ދިވެހިރާއްޖޭއަށް ފައިދާހުރި އަދި ދައުލަތަށް އާމްދަނީ ވަންނާނެ މަޝްރޫއުތައް މުޒާހަރާކޮށްގެން ހުއްޓުވާނަމަ ގާނޫނީ ފިޔަވަޅު މި ސަރުކާރުން އަޅާނެކަމުގެ އިންޒާރު، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު މިރޭ ދެއްވައިފިއެވެ.
ޝުޖާއު މިފަދައިން ވިދާޅުވީ، ވ. ބޮޑުފިނޮޅު ވިއްކާލި މައްސަލައިގައި އެ އަތޮޅު މީހުން ކެޔޮދިއްފުށި ފަޅުގައި މުޒާހަރާކުރަން ފަށާފައިވަނިކޮށެވެ.
މިއަހަރުގެ މެއިމަހު ޓޫރިޒަމް މިނިސްޓްރީން ވަނީ ފަތުރުވެރިކަން ތަރައްގީ ކުރުމަށް ފަސް ފަޅަކާއި 12 ރަށެއް ކުއްޔަށް ދޫކުރުމަށް ހުޅުވާލާފައެވެ. އޭގެތެރޭގައި ވ. އަތޮޅުގެ ފަޅެއް ހިއްކަައިގެން ފަތުރުވެެރިކަން ތަރައްގީ ކުރުމަށް ހުޅުވާލިއެވެ.
ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު ތުހުމަތުކުރެއްވީ، ދައުލަތަށް ފައިދާވާ ކޮންމެ މަޝްރޫއެއް ހުއްޓުވަނީ އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން ކަމަށެވެ.
އަޅުގަނޑު މިރޭ ދަންނަވާލަން ބޭނުން އެމްޑީޕީއަށް، ދިވެހިރާއްޖޭގައި ކުރިއަށްދާ މަޝްރޫއުތަކެއް މީގެ ފަހުން މުޒާހަރާކޮށްގެން ނުހުއްޓޭނޭ. އެއީ މާޒީގައި އަޅުގަނޑުމެން އެ ތަޖުރިބާ ކޮށްފަވާތީވެ. ދިވެހިރާއްޖެއަށް މީގެ ކުރިން އަންނަން ހުރި ބޮޑެތި މަޝްރޫއުތައް އެމްޑީޕީން މުޒާހަރާކޮށްގެން ވަނީ ހުއްޓުވާފަ. އޭގެ ނޭދެވޭ އަސަރު އަޅުގަނޑުމެންނަށް ކޮށްފަ އެބަވޭ، ބާރަށު ދާއިރާގެ މެންބަރު އިބާރާހީމް ޝުޖާއު
ޝުޖާއު ވިދާޅުވީ މީގެ ކުރިން ކުޅުދުއްފުށީ އެއާޕޯޓު ތަރައްގީކުރަން ފެށުމުން ކުޅުދުއްފުއްޓަށް ނިސްބަތްވާ ބަޔަކު ލައްވާ 'ކުޅި ހިމާޔަތްކުރުމުގެ' ނަމުގައި އެމްޑީޕީން މުޒާހަރާ ކުރިކަމަށެވެ. އަދި ސިނަމާލެ ބުރިޖުގެ މަޝްރޫއު ފަށައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ ޓީމުން މަސައްކަތްކުރަމުން ދިޔަ އިރު ވެސް ރާޅުގަނޑު ސަރަޙައްދުގައި ރާޅާ އަޅަން އުޅޭ ކުދިން ލައްވާ އެމްޑީޕީން މުޒާހަރާ ކުރުވި ކަމަށް ޝުޖާއު ތުހުމަތުކުރެއްވިއެވެ.
