ސިންގާތަކެއްހެން ފުންމައިގެން އަންނާނެކަން އެނގޭ، އެކަމަކު ވެސް އޮޑިޓުކޮށް، ބިމާބެހޭ ލިސްޓު ވެސް އާންމުކޮށްފިން: އާޒިމް

މިރޭ އޮތް ކެމްޕޭން ޖަލްސާގައި އާދަމް އާޒިމް ވާހަކަދައްކަވަނީ ---

"ސިންގާ ތަކެއްހެން ދިމާލަށް އަންނާނެކަން އެނގުނު" ނަމަވެސް މާލޭ ސިޓީ ކައުންސިލު ހަމައަކަށް އެޅުަމަށް ޓަކައި އެތައް ފިޔަވަޅެއް އަޅައިފައިވާކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިރޭ ވިދާޅުވެއްޖެއެވެ.

މާލޭ މޭޔަރުކަމަށް އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ އާޒިމް، އެމްޑީޕީ ހަރުގޭގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގެ އިދާރާ އޮޑިޓު ނުކުރެވޭނެކަމަށް ބުނެ ވަރަށް ގިނަ ބަޔަކު ޗެލެންޖުކުރަމުން ގެންދެވި ކަމަށެވެ.

ނަމަވެސް މާލޭ ސިޓީގެ މޭޔަރުކަމަށް އޭނާ ހޮވެން، ބައި އިލެކްޝަންގައި މަސައްކަތްކުރިއިރު، އެ ކަން ކުރެއްވީ ކައުންސިލް ހަމަޔަކަށް އަޅުވަން ވައުދުވެވަޑައިގެން ކަމަށާއި އެ ވައުދުވެވަޑައިގަތީ އެތައް ކަމެއް ކުރަން ހުންނާނެކަން އެނގިވަޑައިގެން ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

އެގޮތުން ފާއިތުވި 15 އަަހަރު ތެރޭ މާލޭގެ ބިންތައް ވެސް ބަހައިފައި އޮތީ އެކި ގޮތްގޮތަށް ކަމަށާއި، ބިންތައް ދީފައިވާ ގޮތުގެ ތަފްސީލް ހާމަކުރުމުން ވެސް އެކަމުގައި މަސްލަހަތު އޮންނަ މީހުން "ސިންގާތަކެއްހެން ދިމާލަށް އަންނާނެކަން އެނގޭ" ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

ހަމައެއާއެކު އޮޑިޓު ނުކުރެވޭނެކަމަށް ބުނި މާލޭ ސިޓީ ކައުންސިލުގެ އިދާރާ ވެސް އޮޑިޓުކޮށްފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ދެ ރިޕޯޓެއް ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅުއްވައިފައިވާކަމަށް އާޒިމް ވިދާޅުވިއެވެ.

"އަބަދު ބުނަމުން ދިޔަ ވާހަކައެއް. އަޅުގަނޑުމެންގެ ތެރެއިން މީހުން ބުނަމުންދިޔައީ އޮޑިޓް ކުރާކަށް ނުކެރޭނެޔޭ. ނުކުރެވޭނެޔޭ. އޮޑިޓުކުރަމުން މިއޮއްދަނީ. އޮޑިޓުގެ ފުރަތަމަ ރިޕޯޓް ނިންމައިފައި އޮންނާނެ. ދެވަނަ ރިޕޯޓް ނިންމައިފައި އޮންނާނެ. މި އެއްޗެހި މި ދާންވީ ތަންތަނަށް ގޮސްފައި އޮންނާނީ މިހާރު،" އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ ތެދު ހަދައިގެން ވެސް އިންތިޚާބެއް ކާމިޔާބުކުރެވިދާނެ ކަމަށާއި، ދޮގު ހަދައިގެން އިންތިޚާބު ކާމިޔާބުކުރުމަކީ އާދައަކަށް ހަދައިގެން ނުވާނެ ކަމަށެވެ.

އާޒިމް ވިދާޅުވީ ގައުމުގައި ހުރި އެންމެ ބޮޑެތި ކުންފުނިތައް އޭނާ ހިންގަވައިފައިވާ ކަމަށާއި، އެ މަސައްކަތް ވެސް ކުރައްވައިފައިވާނީ އިޚްލާސްތެރިކަމާއެކު ކަމަށެވެ. އަދި އޭނާ ކުޑަކަކޫ ޖެއްސޭނެ މީހަކު ނުހުންނާނެ ކަމަށާއި މަސައްކަތްކުރަމުން އަންނަނީ ގައުމަށް ޓަކައި ކަމަށް ވެސް ވިދާޅުވިއެވެ.

އެއާއެކު މިރޭ ވެސް އާޒިމް ވަނީ އެއްވެސް މީހެއްގެ "މަހާއި ކަށި ކައިގެން" އިންތިޚާބު ކާމިޔާބު ކުރަން މަސައްކަތް ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް