ސަރުކާރުގެ ޚަރަދުތަކާ ގުޅޭ ގޮތުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ހާމަކުރެއްވި ހިސާބުތައް ދިމާނުވާ ކަމަށާއި ފައިސާ ޗާޕު ނުކުރާ ކަމަށް އެ މަނިކުފާނު ވިދާޅުވި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.
މިދިޔަ އޭޕްރިލް މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ފަހު ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)އިން ބޭއްވި ޖަލްސާގައި ޔާމީން އިޝާރާތް ކުރެއްވީ، ރޭ ވެރިކަން ކުރާ ޕީއެންސީގެ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ދެއްކެވި ވާހަކަފުޅާ ގުޅުވައިފައެވެ.
އެ ޖަލްސާގައި ރައީސް ވިދާޅުވީ މި ސަރުކާރުން ފައިސާ ޗާޕުނުކޮށް، އާމްދަނީގެ ގޮތުގައި ހޯދި ފައިސާއިން 13 ބިލިއަން ރުފިޔާ ދައްކައިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކުރީ ސަރުކާރުން ކުންފުނިތަކަށް ނުދައްކާ ހުރި ހަތަރު ބިލިއަން ރުފިޔާ އާއި ސަރުކާރުގެ ކުންފުނިތަކަށް ދެއްކި ހަތް ބިލިއަން ރުފިޔާއާއެކު ޖުމްލަ 11 ބިލިއަން ރުފިޔާ ހިމެނޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ބޭރުގެ ދަރަނީގެ ވެސް 2.7 ބިލިއަން ރުފިޔާ އެންމެ ލޯނެއް ވެސް ޑީފޯލްޓް ނުވެ ވަގުތުން ދައްކަމުން އައީ. ގާތްގަނޑަކަށް 13 ބިލިއަން ރުފިޔާ މިދިޔަ ހަތް މަސް ތެރޭ ވަނީ ދައްކާފައި،" ރައީސް ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ، ފައިސާ ޗާޕުނުކޮށް މި ސަރުކާރު ހިންގަވާތީ އެއީ 'ކްރެޑިޓް ދޭން ޖެހޭ ކަމެއް ކަމަށްވާނަމަ ކްރެޑިޓް ދޭ' ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ މި އަހަރަށް ދައުލަތަށް 36 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައި އޮތް ކަމަށާއި ނަމަވެސް ހަ މަސް ނިމިގެން ހަތް ވަނަ މަހަށް އަޅާއިރު މިހާތަނަށް ލިބުނީ 12 ބިލިއަން ރުފިޔާ ކަމަށެވެ. އެކަމަކު މިއީ އާމްދަނީގެ އެންމެ ބޮޑު ބައި ލިބެން ޖެހޭ މުއްދަތު ކަމަށް ޔާމީން ވިދާޅުވިއެވެ.
"އެހެންވީމަ އިގުތިސާދު ފަންކްޝަނެއް ނުކުރޭ، އަޅުގަނޑެއް ނުބުނަން އެއީ ސަރުކާރުގެ އިހުމާލެކޭ ބުނަނީކީއެއް ނޫން، ޓޫރިޒަމް އެރައިވަލް ދަށްވުމާއެކީ މި ކަންކަން އެބަހިނގާ،" އެ މަނިކުފާނު ވިދާޅުވިއެވެ.
"އެހެންވީމަ ދަންނަވަން މިއުޅޭ ވާހަކައަކީ އިގުތިސާދުގައި އެ ވިދާޅުވާ ދުޅަހެޔޮ ކަމެއް ނެތޭ."
ޔާމީން ވިދާޅުވި ގޮތުގައި އަންދާޒާއަށް ބަލާއިރު، ސަރުކާރުން މިހާތަނަށް އޮންނަން ވާނީ 18 ނުވަތަ 22 ބިލިއަން ރުފިޔާ ލިބިފައެވެ. އަދި ތަފާސްހިސާބަށް ބަލާއިރު ސަރުކާރުން 14 ބިލިއަން ހޯދަން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ނަމަވެސް ސަރުކާރަށް އެ ފައިސާ ނުހޯދޭ ކަމާއި އޭގެ ސަބަބުތައް ކިޔައިދެއްވަމުން ޔާމީން ވިދާޅުވީ، ސަރުކާރުން ޓްރެޝަރީ ބިލް ވިއްކައިގެން ފައިސާ ހޯދަން މަސައްކަތް ކުރި ނަމަވެސް އެ މަސައްކަތް ކާމިޔާބުނުވި ކަމަށެވެ.
"އެއީ ސަރުކާރުން އިޝޫކޮށްފައި އޮތް ޓްރެޝަރީ ބިލުގެ މިހާރު ވެސް އެބަހުރި ސަރުކާރުން އަނބުރާ ދައްކަން ޖެހޭ ޓްރެޝަރީ ބިލް އެބަހުރި ނުދައްކާ. ނުދައްކާ ހުރީމަ ދެން ސަރުކާރުން އިތުރު ޓްރެޝަރީ ބިލް ހަދައިގެނެއް ވިއްކޭނެ ތަނެއް ނޯންނާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ދެން އޮތް ގޮތަކީ ރާއްޖޭގެ ބޮންޑު މެދުވެރިކޮށް ފައިސާ ހޯދުން ކަމަށާއި، އެގޮތަށް ފައިސާ ހޯދުން ވެސް ކާމިޔާބުނުވާ ކަމަށް ޔާމީން ވިދާޅުވިއެވެ.
