް: އޭނާ މަގާމުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުން އަންނަނީ ކުރަމުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭނާ ވިދާޅުވީ ބޭންކުތައް ބަލަހައްޓާ އެމްއެމްއޭގައި، އެ އޮތޯރިޓީގެ ގާނޫނީ އޮނިގަނޑުގެ ތެރެއިން ހަދަން ޖެހޭ ގަވައިދުތަކުގެ ތެރެއިން އެންމެ ފުރިހަމައަށް، ޒަމާނާ ގުޅޭ ގޮތަށް އެކަމާ ގުޅުންހުރި ގަވައިދުތައް ނުހަދައި ހުރި ކަމަށެވެ.

"އެމްއެމްޕީއާރުސީ ކޭސްއިން ފެށިގެން މިއަދާ ހަމައަށް ކަންކަން ހިނގާފައި އެހެރި ގޮތަށް ބަލައި އެ މުޅި ބޭންކިން ނިޒާމު ދިވެހިރާއްޖޭގައި ފެސިލިޓޭޓްކޮށް އޭތި ބެލެހެއްޓޭނެ މައިގަނޑު ބަލަހައްޓަމުން އެދަނީ އެންމެ ފުރިހަމަ ގޮތުގައިތޯ ޖެހޭ އަޅުގަނޑުމެން ބަލަން،" ޝާމިލް ވިދާޅުވިއެވެ.

"ބަލައިގެން ނޫނީ އަޅުގަނޑުމެން ދެން މައްސަލައެއް ދިމާވީމަ ތަހުގީގުކުރަން އޮތް އިދާރާތައް މޯލްޑިވްސް ޕޮލިސް ސާވިސް ކަމަށް ވިޔަސް އޭސީސީ ކަމަށް ވިޔަސް އެ ހުރިހާ މައުލޫމާތެއް ނުލިބޭ ކަމަށްވަންޏާ އެއީ ވަރަށް ބޮޑު މައްސައެއް."

އޭނާ ވިދާޅުވީ ބޭންކުތަކުން މައުލޫމާތު ހޯދަން ދަތިވާތީ އެ މައްސަލަ އެތައް ފަހަރަކު ކަމާ ގުޅުންހުރި ފަރާތްތަކާ ހިއްސާކޮށްފައިވާނެ ކަމަށާއި އެ މައްސަލަ ހައްލު ކުރުން ވަރަށް މުހިންމު ކަމަށެވެ.

އޭސީސީން އެމްއެމްއޭގެ ވާހަކަ ފާހަގަކުރިއިރު، އެ އޮތޯރިޓީގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން މަސައްކަތް ފެށުމަށް މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ. މިދިޔަ ހަފުތާގެ ހޯމަ އާއި އިއްޔެ އާއި މިއަދުވެސް ހާޝިމް ހާޒިރުކުރަން މަސައްކަތްކުރި ނަމަވެސް، އޭނާ ހާޒިރުވެފައެއް ނުވެއެވެ.

https://sun.mv/194370

ހާޝިމް ވަކި ކުރުމަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމެވެ. މެންބަރު ނާޒިމް ވަނީ ގަވަރުނަރު ވަކިކުރަން ލަފާ ދެނީ ގައުމުގެ އިގުތިސޯދު ހީނަރުވެ، އަލުން އަނބުރާ އިއާދަކުރަން އުނދަގޫ ހިސާބަކަށް ދިޔައިރު، އެމްއެމްއޭއަށް މަނިޓަރީ ޕޮލިސީ އޭގެ އެންމެ އެކަށޭނެ ގޮތުގައި ހިންގަމުންދާ ތަން ފެންނަމުން ނުދާތީ ކަމަށް ވިދާޅުވެފައެވެ.

އިއްޔެ ބޭއްވި އެސްއޯއީ ކޮމިޓީގައި ނާޒިމް ވަނީ އޭސީސީއަށް ވެސް ނަތީޖާ ނުނެރެވޭތީ އެ ކޮމިޝަނަށް ވެސް ފާޑުވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ އޭސީސީން ތަހުގީގުކުރާ މައްސަލަތައް ގިނަ ދުވަސްތަކަކަށް ދެމިގެންދާ ކަމަށާއި އެ ކޮމިޝަނުން މައްސަލައެއް ބަލަން ފެށުމުން އެ މައްސަލަ އެހެން ބަޔަކަށް ނުބެލޭ ކަމަށާއި، އޭސީސީން މައްސަލަތައް ހިފައްޓަނީ ކަމުގައި ތުހުމަތު ކުރައްވައިފައެވެ.

https://sun.mv/194349

މީގެ އިތުރުން އޭސީސީގެ ކޮންމެ ދައުރެއްގައި އެއް ވާހަކަތަކެއް ދައްކާ ކަމަށާއި ނަމަވެސް "ވާކަމެއް ހަރާން" ކަމަށް ވިދާޅުވެ ނާޒިމް ނުރުހުން ފާޅުކުރެއްވިއެވެ.

comment ކޮމެންޓް