ފައިސަލްގެ ރައްދު ޔާމީނަށް: މި ސަރުކާރުން އިގުތިސާދީ ހާލަތު ނޭނގިގެނެއް ނޫޅޭ

ޕީއެންސީން މިރޭ ބޭއްވި ޖަލްސާގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވާހަކަދައްކަވަނީ: އޭނާ ވަނީ މި ސަރުކާރަށް އިގްތިސާދީ ހާލަތު ނޭނގިގެނެއް ނޫޅެންކަމަށް ވިދާޅުވެ ޔާމީނަށް މަހުގެ ހަމަލާތައް ރައްދުކޮށްފައި -- ސަން ފޮޓޯ/ މޫސާ ނަދީމް

ރާއްޖޭގެ އިގްތިސާދީ ކަންކަން ނޭނގިގެން މި ސަރުކާރަކުން ނޫޅޭ ކަމަށާއި އަދި އެކަން އެނގިވަޑައިގަންނަވާނީ ވަކި ލީޑަރަކަށް ނޫން ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ރައްދު ދެއްވައިފިއެވެ.

ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ، ރާއްޖޭގެ އިގުތިސާދު އެނގިވަޑައިގަންނަވަނީ ވަކި ސިޔާސީ ލީޑަރަކަށް ކަމަށް ހީވުމަކީ ކުށްހީއެއް ކަމަށެވެ.

އެގޮތުން މިހާރު ރާއްޖޭގައި ވަރަށް ހޭލުންތެރި ޒުވާނުން އެބަ ތިބި ކަމަށާއި ރާއްޖޭގެ އިގިތިސާދީ ހާލަތު ނޭނގިގެން ނޫޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ދެން ނުކުމެ ފިނި ކޮޓަރިއެއްގައި އިންނަވައިގެން، ތިމާ ނޫން މީހަކަށް ރާއްޖޭގެ އިގްތިސާދު ނޭނގޭނެ ކަމަށް ދައުވާކުރުމަކީ މިއަދު ބޭފުޅުން މަލާމާތްކޮށް ޖޯކު ޖަހާނެ ކަމެއް. ހަތްމަސް ވާއިރު ދެން ދުނިޔޭގެ ފައިނޭންޝަލް އިންސްޓިޓިއުޝަން ތަކުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރުމުން ނިކުމެ މިއަދު އެ ވިދާޅުވާ މޮޅު އިކޮނޮމިސްޓު މި ވިދާޅުވަނީ މި ގައުމު ބަނގުރޫޓުވަނީއޭ. ނޫން މި ގައުމު ބަނގުރޫޓެއް ވެސް ނުވާނެ، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް

ފައިސަލް ވިދާޅުވީ، ރާއްޖޭގެ އިގުތިސާދީ ހާލަތު ގައުމުގެ ވެރިންނަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. އަދި މި ގައުމު ބަނގުރޫޓު ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް -- ސަން ފޮޓޯ/ ނާއިޝް ނާހިދު

ޔާމީން ގެންދަވަނީ މި ސަރުކާރުގެ އިގުތިސާދީ އަދި އެހެނިހެން ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެމަނިކުފާނުގެ ޕާޓީ، ޕީއެންއެފްއިން ބާއްވާ ޖަލްސާތަކުގައި ބަހުގެ ހަމަލާތައް ރައްދުކުރަމުންނެވެ.

https://sun.mv/193538

ރާއްޖެއަށް މިހާރު ދިމާވެފައި އޮތް އިގުތިސާދީ ހުރަސްތަކުން އަރައިގަންނަން ޚަރަދު ކުޑަކުރުން ނޫން ގޮތެއް ނެތް ކަމަށް ވޯލްޑް ބޭންކުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ އިކޮނޮމިސްޓް އަދި ރެޒިޑެންޓް ކޯޑިނޭޓާ އެރްދެމް އަތާސް ވަނީ ވިދާޅުވެފައެވެ.

މާލީ ހާލަތަށް ބަލައި ފިޗުން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ވެސް ދަށްކޮށްފައެވެ. އެއީ، ދައުލަތުގެ ދަރަނި ބޮޑުވުމާއި ބޭރުން ފައިސާ ހޯދަން ހުރި ދަތިތައް ފާހަގަކޮށް، ގެނައި ބަދަލެކެވެ.

ގައުމުގެ މާލީ ހާލަތާއި އިގްތިޞާދު މިހާރު އޮތް ގޮތުން ސިޔާސީ މަގާމުތައް މަދުކުރުމަށާއި، ބައެއް ހަރަކާތްތައް ނުބޭއްވުމަށް މީގެ ކުރިން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ނިންމަވައިފައެވެ.

comment ކޮމެންޓް