މި ދަނޑިވަޅުގައި ގަވަރުނަރު ވަކިކުރުމުން ދައްކުވައިދެނީ ދުރުރާސްތާގެ ވިސްނުމެއް ނެތްކަން: ފައްޔާޒު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: މި ދަނޑިވަޅުގައި ގަވަރުނަރު ވަކިކުރުމަކީ ދުރުރާސްތާގެ ވިސްނުމެއް ނެތްކަމުގެ ނިޝާނެއް ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ މޫސާ ނަދީމް

ރާއްޖޭގެ އިގުތިސާދު ނާޒުކު ހާލަތެއްގައި އޮތް މި ދަނޑިވަޅުގައި މަރުކަޒީ ބޭންކު އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވަކިކުރުމަކީ މި ސަރުކާރުގެ ދުރު ރާސްތާ ވިސްނުމެއް ނެތް ކަމުގެ ނިޝާނެއް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ހާޝިމް ގާބިލު ނޫން ކަމަށް ބުނެ، އޭނާ މަގާމުން ވަކިކުރަން ލަފާދޭން މިއަދު ފާސްކުރުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ ހާޝިމް ވަކިކުރުމަކީ މާލީ އިދާރާތައް ހަލަބޮލިކުރުން ކަމަށާއި އެއީ މި ސަރުކާރުގެ ދުރުވިސްނުމެއް ނެތް ކަމުގެ އިތުރު ހެއްކެއް ކަމަށެވެ.

ފައްޔާޒު ވިދާޅުވީ ސަރުކާރުން މިހާރަށް ވުރެ ވިސްނުންތެރިކޮށް އަމަލު ކުރަން ޖެހޭ ކަމަށެވެ.

"މިފަދަ ނުރައްކާތެރި ފިޔަވަޅު ނޭޅުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރާއި ވެރިކަން ކުރާ ޕާޓީއަށް އަޅުގަނޑު ގޮވާލަން،" ފައްޔާޒު ވިދާޅުވިއެވެ.

ހާޝިމް މަގާމުން ވަކިކުރަން މާލިއްޔަތު ކޮމިޓީން ނިންމީ، އެ ކޮމިޓީއަށް ހާޒިރުވާން އޭނާއަށް ހަތަރު ފަހަރަކު ފުރުސަތު ދިނުމަށް ފަހުގައެވެ.

ކޮމިޓީއަށް ހާޒިރުވާން ހާޝިމް އުޒުރުވެރިވެވަޑައިގަތުމުން ކޮމިޓީގެ މެންބަރުން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައި، އޭނާއަކީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަން ގާބިލު ބޭފުޅެއް ނޫން ކަމަށާއި ވީހާ ވެސް އަވަހަށް އޭނާ މަގާމުން ވަކިކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

https://sun.mv/194406

މާލީ ހާލަތު ރަނގަޅުކުރަން އެމްއެމްއޭއިން އިސް ނަގައިގެން ލަފައެއް ދީފައިނުވާ ކަމަށް މާލީ ވުޒާރާއިން ވެސް ވަނީ ބުނެފައެވެ. އެކަމަކު، މާލީ ހާލަތާ ގުޅޭ ގޮތުން ލަފާދެއްވައި ކަމަށާއި މި ހާލަތަށް ކަންކަން ވެއްޓުނީ ދެއްވި ލަފައާ އެއްގޮތަށް ސަރުކާރުން އަމަލުނުކުރުމުން ކަމަށް ވިދާޅުވެ، ހާޝިމް ވަނީ އިއްޔެ ކޮމިޓީއަށް ސިޓީއެއް ފޮނުއްވައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ހާޝިމް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2008 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރުގެ ނިޔަލަށް މާލީ ވަޒީރުކަން ވެސް ކުރައްވައިފައެވެ. އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އަލީ ހާޝިމް އައްޔަނުކުރީ މިދިޔަ އެމްޑީޕީގެ ވެރިކަމުގައި ސެޕްޓެމްބަރު 8, 2019 ގައެވެ.

comment ކޮމެންޓް