ބާ ކައުންސިލުން ބަންޑާރަނައިބު ވަކިކުރަން ގާސިމް ދެކޮޅު

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް: ބާ ކައުންސިލްގެ އެކްސްކޯއިން ބަންޑާރަނައިބު ވަކިކުރުމާ ގާސިމް ވަނީ ދެކޮޅު ހައްދަވާފައި -- ފޮޓޯ/ މަޖިލިސް

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމުގައި ބަންޑާރަނައިބަށް ނުހުރެވޭ ގޮތަށް ގާނޫނީ ފަންނުގެ ގާނޫނަށް ހުށަހެޅި އިސްލާހަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިއަދު ދެކޮޅު ހައްދަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް މިދިޔަ ބުދަ ދުވަހު މި އިސްލާހު ހުށަހަޅުއްވައިދެއްވީ ސަރުކާރުގެ ފަރާތުން ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި އޮތީ މި އިސްލާހަށް ބަހުސްކުރުމެވެ.

ބަހުސްގެ ވަގުތުގައި ގާސިމް ވިދާޅުވީ، ބަންޑާރަނައިބަށް ބާ ކައުންސިލްގެ އެކްސްކޯގައި ނުއިނދެވޭ ގޮތަށް ހަދަން ހުށަހަޅާފައި އޮތް އިސްލާހާ އޭނާގެ ޚިޔާލު ތަފާތު ކަމަށެވެ. އޭނާ ވިދާޅުވީ، އަދުލު އިންސާފު ގާއިމުކުރެވޭނީ މި ގޮތަށް ގާނޫނަށް ގެނެވޭ އިސްލާހަކުން ކަމަށް ގަބޫލުފުޅުކުރަން ބޭނުން ނޫން ކަމަށެވެ.

އެހެން މި ދެންނެވީ ތަފާތު ބާރުތަކާއި ތަފާތު ނުފޫޒުތައް މީގެ ތެރޭގައި ހިމެނޭ. އެކްސްކޯގައި ހަތް މެންބަރުން ތިއްބަވާއިރު އޭގެ ތެރޭގައި ބަންޑާރަނައިބު ނެތިގެން ދިޔުމަކީ އެއީ އެ ތަނުން ހިންގާ ހުރިހާ ކަމެއް ގޯސްކޮށް ދާނެ ކަމެއް ކަމަށް ނިންމާ ނިންމުން ވެސް އެއީ އަޅުގަނޑަކަށް ހިޔެއް ނުވޭ ރަނގަޅު ކަމެއްހެނެއް. އަދި ނުވެސް ވާނެ. އެއީ އެންމެ ބޭފުޅެއްގެ ވޯޓު ގޯސްކޮށް ދާނެތީ ނިންމާ ނިންމުމެއް ގޯސްކޮށް ދާނެ ކަމަށް ގަބޫލުކުރާކަށް ނުޖެހޭނެ، މާމިނގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް

ގާސިމް ވިދާޅުވީ، ރައީސަކަށް ހުންނަވާ ބޭފުޅަކު ނުފޫޒު ފޯރުވަން ބޭނުންވާނަމަ ނުފޫޒު ފޯރުވާނެ ބައިވަރު ގޮތްތައް ހުންނާނެ ކަމަށެވެ. ތާފާތު ނުފޫޒުތަކާއި ބާރުތައް އޭގެ ތެރޭގައި ހިމެނޭއިރު ކޮންމެހެން ބަންޑާރަނައިބު އެކްސްކޯގައި ނުހިމެނުން އެއީ ރަނގަޅު ނިންމުމެއް ކަމަށް ނުފެންނަ ކަމަށް ގާސިމް ވިދާޅުވިއެވެ.

ބަންޑާރަނައިބު އަހުމަދު އުޝާމް -- ފޮޓޯ/ ރައީސް އޮފީސް

ގާސިމް ވިދާޅުވީ، ގާނޫނުއަސާސީގެ ދަށުން ބަންޑާރަނައިބުގެ މައްޗަށް ވަކި ކަންތައްތަކެއް ކުރުމަށް ލާޒިމުކޮށްފައިވާ ކަމަށެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި ގާނޫނުއަސާސީގެ ދަށުން މަތިކޮށްފައިވާ ޒިންމާ އެ މިންގަނޑަށް ފެތޭގޮތަށް ކުރަންޖެހޭނެއެވެ.