ހަމަ އެ ގޮތަށް މިއަދު ވ. އަތޮޅުގައި ބޮޑު ޓޫރިޒަމްގެ މަޝްރޫއެއް ރައީސް މުއިއްޒު ފެއްޓެވުމުން އެމްޑީޕީން އެކަން ހުއްޓުވަނީ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންނަމަވެސް މި ސަރުކާރުން އެކަން ވިޔަ ނުދޭނެ ކަމަށާއި، ދައުލަތަށް އާމްދަނީ ވަންނާނެ އަދި ދައުލަތަށް ފައިދާވާނެ ކޮންމެ މަޝްރޫއަކަށް ހުރަސް އަޅާ މީހަކަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޝުޖާއު ދެއްވިއެވެ.
މިއަދު ވ. އަތޮޅުގަ ބޮޑު ޓޫރިޒަމްގެ މަޝްރޫއެއް ރައީސް މުއިއްޒުގެ ޒައާމަތުގައި ފެށީމަ އެމްޑީޕީ ބަޔަކު އަޅުގަނޑު މިއަދު ބޭނުންވަނީ މިކަން ހުއްޓާލާށޭ، މި ސަރުކާރުގަ ދައުލަތަށް އާމްދަނީ ލިބޭ، ދައުލަތުގެ މާލިއްޔާއަށް ފައިދާ ހުރި މަޝްރޫއުތަކަށް ހުރަސް އަޅާ މީހުންނާ ދޭތެރޭ ގާނޫނީ ފިޔަވަޅު މިސަރުކާރުން އަޅާނަމޭ، އަދި މިކަމަށް ހިތްވަރުދޭ މީހުން ވެސް އެއީ ވެރިކަން ކޮށްފަ ހުރި މީހެއްތޯ ނޫންތޯ ނުބަލައި ގާނޫނީ އިމުގެ ތެރެއިން އެމީހަކަށް ދޭންޖެހޭ ހައްގު އަދަބު ދޭން މި ސަރުކާރުން ފަސްނުޖެހޭނެ ވާހަކަ މި ފުރުސަތުގައި ދަންނަވަން، ބާރަށު ދާއިރާގެ މެންބަރު އިބާރާހީމް ޝުޖާއު
ބޮޑުފިނޮޅު ކުއްޔަށް ދޫކުރަން ހުޅުވާލީ ކައުންސިލާ މަޝްވަރާ ކުރުމެއް ނެތިކަން ފާހަގަކޮށް އޭރު ވ. އަތޮޅު ކައުންސިލުން ކަންބޮޑުވުން ފާޅުކުރިއެވެ.
އެއާއެކު މިއަދު ވ. އަތޮޅު ތިނަދޫ، ފެލިދޫ، ފުލިދޫ އަދި ކެޔޮދޫ ރައްޔިތުން ގުޅިގެން ވަނީ މުޒާހަރާ ކުރަން ފަށާފައެވެ.
މުޒާހަރާގެ ބައިވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ، ވ. އަތޮޅުގެ ގިނަ ރަށްތަކެއް އެކި ބޭނުންތަކަށް ކުޑަ މުއްދަތެއްގެ ތެރޭގައި ވިއްކާލާފައި ވާއިރު، ފަތުރުވެރިކަމަށް ބޭނުންކުރެވެން އޮތް ހަމައެކަނި ފިނޮޅު ވެސް ވިއްކާލުމެވެ.
މި މުޒާހަރާގައި ކެޔޮދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުޙައްމަދު ނިއުޝާދު ބައިވެރިވެ ވަޑައިގެން ވިދާޅުވީ، އެދެނީ އަތޮޅު ކައުންސިލާއި އެ އަތޮޅުގެ ގެސްޓް ހައުސް ކޮމިއުނިޓީއާ ވެސް މަޝްވަރާކޮށް، މި ފިނޮޅު ނޫން އެހެންތަނެއް ބިޑު ކާމިޔާބު ކުރި މީހުންނަށް ދިނުން ކަމަށް ވިދާޅުވިއެވެ.
އެ މައްސަލަ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ވެސް ހުށަހަޅާނެ ކަމަށް ނިއުޝާދު ވިދާޅުވިއެވެ.
މާލޭގެ އިތުރުން ވާވު އަތޮޅަކީ ފަތުރުވެރިކަމަށް މެދުރާއްޖެތެރޭގައި އެންމެ މަޝްހޫރު އެއް ހިސާބެވެ.