ގާނޫނުތަކަށް ބަދަލު ގެންނަނީ ބިދޭސީންނަށް ދިވެހިން ޒިންމާވާން ޖެހޭ ގޮތަށް: ހޯމް މިނިސްޓްރީ

ބިދޭސީ މަސައްކަތްތެރިންތަކެއް: ގާނޫނުތަކަށް ބަދަލު ގެންނަނީ ބިދޭސީންގެ ކަންތައްތަކަށް ދިވެހިން ޒިންމާވާން ޖެހޭ ގޮތަށް ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފަ -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ގާނޫނުތަކަށް ބަދަލު ގެންނަނީ ރާއްޖެއަށް ބިދޭސީން ގެންނަ ދިވެހި ކުންފުނިތައް ނުވަތަ ފަރާތްތަކުން އެމީހުންގެ ޒިންމާ ނަގަން ޖެހޭ ގޮތަށް ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖޭގައި ގިނަ މަސައްކަތްތަކެއް ކުރުމުގައި ބިދޭސީން ހަރަކާތްތެރިވާއިރު، ގަވާއިދާއި ޚިލާފަށް މަސައްކަތް ކުރާ ބިދޭސީން ވެސް ރާއްޖޭގައި ގިނައެވެ. އަދި، ބިދޭސީންގެ ބެލުމުގެ ދަށުން އެކި ކަހަލަ ވިޔަފާރިތައް ވެސް ހިންގައެވެ.

އެސްއެސްޓީވީގެ "ބާރު ހަތަރެއް" ޕްރޮގާމްގައި ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ނައިބު އަޝްރަފް މުޙައްމަދު އަލީ ވިދާޅުވީ، މިހާރު އޮންނަ ނިޒާމުގެ ދަށުން ފޭކް ވޯކްޕާމިޓްތަކުގައި ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ނޯންނަ ކަމަށެވެ.

ނަމަވެސް، ގަވާއިދާ ޚިލާފަށް ބައެއް ބިދޭސީން ރާއްޖޭގައި އުޅޭކަން ފާހަގަކުރައްވައި އަޝްރަފް ވިދާޅުވީ އެފަދަ ކަންކަން ހުއްޓުވުމަށް މިނިސްޓްރީން ބައިވަރު ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ.

މަސައްކަތެރިންތަކެއް: ގާނޫނުތަކަށް ބަދަލު ގެންނަނީ ބިދޭސީންގެ ކަންތައްތަކަށް ދިވެހިން ޒިންމާވާން ޖެހޭ ގޮތަށް ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފަ -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

އޭގެއިތުރުން، ބިދޭސީންގެ މައްސަލަ ހައްލު ކުރަން ގާނޫނުތަކަށް ބަދަލު ގެންނަން ޖެހޭކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ، ގާނޫނުތަކަށް ބަދަލު ގެންނައިރު، އެންމެ ބޮޑަށް ބަދަލު ގެންނަން ޖެހެނީ ބިދޭސީންގެ ވިސާގެ ކަންތަކަށް ކަމަށެވެ.

މިސާލަކަށް ކުންފުންޏަކުން ކޯޓާ މި ނަގަނީ. 40 ނުވަތަ 50 ޕްރޮޖެކްޓަކަށް ކޯޓާ ނަގާފަ ގެނެއްސަ ހުރިހާ ބިދޭސީން އެތެރެވުމަށްފަހު، ފަހުން މައްސަލަތަކެއް އައީމަ އަނެއްކާ އަ ކުންފުންޏަކަށް ރަޖިސްޓާ ކުރަނީ. މީ ނިމުނެތް ކަމެއް ގޮތުގައި މި އޮންނަނީ، މިނިސްޓްރީ އޮފް ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ނައިބު އަޝްރަފް މުޙައްމަދު އަލީ

އެގޮތުން، މިހާރު އެކަންކަމަށް ގާނޫނުގެ ތެރެއިން ބަދަލު ގެނައުމަށް ޑްރާފްޓުތަކެއް އެކުލަވާލައިގެން އެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ގާނޫނުތަކަށް ބަދަލު ގެނެސް ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންނަށް ޒިންމާވާނެ ދިވެހި ފަރާތެއް ގާއިމު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަޝްރަފް އިތުރަށް ވިދާޅުވީ، ބިދޭސީން ރާއްޖެއަށް އެތެރެވަނީ ދިވެހި ކުންފުންޏެއް ނުވަތަ ދިވެއްސެއް މެދުވެރިކޮށް ކަމަށެވެ. ދިވެހިން ޒިންމާވާ ގޮތަށް އެ ނިޒާމު ބަދަލު ކުރުމަށްފަހު ވެސް އެންފޯސްމަންޓުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަން އޭނާ ފާހަގަކުރެއްވިއެވެ.