"ރޭގައި ރައީސް މުއިއްޒު އެ ވިދާޅުވީ ތިމަންނަމެންގެ ސަރުކާރުން ނޫޓު ޗާޕުނުކޮށް މިއިން އެއްވެސް ކަމެއް ނުކޮށް، އެ ވިދާޅުވި ހިސާބުތަކަށް ބަލައި ކަމަށްވަންޏާ 13.7 ބިލިއަން ރުފިޔާގެ ވާހަކަ އެ ދައްކަވަނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ނަމަވެސް ޔާމީން ވިދާޅުވި ގޮތުގައި މީރާގެ ހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް މީރާއަށް ލިބިފައިވަނީ 12 ބިލިއަން ރުފިޔާއެވެ. އެހެންވެ، ރައީސް ވިދާޅުވާ ހިސާބު ދިމާ ނުވާ ކަމަށާއި އޭގެ ސަބަބު ހޯދަން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެ މައުލޫމާތާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު ވާހަކަދައްކަވަން ޖެހޭ ކަމަށް ޔާމީން ވިދާޅުވިއެވެ.
"ކީއްވެގެންތޯ މިނިސްޓާ އޮފް ފިނޭންސް ރައީސުލްޖުމްހޫރިއްޔާއަށް ނުބައި މައުލޫމާތު ދެއްވަނީ؟" ޔާމީން އެއްސެވިއެވެ.
ސަރުކާރަށް މިހާތަނަށް ލިބުނީ 12 ބިލިއަން ކަމަށް ތަކުރާރު ކުރައްވަމުން ޔާމީން ވިދާޅުވީ، އެ ފައިސާއިން 13.7 ބިލިއަން ދެއްކި ގޮތުގެ ތަފުސީލަށް ބަލަން ޖެހޭ ކަމަށެވެ.
އެ ތަފުސީލު ހޯދަން އެމްއެމްއޭގެ ޚަރަދުގެ ތަފާސްހިސާބަށް ބަލާއިރު 'އެޑްވާންސެސް ޓު ދަ ގަވަމެންޓް' ކިޔާ ޚަރަދެއް އޮންނަ ކަމަށާއި އެއީ ސަރުކާރުން އެދިގެން ސަރުކާރަށް ދޭ ކުރު މުއްދަތުގެ ލޯނެއް އޮންނަކަން ޔާމީން ފާހަގަކުރެއްވިއެވެ. އެ ލޯނު އެއް މަސް ދުވަހުގެ ތެރޭގައި އަދާކުރަން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"މީގެ އެންމެ ވިޔާނުދާ އާދައެއް އުފައްދާފައި އޮތް މީހަކީ މިދިޔަ ސަރުކާރުގެ އިބްރާހީމް މުޙައްމަދު ޞާލިޙް. ބޮޑު އަދަދުގެ ފައިސާ އެމްއެމްއޭއިން ނަގާފައި ރައީސް ނަޝީދު މަޖިލީހުގައި އިންނަވައިގެން ވިދާޅުވީ މި ފައިސާ ދަންމާލާނީ 50 އަހަރަށޭ. އެއީ ކުރެވޭނެ ކަމެއް ނޫން،" ޔާމީން ވިދާޅުވިއެވެ.
އެހެންނަމަވެސް އެމްއެމްއޭއަކީ ދައުލަތުގެ މުއައްސަސާއަކަށްވާތީ އެގޮތަށް އަމަލުކުރި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އިތުރު ތަފާސްހިސާބަށް އަލިއަޅުއްވާލައްވައި ޔާމީން ވިދާޅުވި ގޮތުގައި މިދިޔަ ސަރުކާރު ނިމުނު އިރު، ނޮވެމްބަރާ ހަމައަށް 'އެޑްވާންސެސް ޓު ދަ ގަވަމެންޓް'ގެ ގޮތުގައި ދޫކޮށްފައި ހުރީ 1.7 ބިލިއަން ރުފިޔާގައެވެ.
"މިއަދުގެ ހިސާބަށް ބަލައި ކަމުގައި ވާނަމަ 'އެޑްވާންސެސް ޓު ދަ ގަވަމެންޓް'އަށް މިއުޅެނީ 14.7 ބިލިއަން ރުފިޔާ. އެހެންވީމަ މިއައީ އެއްކަލަ 13.7 ބިލިއަން. އެހެންވީމަ އެމްއެމްއޭއިން ބޮރޯ ކޮށްގެން މި އުޅެނީ،" ޔާމީން ވިދާޅުވިއެވެ.
