ހުއްދަނެތް ބިދޭސީންނާ އެކު މަަސައްކަތް ކުރާނަމަ، 50،000އަށްވުރެ ބޮޑު ނޫން ޖޫރިމަނާއެއް

އިމިގްރޭޝަން ކޮންޓްރޯލަރު މުޙައްމަދު ޝަމާން ވަހީދު -- ފޮޓޯ: އިމިގްރޭޝަން

ހުއްދަނެތް ބިދޭސީންނާ އެކު މަަސައްކަތް ކުރާ ދިވެހީން، 50،000 ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު ކޮންޓްރޯލާ އޮފް އިމިގްރޭޝަނަށް ލިބިގެންވާކަމަށް އިމިގްރޭޝަނުގެ ކޮންޓްރޯލާ ޖެނެރަލް މުޙައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެއެވެ.

އޭނާ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ބިދޭސީންނާއެކު މުއާމަލާތްތައް ހިންގާ ދިވެހިން، މަސައްކަތްކުރުމުގެ ހުއްދަނެތް ބިދޭސީއަކު ލައްވާ ރާއްޖޭގައި އެއްވެސް މަސައްކަތެއް ކުރުވުމަކީ އިމިގްރޭޝަން ޤާނޫނުގެ 30ވަނަ މާއްދާގެ ދަށުށް ކުށެށް ކަމަށެވެ.

މިފަދައިން ހުއްދަ ނެތް ބިދޭސީން ލައްވާ މަސައްކަތް ކުރުވާ ފަރާތްތައް 50,000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކޮށް އެމީހެއްގެ ޕާސްޕޯޓު ވަކިމުއްދަތަކަށް ހިފެހެއްޓުމުގެ އިހްތިޔާރު ލިބިދެނީ އެ ޤާނޫނުގެ 33 ވަނަ މާއްދާގެ، (ށ)ގެ ދަށުން ކަމަށް އެ ޕޯސްޓުގައި ވެއެވެ.

އެހެންކަމުން އެންމެހާ ފަރާތްތަކުން އިމިގްރޭޝަންގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް އަމަލު ކުރުމަށް ޝަމްއާން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން އިމިގްރޭޝަނުން ވަނީ އޮޕަރޭޝަނެއް ފަށާފައެވެ. ގަވާއިދާ ހިލާފަށް އުޅޭ ގިނަ ބިދޭސީންތަކެއް ދެނެގަނެ، މި އޮޕަރޭޝަންގެ ދަށުން އެމީހުން ހައްޔަރު ކުރުމުގެ މަސައްކަތް އިމިގްރޭޝަނުން ދަނީ ކުރަމުންނެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް ބިދޭސީން އުޅެ، ވިޔަފާރި ކުރާ މައްސަލަ ވަނީ ބޮޑުވެފައެވެ. އެ ގޮތަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު މިހާތަނަށް 1800 އަށްވުރެ ގިނަ ބިދޭސީން އެ މީހުންގެ ގައުމަށް ފޮނުވައިލާފައިވެއެވެ.

comment ކޮމެންޓް