ނުގަވައިދުން އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރަން ފިންގާ ޕްރިންޓާއި ފޮޓޯ ނެގުމުގެ މަސައްކަތް އަމަލީ ގޮތުން ފެށުން: ގާނޫނުތަކަށް ބަދަލު ގެންނަނީ ބިދޭސީންގެ ކަންތައްތަކަށް ދިވެހިން ޒިންމާވާން ޖެހޭ ގޮތަށް ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފަ -- ސަން ފޮޓޯ/ މޫސާ ނަދީމް

ވޯކް ޕާމިޓްގައި އޮންނަ މަސައްކަތް ނޫން އެހެން މަސައްކަތްތައް ކުރާ ބިދޭސީން އެބަތިބިކަން، ބިދޭސީންގެ ބަޔޯމެޓްރިކް ޑާޓާ އެއްކުރުމަށް އެ މިނިސްޓްރީން ކުރިއަށް ގެންދާ 'ކުރަނގި އޮޕަރޭޝަން'އިން ދެނެގަނެވިފައި ވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ބިދޭސީންނަކީ އެ ބިދޭސީއަކު ބޭނުންވާ ދާއިރާއަކުން މަސައްކަތް ކުރުމަށް އެއްބަސްވެގެން އެތެރެކޮށްފައި ތިބި ބިދޭސީން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، ކޮންމެ ބިދޭސީއަކު ވެސް އެތެރެކުރަނީ ރެޖިސްޓާޑް ސައިޓަކަށް ކަމަށްވާއިރު، މިފަދަ ކަންކަން ހުއްޓުވަން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"މީގަ ފާހަގަކުރަން ޖެހޭ ކަމަކީ އެއްވެސް ބިދޭސީއަކާ ދޭތެރޭ ޒިންމާނުވާ ގޮތަށް ބިދެސީއަކު ރާއްޖެ އެތެރެވެގެން ނުވާނެ. ދިވެއްސަކު ނޫނީ ފަރުދުންތަކެއް ޒިންމާވާ ގޮތަކަށް ނޫނީ މިކަން ކުރިއަށް ގެންދަން އަޅުގަނޑުމެންނަށް ވަރަށް އުނދަގޫވާނެ" އޭނާ ވިދާޅުވިއެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން: ގާނޫނުތަކަށް ބަދަލު ގެންނަނީ ބިދޭސީންގެ ކަންތައްތަކަށް ދިވެހިން ޒިންމާވާން ޖެހޭ ގޮތަށް ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފަ -- ސަން ފޮޓޯ/ ނާއިޝް ނާހިދު

ފާހަގަކޮށްލެވޭ ގޮތުގައި، ހުއްދަނެތް ބިދޭސީންނާ އެކު މަަސައްކަތް ކުރާ ދިވެހީން، 50،000 ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު ކޮންޓްރޯލާ އޮފް އިމިގްރޭޝަނަށް ލިބިގެންވާ ކަމަށް ކޮންޓްރޯލާ ޖެނެރަލް މުޙައްމަދު ޝަމްއާން ވަހީދު ވެސް މިފަހުން ވިދާޅުވިއެވެ.

https://sun.mv/194093

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން އިމިގްރޭޝަނުން ވަނީ އޮޕަރޭޝަނެއް ފަށާފައެވެ. ގަވާއިދާ ހިލާފަށް އުޅޭ ގިނަ ބިދޭސީންތަކެއް ދެނެގަނެ، މި އޮޕަރޭޝަންގެ ދަށުން އެމީހުން ހައްޔަރު ކުރުމުގެ މަސައްކަތް އިމިގްރޭޝަނުން ދަނީ ކުރަމުންނެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރި ކުރާ މައްސަލަ ވަނީ ބޮޑުވެފައެވެ. އެ ގޮތަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު މިހާތަނަށް 1800 އަށްވުރެ ގިނަ ބިދޭސީން އެ މީހުންގެ ގައުމަށް ފޮނުވައިލާފައިވެއެވެ.

comment ކޮމެންޓް