އެއީ ފައިސާ ޗާޕު ކުރުން ކަމަށް ސިފަކުރައްވައި އެ މަނިކުފާނު ވިދާޅުވީ އެ ޕްރިންޓު ކުރާ މެޝިނަކުން ޗާޕުކޮށްގެން ގެނައުން ނުވަތަ އެމްއެމްއޭގައި ސާކިއުލޭޓު ނުކޮށް ހުންނަ ފައިސާ ނެގުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެ ދެވަނަ ގޮތަށް ފައިސާ ނެގުމަކީ ފައިސާ ޗާޕު ކުރުން ކަމަށް ޔާމީން ތަކުރާރުކުރެއްވިއެވެ.
"ހަމަ އެއް ނަތީޖާއެއް އެއީ. އެއީ މި ފައިސާ ޗާޕުނުކުރަމޭ ވިދާޅުވެގެން ދައުލަތް ހިންގާ ގޮތަކީ. އެއީ ފައިސާ ޗާޕު ކުރުން. އިގުތިސާދީ ނަތީޖާއަކީ އެއީ ފައިސާ ޗާޕު ކުރުން. އެމްއެމްއޭއިން ފައިސާ ސަރުކާރުން ލޯނު ނަގައިގެން ސަރުކާރެއް ނުހިންގޭނެ. މިއީ ގޯހެއް،" ޔާމީން ވިދާޅުވިއެވެ.
މިއީ ރައީސް މުއިއްޒު ވެރިކަމަށް އިންތިޚާބުވުމާއެކު، މިދިޔަ ނޮވެމްބަރު މަހު ޔާމީން ގެއަށް ބަދަލުކުރި ފަހުން އެ މަނިކުފާނު ޕޯޑިއަމެއްގައި ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ.
އެ މަނިކުފާނު އޭގެ ފަހުން އަމިއްލަ ޕާޓީ އުފައްދަވައި ޖަލްސާތައް ބޭއްވެވި ނަމަވެސް، ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވުމުން ސިޔާސީ މަސައްކަތްތަކުގައި ބައިވެރިވުން އޮތީ މަނާވެފައެވެ. އެހެންވެ، އެ މަނިކުފާނު އެ ޖަލްސާތަކުގައި ޚިޔާލު ފާޅުކުރެއްވީ ޕޯޑިއަމްގައި ހުރެ ވާހަކަދައްކާ މީހަކާ ސުވާލުކުރާ އުސޫލުންނެވެ.
އެ ޖަލްސާތަކުގައި ޔާމީން އެ މަނިކުފާނުގެ ޖަލު ހުކުމުގެ އިސްތިއުނާފު ލަސްވުމުންނާއި ހުކުމަށް އިތުރު ލުއިތަކެއް ނުދޭތީ ނުރުހުން ފާޅުކުރައްވަމުން ގެންދެވިއެވެ. އަދި ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހިމެނޭ ގޮތަށް، މި ސަރުކާރުގައި ތިއްބެވި އެ މަނިކުފާނުގެ ކުރީގެ އަރިސް ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދެވިއެވެ.
ޔާމީން އެފަދަ ގޮތަކަށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާތީ، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ކަރެކްޝަނަލް ސާވިސްއިން ދިން ނަމަވެސް ފިޔަވަޅެއް އަޅައިފައި ނުވެއެވެ.
އާރަށް ކުއްޔަށް ދޫކުރުމުގައި ޚިޔާނާތްވެ، އެ ފައިސާ ލޯންޑާ ކުރިކަމުގެ ތުހުމަތުގައި ދައުލަތުން ޔާމީންގެ މައްޗަށް އުފުލި ދެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، 11 އަހަރުގެ ޖަލު ހުކުމަކާއެކު ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ ޑިސެމްބަރު 25, 2022 ގައެވެ.
ވަރަށް ބޮޑަށް ދިގުލައިގެންދިޔަ އެ މައްސަލައިގެ އިސްތިއުނާފުގެ ހުކުމުގައި ހައިކޯޓުން ވަނީ، ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލުކޮށް، އެ މަނިކުފާނު މިނިވަންކުރުމަށާއި ދަށު ކޯޓުން މައްސަލަ އަލުން ބަލަން އަމުރުކޮށްފައެވެ. އެއާއެކު، މިދިޔަ އޭޕްރިލް މަހުގެ 18ގައި ޔާމީން މިނިވަންވިއެވެ.
އޭގެ ހަ ދުވަސް ފަހުން ބޭއްވި މަޖިލިސް އިންތިޚާބުގައި ޕީއެންއެފްގެ ގިނަ ކެންޑިޑޭޓުންތަކެއް ވާދަކުރި ނަމަވެސް އެ ޕާޓީއަށް ގޮނޑިއެއް ކާމިޔާބުނުވެއެވެ.
މިރޭގެ ޖަލްސާއަކީ އެ އިންތިޚާބަށް ފަހު އެ މަނިކުފާނު އާންމުންނާ ވާހަކަދައްކަވާ ފުރަތަމަ ފަހަރެވެ.