ބޮޑުފިނޮޅު މައްސަލައިގައި ވ. އަތޮޅު ރައްޔިތުން މުޒާހަރާއަށް

ވ. ބޮޑުފިނޮޅު ވިއްކާލި މައްސަލައިގައި މުޒާހަރާ ކުރަނީ --

ވ. ބޮޑުފިނޮޅު ވިއްކާލި މައްސަލައިގައި އެ އަތޮޅު މީހުން ކެޔޮދިއްފުށި ފަޅުގައި މުޒާހަރާކުރަން ފަށައިފިއެވެ.

މި މުޒާހަރާ ކުރަނީ، ވ. އަތޮޅު ތިނަދޫ، ފެލިދޫ، ފުލިދޫ އަދި ކެޔޮދޫ ރައްޔިތުން ގުޅިގެންނެވެ. މި މުޒާހަރާގައި ކެޔޮދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުޙައްމަދު ނިއުޝާދު ވެސް ބައިވެރިވެ ވަޑައިގަތެވެ.

މުޒާހަރާގެ ބައިވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ، ވ. އަތޮޅުގެ ގިނަ ރަށްތަކެއް އެކި ބޭނުންތަކަށް ކުޑަ މުއްދަތެއްގެ ތެރޭގައި ވިއްކާލާފައި ވާއިރު، ފަތުރުވެރިކަމަށް ބޭނުންކުރެވެން އޮތް ހަމައެކަނި ފިނޮޅު ވެސް ވިއްކާލުމެވެ.

ވ. ބޮޑުފިނޮޅު ވިއްކާލި މައްސަލައިގައި މުޒާހަރާ ކުރަނީ --

މި ފިނޮޅަކީ ދިޔަ ބޮޑުކޮށް އޮންނައިރާއި ކުޑަކޮށް އޮންނައިރު ވެސް ދެވޭ ހަމައެކަނި ފިނޮޅު ކަމަށާއި، އެހެން އަތޮޅުތަކުގެ ފަތުރުވެރިންނާއި ރިސޯޓުތަކުން ވެސް މި ފިނޮޅު ބޭނުންކުރާކަން މުޒާހަރާގެ ބައިވެރިން ފާހަގަކޮށްފައި ވެއެވެ.

މި މުޒާހަރާގައި ވާހަކަ ދައްކަވަމުން މެމްބަރު ނިއުޝާދު ވިދާޅުވީ، މި ފިނޮޅު ވިއްކާލާފައި ވަނީ، ލާމަރުކަޒީ ގާނޫނާ ޚިލާފަށް އަތޮޅު ކައުންސިލާ މަޝްވަރާ ކުރުމެއް ނެތިކަމަށެވެ.

"އަތޮޅު ކައުންސިލަށް މިކަން އިނގުނީ ނޫހެއް ޖަހާފަ އޮތީ ބޮޑުފިނޮޅު ސަރުކާރުން ކޮންމެވެސް ބަޔަކަށް ރިސޯޓު ހެދުމަށް ވިއްކާލާފައި ވާކަމަށް،" ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވިއެވެ.

ނިއުޝާދު ވިދާޅުވީ، އެދެނީ އަތޮޅު ކައުންސިލާއި އެ އަތޮޅުގެ ގެސްޓް ހައުސް ކޮމިއުނިޓީއާ ވެސް މަޝްވަރާކޮށް، މި ފިނޮޅު ނޫން އެހެންތަނެއް ބިޑު ކާމިޔާބު ކުރި މީހުންނަށް ދިނުން ކަމަށެވެ.

"މިތަނަކީ ހަމައެކަނި ވ. އަތޮޅެއް ނޫން ކ. އަތޮޅު އއ. އަތޮޅާ އދ. އަތޮޅުގެ ރިސޯޓުތަކުންނާ ގެސްޓު ހައުސްތަކުން ވެސް އައިސް ނުވި ތާކަށް ރާއްޖޭގެ ގިނަ ސަފާރީތައް ވެސް ބޭނުން ކުރާ ފިނޮޅެއް މީ،" އޭނާ ވިދާޅުވިއެވެ.

މި މައްސަލަ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ވެސް ހުށަހަޅާނެ ކަމަށް ނިއުޝާދު ވިދާޅުވިއެވެ.

މިއަހަރުގެ މޭމަހު ޓޫރިޒަމް މިނިސްޓްރީން ވަނީ ފަތުރުވެރިކަން ތަރައްގީ ކުރުމަށް ފަސް ފަޅަކާއި 12 ރަށެއް ކުއްޔަށް ދޫކުރުމަށް ހުޅުވާލާފައެވެ. އޭގެތެރޭގައި ވ. އަތޮޅުގެ ފަޅެއް ހިއްކަައިގެން ފަތުރުވެެރިކަން ތަރައްގީ ކުރުމަށް ހުޅުވާލިއެވެ.

އެ ފަޅު ކުއްޔަށް ދޫކުރަން ހުޅުވާލީ ކައުންސިލާ މަޝްވަރާ ކުރުމެއް ކަން ފާހަގަކޮށް އޭރު ވ. އަތޮޅު ކައުންސިލުން ކަންބޮޑުވުން ފާޅުކުރިއެވެ.

މާލޭގެ އިތުރުން ވާވު އަތޮޅަކީ ފަތުރުވެރިކަމަށް މެދުރާއްޖެތެރޭގައި އެންމެ މަޝްހޫރު އެއް ހިސާބެވެ.

comment ކޮމެންޓް