ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއަށް މެންބަރުން ވެއްދުމުގެ ތެރޭގައި 'ވަގު ފޯމު'ތަކެއް ފުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު އަވަސްކުރަން ގޮވާލައި އިދިކޮޅު އެމްޑީޕީން މިއަދު ފުލުސް އޮފީހަށް ގޮސްފިއެވެ.
ފޯމުތަކުގެ މައްސަލަ އެމްޑީޕީން ވަނީ ފުލުހަށް ހުށަހަޅައިފައެވެ.
އެ މައްސަލައިގެ ތަހުގީގު އަވަސްކޮށްދޭން އެދި ފުލުހުންގެ މައި މަރުކަޒު، ޝަހީދު ހުސައިން އާދަމް ބިލްޑިންއަށް ވަޑައިގަތުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ވިދާޅުވީ، މި މައްސަލައަކީ ސީރިއަސް މައްސަލައެއް ގޮތުގައި ބަލާ ކަމަށް ފުލުހުން ވިދާޅުވި ކަމަށެވެ.
އެކަމަކު، ފުލުހުންގެ ފަރާތުން ރަސްމީ ބަހެއް މި ކަމުގައި ބުނާނީ ފުލުސް ކޮމިޝަނަރު އަލީ ޝުޖާއާ މަޝްވަރާކުރެއްވުމަށް ފަހު ކަމަށް ފުލުހުން ވިދާޅުވި ކަމަށް އަނަސް ވިދާޅުވިއެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން އެމްޑީޕީގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ މަހްފޫޒް ސައީދު ވިދާޅުވީ، އެމްޑީޕީގެ ފަރާތުން ވަކިވަކިން 96 ފަރުދެއްގެ މައްސަލަ ފުލުހަށް ހުށަހެޅި ކަމަށެވެ. އެ މައްސަލަތައް ތަހުގީގުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ޕާޓީ މެދުވެރިކޮށް ޕޮލިހަށް މައްސަލަ ހުށަހެޅުއްވި ފަރާތްތަކަށް ދަންނަވާލަން ބޭނުން ފުލުހުންގެ ފަރާތުން އެ ބޭފުޅުންނަށް ގުޅުއްވާނެ. އެ ބޭފުޅުން ބަޔާންދެއްވައި، ފުލުހުންނަށް އެ މައްސަލައިގެ ތަހުގީގުގައި އެއްބާރުލުން ދެއްވުމަކީ ވަރަށް މުހިންމު ކަމެއް،" އޭނާ ވިދާޅުވިއެވެ.
މަހްފޫޒް ވިދާޅުވީ، މިހާތަނަށް 'ވަގު ފޯމު'ތަކުގައި ސޮއިކުރި އެއްވެސް ބޭފުޅަކާ ސުވާލުކޮށްފައިނުވާ ކަމަށް ފުލުހުން ވިދާޅުވި ކަމަށެވެ.
ޕީއެންސީން ވަނީ ސައްހަކަން ކަށަވަރުނުކުރެވޭ ބައެއް ފޯމުތައް އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހެޅުނު ކަމަށް އިއުތިރާފުވެފައެވެ. އެކަމަކު، އެއީ ގަސްތުގައި ކުރި ކަމެއް ނޫން ކަމަށާއި އެހެން އެކަން މެދުވެރިވީ ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރެވޭނެ ގޮތެއް ޕާޓީގައި ނެތުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
ވަގު ފޯމުގެ މައްސަލަ ބޮޑުވެ، އީސީން ވަނީ ސިޔާސީ ޕާޓީތަކަށް ވަދެވޭނީ އީފާސް މެދުވެރިކޮށް އެކަނި ކަމަށް ހަދަން ނިންމައިފައެވެ.