ބިދޭސީން ގެނައުމަށްފަހު އިހުމާލުވާ މީހުންގެ ލިސްޓު އާންމުކޮށް، ޖޫރިމަނާކުރަނީ

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ވަޒީރުންގެ ލަފާ ހޯދައިފި-- ފޮޓޯ: ރައީސް އޮފީސް

ބިދޭސީން ގެނައުމަށްފަހު އިހުމާލުވާ ދިވެހީންގެ ލިސްޓެއް އެކުލަވާލައި، އެ ލިސްޓު އާންމުކޮށް، އިހުމާލުވާ ފަރާތްތައް ޖޫރިމަނާ ކުރަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް އެގޮތަށް ނިންމަވާފައި ވަނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިކަމާގުޅޭގޮތުން ހޯމް މިނިސްޓްރީން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހުގައެވެ. އެގޮތުން ގަވައިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ތަންފީޒީ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ކުރައްވަން ނިންމެވި ކަންތައްތަކުގެ ތެރޭގައި، ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށްފަހު، އެފަރާތްތަކާމެދު އިހުމާލުވާ ވަޒީފާދޭ ފަރާތްތަކުގެ ލިސްޓް އެކުލަވައިލައި އާންމުކުރުން ހިމެނެއެވެ.

އެ ނިންމެވުމުގައި ވަނީ، މިގޮތަށް ވަޒީފާދޭ ފަރާތުން އިހުމާލުވާނަމަ ޖޫރިމަނާކުރުމާއި އެފަދަ އަމަލުތައް ތަކުރާރުވާނަމަ އިތުރު ފިޔަވަޅުތައް އެޅުން ވެސް ހިމަނުއްވައިފައެވެ.

ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު ނިންމި ނިންމުންތަކުގެ ތެރޭގައި ގަވައިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށްޓަކައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ރިޒޯޓްތަކާއި ސިނާއީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު ހޯދުން ހިމެނެއެވެ.

އެމީހުންގެ 10 އިނގިލީގެ ފިންގަޕްރިންޓް އަދި ފޭޝަލް ރިކޮގްނިޝަން ނަގައި އެ ބިދޭސީމީހާ ދެނެގަތުމާއި ގަވައިދާ ޚިލާފަށް ދިރިއުޅޭ ފަރާތްތައް ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް ރެގިއުލަރޭޝަން ޕްރޮގްރާމެއް ހިންގުމަށް ވެސް ވަޒީރުންގެ މަޖިލީހުގައި ނިންމައިފައިވެއެވެ.

ހަމަމިއާއެކު އަމިއްލައަށް އެނބުރި ގައުމަށް ދާން ބޭނުންވާ ފަރާތްތަކަށް އެސިސްޓެޑް ވޮލަންޓަރީ ރިޓާން (އޭވީއާރު) ޕްރޮގްރާމް ހިންގުމަށް ވެސް އެ މަޖިލީހުގައި ނިންމައިފައިވެއެވެ.

ގަވައިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންގެ ސަބަބުން ދިވެހި ޒުވާނުންގެ ވަޒީފާގެ ފުރުސަތުތަކަށް އެޅެމުންދާ ހުރަސްތައް ނައްތާލުމަށްޓަކައި ގަވައިދާ ޚިލާފަށް ބިދޭސީން ކުރާ ވިޔަފާރިތައް އޯޑިޓްކޮށް ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އެޅުމަށްވެސް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ނިންމާފައެވެ.

މީގެއިތުރުން ދިވެހިރާއްޖޭގައި ގާނޫނާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ވަޒީފާއާބެހޭ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް އަވަސް މުއްދަތެއްގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ވެސް ވަޒީރުންގެ މަޖިލީހުން ނިންމިއެވެ.

މީގެ ކުރިން ހޯމް މިނިސްޓްރީން ވަނީ، ގާނޫނުތަކަށް ބަދަލު ގެންނަނީ ރާއްޖެއަށް ބިދޭސީން ގެންނަ ދިވެހި ކުންފުނިތައް ނުވަތަ ފަރާތްތަކުން އެމީހުންގެ ޒިންމާ ނަގަން ޖެހޭ ގޮތަށް ކަމަށް ބުނެފައެވެ.

https://sun.mv/194161

ހުއްދަނެތް ބިދޭސީންނާ އެކު މަަސައްކަތް ކުރާ ދިވެހީން، 50،000 ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމުގެ އިޚްތިޔާރު އިމިގްރޭޝަނަށް މިހާރު ވެސް ލިބިގެންވާ ކަމަށް ކޮންޓްރޯލާ ޖެނެރަލް މުޙައްމަދު ޝަމްއާން ވަހީދު މީގެ ކުރިން ވިދާޅުވެފައިވެއެވެ.

https://sun.mv/194093

ގަވައިދާ ޚިލާފަށް ވިޔަފާރި ކުރާ ބިދޭސީން ހޯދަން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން އިމިގްރޭޝަނުން އޮޕަރޭޝަނެއް ކުރިއަށްގެންދެއެވެ. އެ އޮޕަރޭޝަންގައި ގަވައިދާ ޚިލާފަށް ވިޔަފާރި ކުރާ ބިދޭސީން ހުއްޓުވައި، އެމީހުން ހައްޔަރުކޮށް އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް އިމިގްރޭޝަނުން އަންނަނީ ކުރަމުންނެވެ.

comment ކޮމެންޓް