އަދި، ދައުލަތް ހިންގުމުގައި ރައީސުލްޖުމްހޫރިއްޔާއަށް "އަޕް ޓު ޑޭޓް" މައުލޫމާތު ލިބުމަކީ ކޮންމެ މުއައްސަސާއަކުން ވެސް އަދި ކޮންމެ އިދާރާއަކުން ވެސް ކުރަންޖެހޭނެ ކަމެއްކަން ގާނޫނުއަސާސީން އަންގައިދޭ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

ބަންޑާރަނައިބު އެ ތަނުގައި ނުއިންނެވުމަކީ ނުވަތަ އެތާ އިންނެވުމަކީ އެއީ އެތަނުން ހިނގާ ކަންކަން ގޯސްކޮށް ހިނގާނެ ކަމެއް ކަމަށް ވިސްނައިގަތުމާއި ބަލައިގަތުމާ އެއީ އަޅުގަނޑު ގަބޫލުކުރާހިއްވާ ކަމެއް ނޫން. ބަންޑާރަނައިބަކަށް ވެސް ހުންނަނީ އިންސާނަކު. އަދި ވަކީލުން ވޯޓުލައިގެން ވެސް އެތަނަށް އައިސްތިބެނީ އިންސާނުން، މާމިނގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް

ޕީއެންސީގެ މެންބަރުން ވަނީ މި އިސްލާހަށް ތާއީދުކުރައްވާ ބަހުސްކުރައްވާފައެވެ. އެ މެންބަރުން ވިދާޅުވާ ގޮތުގައި ބާކައުންސިލް މިނިވަންކޮށް ވަކިން ޚާއްސަކޮށް ޝަރުއީ ދާއިރާ މިނިވަންކަމާ އެކު މަސައްކަތްކުރުމަށްޓަކައި ބަންޑާރަނައިބު ބާކައުންސިލްހެ އެކްސްކޯއިން ވަކިކުރަންޖެހޭނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޝަރުއީ ދާއިރާ މިނިވަންކުރުމަކީ ކޮންމެ ސަރުކާރަކުން ވެސް ވެރިކަމަށް އައުމަށްޓަކައި ދައްކާ ވާހަކައެކެވެ.

https://sun.mv/194399

މި ބިލު ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި ވަނީ، ބާ ކައުންސިލަށް ފުރިހަމަ މިނިވަންކަމާ އެކު ކަންކަން ހިންގުމުގެ ފުރުސަތު ހޯދައިދިނުމެވެ. އަދި، ގާނޫނީ ވަކީލުންގެ ފަންނުގެ ކަންކަން ތަންފީޒުކޮށް ހިންގަނީ އެ ވަކީލުންގެ ފަރާތުން ހޮވާ މަންދޫބުން ކަމުގައި ހެދުމަށް ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.

މި އިސްލާހާ އެކު ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީ އެކުލެވިގެންވާނީ ހަމައެކަނި ގާނޫނީ ވަކީލުން އިންތިޚާބުކުރާ ރައީސަކާއި ނައިބުރައީސަކާއި މެންބަރުންގެ މައްޗަށެވެ.

މީގެ އިތުރުން، މި ބިލުގައިވަނީ ރަސްމީ އިދާރާތަކުންނާއި ރަޖިސްޓަރީކޮށްފައިވާ ކިޔަވައިދޭ މަރުކަޒުތަކުން ދޫކުރާ ލިޔުންތަކުގައި އެ ތަންތަނުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިދިނުމެވެ. އަދި، ބޭރު ގައުމުތަކުގައި ބޭނުންކުރުމަށްޓަކައި ދިވެހީންނަށް ބޭނުންވާ ބައެއް ލިޔުންތަކުގައި ޑިޕްލޮމެޓިކް މިޝަންތަކުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިދިނުން ހުއްދަކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތަކެވެ.

comment ކޮމެންޓް