ޚަރަދުތަކުގެ ތަފުސީލް ހާމަނުކޮށް، ސަޕްލިމެންޓަރީ ބަޖެޓު ފާސްކުރަނީ ގާނޫނާ ޚިލާފަށް: ޔާމީން

ރައީސް ޔާމީން ޕީއެންއެފް އޮފީހަށް ވަޑައިގަތުން: އެމަނިކުފާނު ވިދާޅުވީ ޚަރަދުތަކުގެ ތަފްސީލް ހާމަނުކޮށް، ސަޕްލިމެންޓަރީ ބަޖެޓު ފާސްކުރަނީ ގާނޫނުއަސާސީއާ ޚިލާފަށް ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

މިއަހަރުގެ ދައުލަތުގެ ބަޖެޓުން ޚަރަދުކުރި ވަރުގެ ތަފްސީލުތައް ހާމަކުރުމެއް ނެތި، ސަރުކާރުގެ ފަރާތުން މި އަހަރަށް ލަފާކޮށް ހުށަހެޅި 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކުރަނީ ގާނޫނުއަސާސީއާ ޚިލާފަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.

މި އަހަރަށް މަޖިލީހުން ފާސްކުރީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ނަމަވެސް މި އަހަރުގެ ބަޖެޓުގައި އަންދާޒާކޮށްފައިވާ މިންވަރަށްވުރެ އިތުރަށް ބައެއް ދާއިރާތަކުން ޚަރަދުކުރަން ޖެހުމުން ކަމަށް ބުނެ މާލީ ވަޒީރު މަޖިލީހަށް ހުށަހެޅުއްވީ ޖުމުލަ 5,119,508,129 ރުފިޔާގެ ބަޖެޓެކެވެ. އެހެންވެ، މި އަހަރުގެ ބަޖެޓު 55 ބިލިއަން ރުފިޔާއަށް އަރާނެއެވެ.

ސަޕްލިމެންޓަރީ ބަޖެޓު ފާސްކުރަން ރައްޔިތުންގެ މަޖިލީހުގައި ބަޖެޓު ދިރާސާކުރަން ހޮއްވެވި ކޮމިޓީން މިއަދު ވަނީ ފާސްކޮށްފައެވެ.

ޕީއެންއެފްއިން މިރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ މާލިއްޔަތު ގާނޫނުގެ 32ވަނަ މާއްދާގައި ބުނާ ގޮތުގައި ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާއިރު، ސަޕްލިމެންޓްރީ ބަޖެޓާއެކީ ދައުލަތުގެ ބަޖެޓުގެ ޚަރަދު ހިނގާފައި ހުރި ގޮތާއި، މަދުވާ ފައިސާ ހޯދަން ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަނީ ކީއްވެކަން އެނގެންޖެހޭނެ ކަމަށެވެ. އަދި ސަޕްލިމެންޓްރީ ބަޖެޓެއް ބޭނުންވޭތޯ ނުވަތަ ނޫންތޯ ވެސް އެނގޭނީ އެ މައުލޫމާތުތައް އެނގިގެން ކަމަށް ޔާމީން ވިދާޅުވިއެވެ.

ނަމަވެސް ބަޖެޓު ކޮމިޓީން އެ މައުލޫމާތުތައް ސިއްރުކުރަން ފާސްކުރިކަން ފާހަގަކުރައްވާ ޔާމީން ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.

ކޮމިޓީގައި އިނީ ޕީއެންސީގެ މުގައްރިރެއް. އަލީ ފަޒާދު އިނީ. އިނދެގެން ވޯޓު ދިނީ މަޖިލީހުގެ ނުފޫޒުގަދަ އެއް ދައުރަށްވުރެ ގިނަ ދައުރު މަޖިލީހުގަ ހޭދަކުރި ޕީއެންސީގެ ބޭފުޅުން. އެބޭފުޅުންނަކީ އެންމެ ވަރުގަދައަށް ޓްރާންސްޕޭރެންސީ ނެތިގެން [ކުރީގެ ރައީސް] އިބްރާހީމް މުހައްމަދު ޞާލިޙު ސަރުކާރުގައި އަޑުގަދަކުރި ބޭފުޅުން. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް

ޔާމީން ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓެއް ފާސްކުރުމަށްޓަކައި ދައުލަތުން އެއް އަހަރު ދުވަހު ޚަރަދުކުރި ވަރު ބަލާކަށް ޕީއެންސީގެ މެންބަރުން ބޭނުންނުވާ ކަމަށެވެ.

އެހެންނަމަވެސް ނުދައްކާ ހިސާބުތަކެއްގެ މައްޗަށް ބިނާކޮށް ސަޕްލިމެންޓްރީ ބަޖެޓެއް ފާސްކުރެވޭނީ ކިހިނެއްތޯ ޔާމީން ސުވާލުއުފެއްދެވިއެވެ.

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ޕީއެންއެފްގެ ޖަލްސާގައި -- ސަން ފޮޓޯ/ މޫސާ ނަދީމް

މަޖިލީހުގައި ސަރުކާރުގެ މެންބަރުންގެ "އަދަދުތަކެއް އޮތުމުން" ބަޖެޓު ފަސޭހަކަމާއެކު ފާސްކުރެވިދާނެ ކަމަށް ޔާމީން ވިދާޅުވިއެވެ. ނަމަވެސް އެކަން އެ ކުރަނީ ގާނޫނުގެ ތެރެއަކުން ނޫން ކަމަށާއި ސަޕްލިމެންޓަރީ ބަޖެޓު ފާސްކުރުމަށް "މިހާރުން މިހާރަށް މަޖިލިސް އެ އޮތީ ގާނޫނު އަސާސީއާ ޚިލާފުވެފައި" ކަމަށް ޔާމީން ތަކުރާރުކޮށް ވިދާޅުވިއެވެ.

