ސަޕްލިމެންޓްރީ ބަޖެޓަކީ އޮޅުވާލުމެއް, ރައްޔިތުންނަށް ކޮށްދޭ ކަމެއް ނޫން: ޔާމީން

ކުރީގެ ރައީސް ޔާމީން: އެ މަނިކުފާނު ވިދާޅުވީ ސަޕްލިމެންޓަރީ ބަޖެޓަކީ އޮޅުވާލުމެއް ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހެޅި ފަސް ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓަކީ ރައްޔިތުންނަށް އެއްވެސް ކަމެއް ކޮށްދޭން ހުށަހަޅާ ބަޖެޓެއް ނޫން ކަމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ރޭ ތުހުމަތުކުރައްވައިފިއެވެ.

މި އަހަރަށް ކަނޑައަޅާފައިވާ ދައުލަތުގެ ބަޖެޓު ހުސްވާތީ، ޚަރަދުތައް ހަމަޖެއްސުމަށްޓަކައި ފިނޭންސް މިނިސްޓަރު، އިއްޔެ މަޖިލީހަށް ހުށަހެޅުއްވީ ޖުމުލަ 5,119,508,129 ރުފިޔާގެ ބަޖެޓެކެވެ. އެހެންވެ، މި ބަޖެޓާ އެކު ޖުމުލަ މި އަހަރުގެ ބަޖެޓު 55 ބިލިއަން ރުފިޔާއަށް އަރާނެއެވެ.

ރޭ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕިއެންއެފް)ގެ އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވަނީ އެ ބަޖެޓަކީ އޮޅުވާލުމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އެގޮތުން އެއީ ރައްޔިތުންނަށް އެއްވެސް ކަމެއް ކޮށްދޭން ހުށަހަޅާ ބަޖެޓެއް ނޫން ކަމަށް ވިދާޅުވެ، މި ވަގުތު ބަޖެޓަކަށް އެދެންޖެހޭ ގާނޫނީ އަދި އިގުތިސާދީ އެއްވެސް ސަބަބެއް ނެތް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ސަޕްލިމެންޓްރީ ބަޖެޓުގައި ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް ދެ ބިލިއަނެއްހާ ރުފިޔާ ޖަހާފައި އޮތްކަން ފާހަގަކުރައްވާ ޔާމީން ވަނީ ރަށްރަށުގައި ކުރަނީ ކޮން މަސައްކަތެއްތޯ ސުވާލު އުފައްވަދާފައެވެ.

ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް އެބަ އޮތް ނުވަ ބިލިއަނެއްހާ ރުފިޔާ ޖަހާފައި [2024 ވަނަ އަހަރުގެ ބަޖެޓުގައި]. އެ ފައިސާ ޚަރަދުކުރާ ތަނެއް ނުފެނޭ ރަށްރަށަކުން. ދެން އެ ފައިސާ ހުސްވަނީ ކަމަށް ބަލައި އިތުރުކުރާ ދެ ބިލިއަން ރުފިޔާ [ސަޕްލިމެންޓްރީ ބަޖެޓުގައި]. މި އޮތް ދެ މަހުން ދެ ބިލިއަން ރުފިޔާ ޚަރަދުކުރާނެ ގޮތެއް ނުފެނޭ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް

އެފަދަ ކަންތައްތަކަށް މި ސަރުކާރުން ޖަވާބުދާރީވާން ޖެހޭ ކަމަށާއި ފެންނަނީ ހަމަ "ހުސް ބްލަފް" ނުވަތަ އޮޅުވާލުންތައް ކަމަށް ޔާމީން ތުހުމަތުކުރެއްވިއެވެ.

އިތުރަށް ފައިސާ ހޯދާ ސަބަބެއް ސާފުނުވި ނަމަވެސް ފެންނަނީ އެހެން މަންޒަރެއް ކަމަށް ޔާމީން ވިދާޅުވިއެވެ. އޭގެ ބަދަލުގައި ސަރުކާރުގެ ސިޔާސީ މަގާމުތަކުން ވަކިކުރާ މުވައްޒަފުން ކުންފުނިތަކުން ވަޒީފާ ހަމަޖައްސައިދޭން އުޅޭ ކަމަށް ތުހުމަތުކުރެއްވިއެވެ.

މާލީ ވުޒާރާއިން ބުނި ގޮތުގައި މަޖިލީހަށް ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަން ޖެހުނީ މި އަހަރުގެ ބަޖެޓުގައި އަންދާޒާކޮށްފައިވާ ވަރަށް ވުރެ އިތުރަށް ބައެއް ދާއިރާތަކުން ޚަރަދުކުރަން ޖެހުމުންނެވެ. މިދިޔަ އަހަރުގެ މާލީ ހިސާބުތައް ރިކޯޑުކުރުމުގައި ވެސް ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށް މާލީ ވަޒީރު ތުހުމަތުކުރައްވައެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅީ މި އަހަރަށް ކަނޑައެޅި 49.8 ބިލިއަން ރުފިޔާގެ ބަޖެޓު އެއްކޮށް ހުސްނުވަނީސް ކަމަށާއި، އެއިން ޚަރަދުކުރެވިފައި އޮތީ 76 އިންސައްތަ ކަމަށް ބުނެފައެވެ.

މި ބަޖެޓުގައި ރިކަރަންޓު ޚަރަދުގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އެއީ:

  • މުސާރައަށް 24.4 މިލިއަން ރުފިޔާ
  • މެޑިކަލް ސަޕްލައިއަށް 200 މިލިއަން ރުފިޔާ
  • ސަބްސިޑީއަށް އެއް ބިލިއަން ރުފިޔާ
  • ބޭސް ފަރުވާގެ އެހީއަށް 262.6 މިލިއަން ރުފިޔާ

ބަޖެޓުގައި ކެޕިޓަލް ޚަރަދުގެ ގޮތުގައި 3.6 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އެއީ:

  • ބިން ހިއްކުމާއި އިމާރާތްކުރުން އަދި އިންފްރާސްޓްރަކްޗާއަށް ދެ ބިލިއަން ރުފިޔާ
  • ކެޕިޓަލް ކޮންޓްރިބިއުޝަންގެ ގޮތުގައި 441 މިލިއަން ރުފިޔާ
  • ކޮންޓިންޖެންސީގެ ގޮތުގައި 650 މިލިއަން ރުފިޔާ
  • ސްޓޫޑެންޓް ލޯނު ދޫކުރަން 458.4 މިލިއަން ރުފިޔާ

ސަޕްލިމެންޓަރީ ބަޖެޓުގެ މަސައްކަތް މިހާރު އޮތީ އިތުރަށް ދިރާސާކުރުމަށްޓަކައި ބަޖެޓު ކޮމިޓީއަށް ފޮނުވައިފައެވެ.

އަހަރުގެ ފަހުކޮޅު ބަޖެޓު ހުސްވާތީ ކޮންމެ އަހަރަކު ވެސް ސަޕްލިމެންޓަރީ ބަޖެޓެއް ފާސްކުރަން ޖެހޭއިރު، މި އަހަރަށް ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓަކީ ކުރިން އަންދާޒާކުރި ވަރަށް ވުރެ ވަރަށް ބޮޑަށް ކުޑަ އަދަދެކެވެ. ކުރިން އަންދާޒާކޮށްފައި އޮތީ މި އަހަރަށް 10 ބިލިއަނެއްހާ ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަންޖެހޭނެ ކަމަށެވެ.

comment ކޮމެންޓް