އަޅުގަނޑަށް ގަބޫލުކުރަން އުނދަގޫވެގެން މިއުޅެނީ ދައުލަތަށް މިދިޔަ 11 މަސްދުވަސްތެރޭގަ ލިބިފަ އޮންނާނީ އެންމެ 18 ބިލިއަންކަމަށް. 33 ބިލިއަން އެބޭފުޅުން އިންތިޒާރުކުރެއްވީ ލިބޭނެކަމަށް. އެއަށްވުރެ ގިނައިން ވަދެފަ އޮންނާނެ. ބާކީ ބަޔަށްވީ ކިހިނެއްހޭ ފުރަތަމަ ސުވާލަކީ. އެ ހާމަނުކުރާން އެ އުޅެނީ ކީއްވެހޭ؟، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް

މިދިޔަ ރިޔާސީ އިންތިޚާބުތެރޭގައި އޭރު އޮތް އެމްޑީޕީ ސަރުކާރުން ކަންކަން ފޮރުވަނީއޭ ވިދާޅުވަމުން މަގުމަތީގައި އަޑުގަދަކުރެއްވި ބޭބޭފުޅުން މިއަދު ވެރިކަމަށް ވަޑައިގެން ކަން ކުރައްވަނީ ހަމަ އެ ބީދައިން ކަމަށް ވިދާޅުވެ، ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ސަޕްލިމެންޓަރީ ބަޖެޓެއް މަޖިލީހަށް ހުށަހަޅަން ސަރުކާރުން ނިންމީ މި އަހަރަށް ކަނޑައެޅި ބަޖެޓު ހުސްވެގެންނެއް ނޫނެވެ. އެ ގޮތުން، މިދިޔަ މަހުގެ ނިޔަލަށް ބަޖެޓުން ޖުމުލަ ޚަރަދުވެފައިވަނީ 37.4 ބިލިއަން ރުފިޔާ ކަމަށް މާލީ ވުޒާރާއިން ބުންޏެވެ. އެއީ، ބަޖެޓުގެ 76 ޕަސަންޓެވެ.

މި ބަޖެޓުގައި ރިކަރަންޓު ޚަރަދުގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އެއީ:

  • މުސާރައަށް 24.4 މިލިއަން ރުފިޔާ
  • މެޑިކަލް ސަޕްލައިއަށް 200 މިލިއަން ރުފިޔާ
  • ސަބްސިޑީއަށް އެއް ބިލިއަން ރުފިޔާ
  • ބޭސް ފަރުވާގެ އެހީއަށް 262.6 މިލިއަން ރުފިޔާ

ބަޖެޓުގައި ކެޕިޓަލް ޚަރަދުގެ ގޮތުގައި 3.6 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އެއީ:

  • ބިން ހިއްކުމާއި އިމާރާތްކުރުން އަދި އިންފްރާސްޓްރަކްޗާއަށް 2 ބިލިއަން ރުފިޔާ
  • ކެޕިޓަލް ކޮންޓްރިބިއުޝަންގެ ގޮތުގައި 441 މިލިއަން ރުފިޔާ
  • ކޮންޓިންޖެންސީގެ ގޮތުގައި 650 މިލިއަން ރުފިޔާ
  • ސްޓޫޑެންޓް ލޯނު ދޫކުރަން 458.4 މިލިއަން ރުފިޔާ

ސަޕްލިމެންޓަރީ ބަޖެޓާ އެކު މި އަހަރުގެ ބަޖެޓު ޑެފިސިޓު 18 ބިލިއަން ރުފިޔާއަށް އަރާނެއެވެ. އެއީ، އުފެއްދުންތެރިކަމުގެ ނިސްބަތުން 16 ޕަސަންޓެވެ. އެހެންވެ، އަހަރު ނިމޭއިރު ދަރަނި ހުންނާނީ އުފެއްދުންތެރިކަމުގެ ނިސްބަތުން 118 ޕަސަންޓުގައި ކަމަށް ވަނީ ލަފާކޮށްފައެވެ.

މި ސަޕްލިމެންޓަރީ ބަޖެޓުގައިވަނީ ޖުމުލަ އާމްދަނީއާއި ހިލޭ އެހީއަށް އިތުރަށް 640 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައެވެ. އެއީ، ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީން އިތުރު 61 މިލިއަން އަދި އެހެނިހެން އާމްދަނީގެ ގޮތުގައި 379 މިލިއަނާއި ހިލޭ އެހީގެ ގޮތުގައި 199 މިލިއަން ރުފިޔާއެވެ.

މި އަހަރަށް ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓަކީ ކުރިން އަންދާޒާކުރި ވަރަށް ވުރެ ވަރަށް ބޮޑަށް ކުޑަ އަދަދެކެވެ. ކުރިން އަންދާޒާކޮށްފައި އޮތީ މި އަހަރަށް 10 ބިލިއަނެއްހާ ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަންޖެހޭނެ ކަމަށެވެ.

comment ކޮމެންޓް